ސިންގަޕޫރުގެ ސިޔާސީ މަޤާމުތަކުގެ މުސާރައަށް ގެނެވޭ ބަދަލަކީ ޤައުމީ މަސްލަހަތު އިސްކޮށް ނިންމާފައިވާ ނިންމުމެއްކަން ހާމަކޮށްދެއްވުމުގެ ގޮތުން، ބޮޑުވަޒީރު ލޯރެންސް ވޮންގްގެ މުސާރައަށް އިތުރުވާ ބައި ކުރިއަށް އޮތް ފަސް އަހަރު ދުވަހު ހެޔޮ ކަންކަމަށް ހަދިޔާކުރެއްވުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.
މިއަދު ބޭއްވި ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވޮންގް ވިދާޅުވީ، ކަނޑައެޅިފައިވާ އޮނިގަނޑާ އެއްގޮތަށް ސަރުކާރުން އެމަނިކުފާނަށް މުސާރަ ދެއްވަމުން ގެންދެވި ނަމަވެސް، މުސާރައަށް އިތުރުވާ މިންވަރު އެކަށީގެންވާ އިޖުތިމާޢީ އަދި ޚައިރާތީ ކަންކަމަށް ހަދިޔާކުރައްވާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިއީ ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނު ބޮޑުވަޒީރުކަމުގެ މަޤާމުގައި ދެމިހުންނަވާނެ ކަމަށް ބައްލަވައި ނިންމެވި ނިންމެވުމެކެވެ.
އެމަނިކުފާނު މިކަން އިޢުލާނުކުރެއްވީ، ވަޒީރުންނާއި ބޮޑުވަޒީރު ހިމެނޭހެން ސިންގަޕޫރުގެ ސިޔާސީ މަޤާމުތަކުގެ މުސާރަ ބޮޑުކުރުމަށް ރިވިއު ކޮމިޓީން ހުށަހެޅި ހުށަހެޅުންތައް ސަރުކާރުން ބަލައިގަނެފައިވާކަން ހާމަކުރައްވަމުންނެވެ.
މި ބަދަލާއެކު ބޮޑުވަޒީރުގެ އަހަރީ މުސާރަ ބޯނަހާއެކު 2.2 މިލިއަން ޑޮލަރުން 3.6 މިލިއަން ޑޮލަރަށް އިތުރުވެގެންދާނެއެވެ. މިއާއެކު އެމަނިކުފާނު އަހަރަކު 1.4 މިލިއަން ޑޮލަރު ޚައިރާތަށް (ހެޔޮ ކަންކަމަށް) ހަދިޔާކުރައްވާނެއެވެ. ސިންގަޕޫރުގައި ބޮޑުވަޒީރުގެ މުސާރަ ކަނޑައަޅަނީ އެންޓްރީ ލެވެލްގެ ވަޒީރަކަށް ލިބިވަޑައިގަންނަވާ މުސާރައިގެ ދެގުނައަށެވެ. އެގޮތުން އެންޓްރީ ލެވެލް ވަޒީރެއްގެ މުސާރަ މިހާރު ހުރި 1.1 މިލިއަން ޑޮލަރުން 1.8 މިލިއަން ޑޮލަރަށް ބަދަލުވެގެންދާނެއެވެ.
ބޮޑުވަޒީރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ ވަކި ފަރާތެއް ނެތުމުން، އެމަނިކުފާނަށް ޕާފޯމަންސް ބޯނަސް ލިބިވަޑައެއްނުގަންނަވާނެއެވެ. ލިބިވަޑައިގަންނަވާނީ ހަމައެކަނި ނޭޝަނަލް ބޯނަހެވެ. ބޮޑުވަޒީރު ވޮންގް އިތުރަށް ވިދާޅުވީ، އެހެން ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މުސާރައިގެ ކުރިއެރުން ހަދިޔާކުރެއްވުމަށް އެމަނިކުފާނު އުންމީދު ނުކުރައްވާ ކަމަށެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ޕާލަމަންޓްގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ބީބީސީ"އާންމު އުސޫލެއްގެ ގޮތުން، ދޭ އެހީތައް ފާޅުކުރުމަކީ އަޅުގަނޑު މާބޮޑަށް ތާއީދުކުރާ ކަމެއް ނޫން. ނަމަވެސް މުސާރައިގެ އޮނިގަނޑަކީ މުޅި ކެބިނެޓުގެ ނިންމުމަކަށް ވިޔަސް، ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މީގެ ފުރިހަމަ ޒިންމާ އަޅުގަނޑު އުފުލަންޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުވަޒީރު ވޮންގް ވިދާޅުވީ ފަސް އަހަރު ފުރިހަމަވުމުން އެމަނިކުފާނުގެ ނިންމެވުން މުރާޖަޢާކުރައްވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ހެޔޮ ކަންކަމަށް އެހީތެރިވުން ކުރިއަށް ގެންދެވުމަށް ގަސްތުކުރެއްވި ނަމަވެސް، މިއީ މުސްތަގުބަލުގައި ވަޑައިގަންނަވާނެ ބޮޑުވަޒީރުންނަށް އޮތް ލާޒިމު ކަމެއްގެ ގޮތުގައި ދައްކަވަން ބޭނުންފުޅު ނުވާކަމަށް ވެސް ވިދާޅުވިއެވެ.
މިއީ އެމަނިކުފާނުގެ ކުރިން ބޮޑުވަޒީރުކަން ކުރެއްވި ލީ ހްސިއެން ލޫންގް 2007 ވަނަ އަހަރު އަމަލުކުރެއްވި ނަމޫނާއާ އެއްގޮތް ނިންމެވުމެކެވެ. އެ ފަހަރު ލީ ހްސިއެން ލޫންގްގެ މުސާރަ 2.5 މިލިއަނުން 3.1 މިލިއަނަށް ބޮޑުވުމުން، ފަސް އަހަރު ދުވަހުގެ މުސާރައިގެ ކުރިއެރުން އެމަނިކުފާނު ހަދިޔާކުރެއްވިއެވެ.
އެގޮތުން 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ލީ ހަދިޔާކުރެއްވި ފައިސާ ބޭނުންކޮށްފައި ވަނީ ކޮމިއުނިޓީ ހޮސްޕިޓަލްތަކާއި، ނާސިން ހޯމްތަކާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އިތުރުން ކުޅިވަރާއި ސަގާފީ ދާއިރާތަކަށެވެ. އަދި ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް އެހީތެރިވުމަށް އެޑިއުކޭޝަން ފަންޑެއްވެސް އެމަނިކުފާނު ޤާއިމުކުރެއްވިއެވެ.
މީގެ އިތުރުން، އިދިކޮޅު ލީޑަރު ޕްރީތަމް ސިންގް ވެސް 2020 ވަނަ އަހަރު ވަނީ އެމަނިކުފާނުގެ މުސާރައިގެ ކުރިއެރުމުން ދެބައިކުޅަ އެއްބައި ޕާޓީއަށާއި، ރައްޔިތުންގެ ލާބައަށާއި، ޚައިރާތީ ޖަމްޢިއްޔާތަކަށް ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ޕާލަމެންޓަރީ ކޮމިޓީއަކަށް ދޮގު މަޢުލޫމާތު ދެއްވިކަން ސާބިތުވުމާ ގުޅިގެން، މި އަހަރުގެ ޖެނުއަރީ މަހު ބޮޑުވަޒީރު ވޮންގް ވަނީ އޭނާ އެ މަޤާމުން ވަކިކުރައްވާފައެވެ.