"ބޮޑު ބަދަލު"ގެ ބަހުސް ކޮންގްރެސްގައި ކުރިއަށްދާއިރު އެމްޑީޕީގެ އަސާސީ ގަވައިދަށް ވެސް ބަދަލުތައް އައުން އެކަށީގެންވާ ކަމަށާއި "ބޮޑު ބަދަލު" ގެނެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހަށް ވެސް ބަދަލުތައް ގެނެވޭނެ ކަމަށް އެ ޕާޓީގެ މާލީ ކަންކަމާ ބެހޭ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒް (ޝިއްޕެ) މިރޭ ވިދާޅުވެއްޖެއެވެ.
'އެސްއެސްޓީވީ'ގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ބޮޑު ބަދަލުގެ ކަރުދާހުގެ މަސައްކަތް އެމްޑީޕީގެ ކޮންގްރެސްގައި ކުރިއަށް ގެންދާއިރު، އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލުތައް އައުން އެކަށީގެންވާ ކަމަށެވެ.
"މިހާރު ބައިވަރު ވިސްނުންތައް އައިސް އެބަހުރި، އިސްލާހުތައް ވެސް އައިސް އެބަހުރި، އެހެންވީމާ އެ ޑިބޭޓަކީ ވަރަށް މުހިއްމު ޑިބޭޓަކަށް ވާނެ އެމްޑީޕީގެ ކޮންގްރެސްމަނުން ބައިވެރިވާން އިނގޭތޯ،" ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ބޮޑު ބަދަލު ގެނެވިއްޖެ ކަމަށް ވާނަމަ ރައްޔިތުންގެ މަޖިލިސް އޮންނަ ގޮތަށް ވެސް ބަދަލުތައް ގެނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެއް ކަރުދާހުގައި އެބަ އޮވޭ ސިންގަލް ކޮންސްޓިޓުއެންސީ އުވައިލަން، އޭގެ މާނައަކީ ކޮންމެ 5،000 މެންބަރެއްގެ ތެރެއިން އިންތިޚާބުކުރާ ބޭފުޅަކު ހުރުން އެ ހިސާބުން ނިމުނީއޭ، މިސާލަކަށް ހއ. [އަތޮޅު]ގައި އޮވޭ ފަސް ދާއިރާ އިދާރީ، އެ ފަސް ދާއިރާ ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހުގައި ފަސް ބޭފުޅުން ތިއްބަވާ، އެކަމަކު އެ ފަސް ބޭފުޅުން އިންތިޚާބުވާން ޖެހޭނީ މުޅި އަތޮޅު ހުރިހާ ރަށެއްގެ ވޯޓުންނޭ، އޭރަށް އަޅުގަނޑުމެންނަށް މި ބެލެވެނީ ކޮރަޕްޝަނަށްދާ ބައި ކުޑަކުރެވެޔޭ، ނުފޫޒު ފޯރުވާ ބައި ކުޑަކުރެވެޔޭ،" ޝިފާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަހަލަ ބަދަލުތަކެއް ގެނެވިއްޖެނަމަ ވަކި ދާއިރާއެއްގެ ބަދަލުގައި މުޅި އަތޮޅު ތަމްސީލުކުރަން މަޖިލީހުގެ މެންބަރުންނަށް މަޖުބޫރުވާނެއެވެ.
އެއާއެކު ދާއިރާތަކުގެ ރައީސުން އިންތިޚާބުކުރާނެ ގޮތް ފަދަ ބަދަލުތައް އެމްޑީޕީގެ އަސާސީ ގަވައިދަށް ވެސް އަންނާނެ ކަމަށާއި، ޕާޓީގެ މަގާމުތަކަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ބޮޑު ބަދަލަކީ ކުރެވޭނެ ކަމެއްތޯ ނޫންތޯ އެމްޑީޕީގެ ކޮންގްރެސްގައި ބަލާނެ ކަމަށާއި ބޮޑު ބަދަލުގެ ސިޔާސަތުތަކަށް އަންނަ ބައެއް ބަދަލުތައް ވެސް ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ތިން ދުވަހު، މާލޭ ސިޓީ ކައުންސިލުގެ ހޯލުގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބުރޭ) ވިދާޅުވީ، ކޮންގްރެސްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިހާތަނަށް 980 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީވެފައިވާ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފައިވާއިރު، ކޮންގްރެސް ކިޓު ދޫކުރުން އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު އެމްޑީޕީގެ މައި ހަރުގޭގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޕްރެސްގައި މައުލޫމާތު ދެއްވަމުން ޝިފާޒް ވިދާޅުވީ ކޮންގްރެސްގައި ރަޖިސްޓްރީވާން ހުޅުވާލި ފުރަތަމަ ދުވަހު ވެސް 500 އަށް ވުރެ ގިނަ މެންބަރުން ރަޖިސްޓްރީވި ކަމަށާއި، މިހާތަނަށް 986 މެމްބަރުން ރަޖިސްޓްރީވެފައިވުމުން ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ ކޮންގްރެސް، އަދި 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓު ހޯދުމަށް ބާއްވާ ޕްރައިމަރީއާ ގުޅިގެން އެތެރޭގެ ސިޔާސީ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.
އެގޮތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ މުހިންމު ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ތާއީދާއެކު ނުކުންނަވާ ކުރީގެ އިގްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލާއި އެމްޑީޕީގެ ކުރީގެ ރައީސް އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދާއި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ވަނީ ފާޅުކުރައްވައިފައެވެ.