ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ނިއުދިއްލީގައި ބޭއްވި، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ސަރަހައްދީ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.
"ރީޖަނަލް މީޓިން ފޮ ދަ ރޯޑް ސޭފްޓީ: ޓުވާޑް ސޭފަ މޮބިލިޓީ އިން ދަ ސައުތު-އީސްޓް އޭޝިއާ ރީޖަން" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުން އޮތީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ބުދަ ދުވަހަށް އިންޑިއާގެ ނިއުދިއްލީގައެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ ނިޒާމު ވަރުގަދަކުރުމާއި، ސިޔާސަތުތައް ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާއާއި ދަތުރުފަތުރާއި ކަމާގުޅުންހުރި އިދާރާތަކާއި ރެގިއުލޭޓަރުންގެ ދައުރު ސާފުކޮށްދިނުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީތައް ހާސިލުކުރުމުގައި ގައުމުތަކަށް އެހީތެރިވުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ފުލުހުން ހިއްސާކުރި މައުލޫމާތުގައިވެއެވެ. އަދި ދުޅަހެޔޮ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކާ ގުޅުވައިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުންވެސް ބައިވެރިންގެ މެދުގައި ވަނީ ޚިޔާލު ބަދަލުކޮށްފައިކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.
މަގުތަކުގެ ކާރޫބާރޫ ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ދިވެހި ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް ވެސް އަޅަމުންނެވެ. އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް ދުއްވާ މީހުން ހޯދައި، ފިޔަވަޅު އެޅުމުގެ ޚާއްސަ އޮޕަރޭޝަންތަކެއް ފުލުހުން ކުރިއަށްގެންދެއެވެ.