ދެ ބިދޭސީން ގެއްލުނުތާ ދެ ހަފުތާ، އަދިވެސް ހޯދުން ކުރިއަށް

ގާފަރު ކައިރިއަށް ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލާފައި: އެ ލޭންޑިން ކްރާފްޓުން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ -- ފޮޓޯ: އެމްއެންޑީއެފް

ކ. ގާފަރު ކައިރިއަށް މިދިޔަ މަހު 31ގައި އަޑިއަށް ދިޔަ ލޭންޑިން ކްރާފްޓުން ބިދޭސީންތަކެއް ގެއްލުނުތާ ދެ ހަފުތާ ވާން ގާތްވެފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ދިހަ މީހުންނާއެކީ، ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް، އެ ލޭންޑިން ކްރާފްޓުން އަޑިއަށް ގޮސްގެން ބަޔަކު ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ފެށީ، މިދިޔަ މަހު 31 ވަނަ ދުވަހުގެ ހެނދުނެވެ.

https://sun.mv/225388

ގާފަރު ކައިރިއަށް އަޑިއަށް ދިޔަ އެ ލޭންޑިން ކްރާފްޓުން އިންޑިއާއަށް ނިސްބަތްވާ ދެ ބިދޭސީން ވަނީ ގެއްލިފައެވެ. މާދަމާއަށް އެ މީހުން ގެއްލުނުތާ، ދެ ހަފުތާ ފުރޭނެއެވެ.

'ސަން'އިން ސުވާލުކުރުމުން އެމްއެންޑީއެފުން މިއަދު ބުނީ، އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން، ވަޔާއި ކަނޑުގެ މަގުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މިހާތަނަށް އެ މީހުން ހޯދަން ބެލުނު ސަރަހައްދުގެ ތަފުސީލެއް އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.

ލޭންޑިން ކްރާފްޓުން ސަލާމަތްކުރި މީހުން ގާފަރަށް ގެންދިޔުން --- ފޮޓޯ/ ގާފަރު މީޑިއާ، ފޭސްބުކް

އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ދެ ދިވެހީންނާއި ހަ ބިދޭސީން ސަލާމަތްކޮށް، ހަމަ އެ ދުވަހު ގާފަރަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރެއްގައެވެ. މި ހާދިސާ ހިނގިތާ ހަފުތާއެއް ނުވެ، ކަނޑުމަތީގެ އިތުރު ހާދިސާއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ތިން މީހަކު ވަނީ ގެއްލިފައެވެ.

https://sun.mv/225763

މި ހާދިސާގައި ގެއްލުނީ، ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ސަޕްލައި ދޯނީގެ ކައްޕިއާއި އެ އުޅަނދާއި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކާއި އެމްއެންޑީއެފް އޮފިސަރެކެވެ. މިހާތަނަށް އެ މީހުން ވެސް ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް