މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސްރީލަންކާއަކީ ބޭރު ފައިސާ ހުސްވެފައިވާ ގައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެނުނު އެންމެ ބޮޑު އެއް މިސާލެވެ. ދެހާސް ބާވީސް ވަނަ އަހަރު އެ ގައުމަށް ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމުގެ ފުރުސަތު ބަންދުވެ، ރިޒާވް ހުސްވެ، ބޭރުގެ ދަރަނިތައް ނުދެއްކި ޑީފޯލްޓްވިއެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނި ގޮތުގައި، ކާރިސާގެ އެންމެ ނުރައްކާތެރި ވަގުތުގައި އެ ގައުމުގައި ބޭނުންކުރެވޭ ގޮތަށް ހުރި ރިޒާވްގައި ހުރީ ދެ ހަފުތާގެ އިމްޕޯޓަށް ފުދޭ މިންވަރަށް ވުރެ ވެސް މަދު ފައިސާއެވެ.
ނަމަވެސް މިއަދު އެ މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފެށުނުއިރު ސްރީލަންކާގައި ބޭނުންކުރެވޭ ރިޒާވް ވަނީ 5.4 ބިލިއަން ޑޮލަރަށް އަރާފައެވެ. އަދި މި އަހަރުގެ އެޕްރީލް މަހާ ހަމައަށް ޖުމްލަ ރަސްމީ ރިޒާވް 6.8 ބިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މިއީ ހަމައެކަނި ކުއްލިއަކަށް ފައިސާތަކެއް ހޯދައިގެން ވީ ކަމެއް ނޫނެވެ. މިއީ އެ ގައުމުގެ އިގުތިސާދަށް ބޭރު ފައިސާ ވަންނަ ގޮތާއި، ޚަރަދުކުރާ ގޮތް ބަދަލުކޮށްގެން ހޯދި ނަތީޖާއެކެވެ.
އެންމެ ފުރަތަމަ ފިޔަވަޅަކަށް ސްރީލަންކާއިން ކުރި ކަމަކީ ބޭރު ފައިސާ ބޭރުވުން ހުއްޓުވުމެވެ. ދެހާސް ބާވީސް ވަނަ އަހަރު ބޭރުގެ ދަރަނިތައް ދެއްކުން މަޑުޖައްސާލައި، ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފެށިއެވެ. ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ބޮޑެތި ދަރަނިތައް ދައްކަން ނުޖެހުމުގެ ސަބަބުން، ފަތުރުވެރިކަމާއި ރެމިޓެންސްގެ ގޮތުގައި ލިބުނު ފައިސާއިން ރިޒާވް ބިނާކުރުމުގެ ފުރުސަތު ލިބުނެވެ.
ދެވަނަ ކަމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީތެރިކަން ހޯދުމެވެ. އައިއެމްއެފްގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ ޕްރޮގްރާމްގެ ދަށުން ސްރީލަންކާއިން ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމާއި، ޚަރަދުތައް ކުޑަކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް ފަށާފައެވެ. އައިއެމްއެފްއިން މިދިޔަ އަހަރު ބުނި ގޮތުގައި، މި އިސްލާހުތަކުގެ ސަބަބުން އިގުތިސާދީ ދުވެއްޔާއި، އިންފްލޭޝަން އަދި ދައުލަތުގެ އާމްދަނީއަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ.
ރިޒާވް އިތުރުވުމުގެ އަނެއް ސިއްރަކީ ފަތުރުވެރިކަމާއި ރެމިޓެންސްއެވެ. ވޯލްޑް ބޭންކުން ބުނި ގޮތުގައި ސްރީލަންކާގެ ކަރަންޓް އެކައުންޓް ސާޕްލަސްއެއްގައި ހިފެހެއްޓުމަށް އެންމެ ބޮޑަށް އެހީތެރިވީ ފަތުރުވެރިކަމުން ލިބުނު އާމްދަނީއެވެ. މީގެ އިތުރުން، ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތުން ފޮނުވި ފައިސާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސްރީލަންކާގެ ސެންޓްރަލް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ރެމިޓެންސްގެ ގޮތުގައި 3.9 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ.

ލަންކާގައި ހަމަނުޖެހުން -- ފޮޓޯ/ އޭޕީ
މި ފައިސާތައް ގައުމަށް ވަނުމާއެކު، ސެންޓްރަލް ބޭންކުން ވަނީ ބާޒާރުން ޑޮލަރު ގަނެފައެވެ. ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ބޭނުންކުރެވޭ ރިޒާވް އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ސެންޓްރަލް ބޭންކުން ބޭރު ފައިސާ ގަތުމެވެ. ބާޒާރުގައި ޑޮލަރު އިތުރުވާ ވަގުތުތަކުގައި ސެންޓްރަލް ބޭންކުން ރުޕީސް ދޫކުރުމަށްފަހު ޑޮލަރު ގަނެ، އެ ފައިސާ ރަސްމީ ރިޒާވްއަށް ޖަމާކުރިއެވެ.
މީގެ އިތުރުން، ކާރިސާގެ ވަގުތުގައި ސްރީލަންކާއިން ވަނީ އިމްޕޯޓުކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. މީގެ ސަބަބުން ޑޮލަރަށް އޮތް ޑިމާންޑު ކުޑަވެ، ރިޒާވް ހިފެހެއްޓުމަށް އެހީތެރިވިއެވެ. ނަމަވެސް ވޯލްޑް ބޭންކުން ބުނި ގޮތުގައި، ރިޒާވް ރަނގަޅުވާން ފެށުމާއެކު ސަރުކާރުން އަންނަނީ އުޅަނދުފަހަރު ފަދަ ތަކެތި އެތެރެކުރުމަށް އޮތް ހުރަސްތައް އުވާލަމުންނެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމާއި މާލީ އިސްލާހުތަކަކީ ވެސް މުހިންމު ދައުރެއް އަދާކުރި ކަންކަމެވެ. އައިއެމްއެފްއިން ބުނި ގޮތުގައި މި އަހަރާ ހަމައަށް އައިއިރު ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އޮތީ ނިމުމަކާ ގާތްވެފައެވެ. އަދި ސަރުކާރުން ޓެކްސް ބޮޑުކޮށް، ހަކަތައިގެ އަގުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ޑެފިސިޓް ކުޑަވިއެވެ. އައިއެމްއެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްރީލަންކާގެ ކަރަންޓް އެކައުންޓްގައި 531 މިލިއަން ޑޮލަރުގެ ސާޕްލަސްއެއް ހުއްޓެވެ.
މި ކުރިއެރުންތައް ހުރި ނަމަވެސް، އައިއެމްއެފް އިން އިންޒާރުދޭ ގޮތުގައި ސްރީލަންކާގެ އިގުތިސާދަށް އަދިވެސް ބޭރުގެ ލޮޅުންތަކުގެ ނުރައްކާ އެބައޮތެވެ. އިގުތިސާދީ ކާރިސާއިން އަދި އެއްކޮށް އަރައި ގަނެވުނީއެއް ނޫނެވެ.
ސްރީލަންކާގެ މި ތަޖުރިބާއިން ރާއްޖެ ފަދަ ގައުމުތަކަށް ލިބޭ ފިލާވަޅަކީ، ހަމައެކަނި ދަރަންޏަށް ފައިސާ ނެގުމުގެ ބަދަލުގައި، ފަތުރުވެރިކަމާއި އެކްސްޕޯޓުން ލިބޭ ބޭރު ފައިސާ އިތުރުކޮށް، ބޭކާރު ޚަރަދުތައް ކުޑަކޮށް، އިގުތިސާދު ރަނގަޅު ވަގުތުތަކުގައި ރިޒާވް ބިނާކުރުމުގެ މުހިންމުކަމެވެ.