އިންޑިއާގެ ދިފާއީ ވަޒީރަކު 38 އަހަރަށް ފަހު ސްރީލަންކާއަށް ވަޑައިގެންފި

އިންޑިއާގެ ދިފާއީ ވަޒީރަކު، 38 އަހަރަށް ފަހު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ކޮލަމްބޯއަށް ވަޑައިގެންފިއެވެ.

މިއީ ދެ ގައުމުގެ ދެމެދުގައިވާ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ. އިންޑިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި ރާޖްނާތު ސިންގްގެ އަރިހުގައި އިންޑިއާގެ ދިފާއީ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންގެ ޓީމެއް ބައިވެރިވެއެވެ.

މި ދަތުރުފުޅުގައި ކޮލަމްބޯގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާވެސް އޭނާ ބައްދަލުކުރައްވާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ސްރީލަންކާގެ ރައީސް އަދި ދިފާއީ ވަޒީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަނޫރާ ކުމާރާ ދިސާނަޔަކައާއި، ބޮޑުވަޒީރު ހަރިނީ އަމަރަސޫރިޔާގެ އިތުރުން ދިފާއީ ވުޒާރާގެ ސެކްރެޓަރީ އެއާ ވައިސް މާޝަލް (ރިޓަޔާޑް) ސަމްޕަތު ތުޔަކޮންތާއާ ރާޖްނާތު ސިންގް ބައްދަލުކުރައްވާނެއެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ކަނޑުމަތީގެ ސަލާމަތީ ކަންކަމާއި، ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނުތައް ހިންގުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުން ތަންފީޒުވަމުންދާ ގޮތް މުރާޖަޢާކުރުމާއި، ވައިގެ ދިފާއީ ނިޒާމުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމައެއާއެކު، ދެ ގައުމުގެ ކެޑޭޓް ކޯޕްސް ގުޅުވާލުމަށާއި، ސްރީލަންކާގެ ޑިފެންސް ކޮލެޖާއި އިންޑިއާގެ ޑިފެންސް ކޮލެޖުތަކާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް އައު ތިން އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށްވެސް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ރާޖްނާތު ސިންގްގެ މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަހައްދީ ބާރުވެރިކަމުގެ މަސްރަހަށް ބަލާއިރު މުހިންމު ދަތުރުފުޅެކެވެ. ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިއީ ސްރީލަންކާގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން އެޅި މުހިންމު ފިޔަވަޅެކެވެ. ޚާއްސަކޮށް 2022 ވަނަ އަހަރު ޗައިނާގެ ރިސާޗް ބޯޓެއް ކަމަށްވާ "ޔުއާން ވާންގް-5" ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ގާތްކުރުމާ ގުޅިގެން އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، މި ދަތުރުފުޅަކީ އިންޑިއާގެ "ނޭބަހުޑް ފަސްޓް" ސިޔާސަތާއި، ކަނޑުމަތީގެ ސަލާމަތާ ގުޅޭ "މަހާސާގަރް" ތަސައްވުރުގެ ދަށުން ސްރީލަންކާއާއެކު އޮންނަ ސްޓްރެޓީޖިކް ގުޅުން ވަރުގަދަކުރުމަށް ކުރާ މަސައްކަތެއް ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ފާހަގަކުރެއެވެ.

މީގެ ކުރިން އިންޑިއާގެ ދިފާއީ ވަޒީރަކު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ މީގެ 38 އަހަރު ކުރިން 1988 ވަނަ އަހަރުއެވެ. އެއީ އޭރުގެ ބޮޑުވަޒީރު ރާޖީވް ގާންދީގެ ސަރުކާރުގައި ދިފާއީ ވަޒީރު ކޭ.ސީ ޕާންޓް ކުރެއްވި ދަތުރުފުޅެކެވެ. އެ ދުވަސްވަރަކީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އިންޑިއާގެ ސުލްހަ ބަލަހައްޓާ ލަޝްކަރު ފޮނުވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ދުވަސްވަރެކެވެ. އޭގެ ފަހުން ދިފާއީ ގޮތުން މަތީ ފަންތީގެ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު، މި ގުޅުން އަލުން ބަދަހިވާން ފެށީ ފަހަކަށް އައިސް ސްރީލަންކާއަށް ކުރިމަތިވި އިގުތިސާދީ ކާރިސާއާއި، މިދިޔަ އަހަރު އެރި ތޫފާން ޑިޓްވާހްއާ ގުޅިގެން އިންޑިއާއިން ފޯރުކޮށްދިން ބޮޑެތި އެހީތަކާ ގުޅިގެންނެވެ. ރާޖްނާތު ސިންގްގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ނޭޝަނަލް ޑިފެންސް ކޮލެޖަށް ޒިޔާރަތްކުރައްވައި، އުމްރާނީ ތަރައްގީގެ މަޝްރޫއެއް އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅާ ގުޅިގެން ކޮލަމްބޯގެ ޓްރެފިކް ފުލުހުން ވަނީ ޚާއްސަ ޕްލޭނެއް އެކުލަވާލައި، ރާޖްނާތު ސިންގް ދަތުރުކުރައްވާ މަގުތަކުގެ ޓްރެފިކް ވަކި ވަގުތުތަކެއްގައި ކޮންޓްރޯލްކުރަން ނިންމާފައެވެ.

comment ކޮމެންޓް