ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ސީލް އަޅުވާފައި ހުރި ތިން ކޮންޓެއިނަރެއްގެ ސީލް ކަނޑާލައި، އެ ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ޗައިނާގެ ތިން ރައްޔިތަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ބަންދުގެ މުއްދަތު ޖަހައިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޝިލޯން ސޯންގް އާއި، 40 އަހަރުގެ ޓިއަން އަދި 55 އަހަރުގެ ޔޮން ގު ނަމަކަށް ކިޔާ ތިން ފިރިހެނުންނަށެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ގާޒީ މުޒައްމިލު ނާޞިރު ވަނީ އެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކުރައްވައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ކޯޓުގައި ބުނެފައިވަނީ، މި ތިން މީހުން އިތުރު ބަޔަކާ ގުޅިގެން، ރާއްޖެއިން ބޭރަށް ފޮނުވަން ތައްޔާރުކޮށްފައި ހުރި ތިން ކޮންޓެއިނަރެއްގެ ސީލް ކަނޑައި، ގެއްލުންދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ކުށަށް އިންކާރުކުރި ނަމަވެސް، އެ މީހުން މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޮމިއުނިޓީ އޮފިސަރެއްގެ ބަޔާން ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށެވެ. އަދި އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ރިޢާޔަތްކޮށް، އަންނަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ މީހުން ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.