ފުލުހުންގެ ބަހަކީ ސިޔާސީ ބަހަކަށް ވާނަމަ އެ ބަސް ގަބޫލުކުރަން ދަތިވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާނު ވަނީ މާދަމާރޭގެ މުޒާހަރާއަށް މަގުތަށް ދޫކުރުމުގެ ކަންކަން އޮތް ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރޭގަނޑު މަޖީދީމަގުގައި މުޒާހަރާ ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް އިހުސާނު ވިދާޅުވިއެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ މާދަމާ ރޭ އެމްޑީޕީއިން ބާއްވަން އުޅޭ މުޒާހަރާއާ ދޭތެރޭގައި، މި ދެތިން ދުވަހު ވަރަށް ބޮޑު ކަންބޮޑުމެއް އުފެދިފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީއިން ދަނީ ފުލުސް އޮފީހުގެ ގްރައުންޑް ކޮމާންޑަރުންނާ މަޝްވަރާކޮށް، މުޒާހަރާގެ ވާހަކަތައް ހިއްސާކުރަމުން ކަމަށާއި ޕާޓީއާއި ފުލުހުންނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ފުލުހުންގެ ޚިދުމަތަށް ދަތިވާފަދަ އެއްވެސް ކަމެއް ޕާޓީއިން ކުރަން ނޫޅޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާން ވިދާޅުވީ އެ ޕާޓީގެ ފަރާތުން މުޒާހަރާ ކުރަން ނިންމާފައިވާނީ ގްރީން ޒޯނެއްގައިވެސް ނޫން ކަމަށާއި، އެހެންކަމުން މުޒާހަރާ މަނާ ނުކުރެވޭނެ ކަމަށެވެ. އަދި މުޒާހަރާ ކުރިއަށްދާނީ މަޖީދީމަގުން ކަމަށް ވިދާޅުވިއެވެ.
މުޒާހަރާ ކުރިއަށް ގެންދިއުމަށް ގްރައުންޑް ކޮމާންޑަރުންނާ އަޅުގަނޑުމެން ވާހަކަ ދައްކަމުން ދަނިކޮށް، ވަޒީރު ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ފުލުސް އޮފީހުން ކަންކަން ނިންމާނެ ގޮތްތައް ރައްޔިތުންގެ މަޖިލީހުގަ އެބަ އިއުލާނުކުރައްވާ. އެއީ ވަޒީރަކާ އެއްގޮތަކަށްވެސް ގުޅުންހުރި ކަމެއް ނޫން. އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ ހޯމް މިނިސްޓަރުގެ މަސަައްކަތްތަކުގެ ތެރޭގައި، ފުލުސް އޮފީހުގެ އިދާރީ ކަންކަމާއި ހިންގުމުގެ ކަންކަމަށް ވަދެވަޑައިގަތުމަކީ ގާނޫނުގައި އޮތް ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޘީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އެމްޑިޕީ
ފުލުހުންގެ ގާނޫނު އެއީ މުސްތަގިއްލު މުއައްސަސާއެއް. ފުލުހުން ވުޒާރާއެއްގެ ބެލުމުގެ ދަށުގަ ހުންނާނީ. އެހެންނަމަވެސް ފުލުހުންނާ ސިފައިން ކޮންމެ ފަސް އަހަރަކުން ބަދަލުވާ ވަޒީރު ބޭފުޅުން، އެތަންތަނުގައި ތިއްބަވާ ޕްރޮފެޝަނަލް ބޭފުޅުންނަށް ގޮތް ކިޔަންވީ ތަނެއް ނޫން. އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކަންކަން ކުރާނެ ގޮތް ނިންމަވާނީ ފުލުހުންނާއި ސިފައިން ކަމަށާއި ސިޔާސީ ޕާޓީތަކުންވެސް ހިނގާނީ ފުލުހުންނާ ސިފައިން ދައްކާ މަގުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ފުރުސަތު ގެއްލިފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ ފުލުސް އޮފީހުން ބުނާ ބަސް ސިޔާސީ ޕާޓީތަކުން އަހަން ޖެހޭ ކަމަށާއި ނަމަވެސް ފުލުހުން ބުނާ ބަހަކީ ސިޔާސީ ބަހަކަށް ވެއްޖެނަމަ އެކަމަކީ ބަލައިގަންނަން އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ނަޝީދު ވަނީ މިހާރުގެ މިނިސްޓަރުންނަށާއި އަންނަންހުރި ދައުރުތަކުގެ މިނިސްޓަރުންވެސް ސިފައިންނާއި ފުލުހުންގެ ކަންކަމާ ބެހިވަޑައިނުގަތުމަށް އެދިވަޑައިގެންފައެވެ.