ހުޅުމާލެއަކީ ވަރުވާއަށް ލިޔެދީފައިވާ ހަމައެއް އުސޫލެއް ނެތް ފަޅުރަށެއް!

ހުޅުމާލެ ނަން ބޯޑް-- ސަން ފޮޓޯ

ވަރުވާއަށް ފަޅުރަށްތައް ލިޔެގެން އެ ރަށްތަކުން ދަނޑުވެރިކަން ކޮށް ނަފާ ހޯދާ ވާހަކަ އަޅުގަނޑުމެންނަށް ވުރެ އުމުރުން ދޮށީ މީހުން ދައްކާ އަޑު އެހީމުއެވެ. މާލޭގެ ބޭބޭފުޅުންނަށާއި ރަށްރަށުގެ ކަލޭފާނުންނަށާއި ރަށްރަށުގެ ވެރީންނަށް ވަރުވާއަށް ލިޔެދީފައި ހުންނަ ފަޅުރަށްތަކުން ކާށްޓައި ދަރު ފަދަ ތަކެތި ހޮވައިގެން އެއިން ނަފާ ހޯދިތަން ވެސް އަޅުގަނޑު ދުށީމެވެ. އެ ރަށްރަށުގައި ދަނޑުވެރިކަން ކުރުވައިގެން ބައެއް ކަހަލަ ތަރުކާރީގެ ނުވަތަ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކައި ވިޔަފާރިކޮށް ހެދިތަން ވެސް އަޅުގަނޑު ނޫނަސް މި ލިޔުން ވިދާޅުވާ ބޭބޭފުޅުންނަށް ފެނިވަޑައިގެންފައި ހުންނާނެކަން ކަށަވަރެވެ.

ދުނިޔޭގެ ނިސްބަތުން ބިމުގެ އަގު އެންމެ ބޮޑު ހުޅުމާލެ "ވަރުވާއަށް ލިޔުއްވައިގެން" ބަޔަކު މީހުން ހިތުހުރި ގޮތަކަށް، އެއްވެސް އުސޫލެއް، ހަމައެއް ނެތި ބޭނުން ކުރަމުންދާ އިރު "ކަމާ ގުޅުން ހުރި" މުއައްސަސާތައް އަވަހާރަފުޅު ލައްޕަވައިފައި ތިއްބެވީމާ އެއްޗެއް ލިޔެލާ ހިތްވީއެވެ. އެ މީހުން ހޭފުޅު ލައްވައިގެން ނަމަވެސް މި ލިޔުން ވިދާޅުވާނެކަމުގެ އުއްމީދުގައެވެ.

ތޮރާ ވެލެއް ހައްދައިފައި، މިތާ ރޯވެއްޖެ ނަމަ އިންތިހާއަށް ނުރައްކާވާނެ ފޮޓޯ: ސަން

ހަމައެއް އުސޫލެއް ނެތި ބަޔަކު މީހުން ހުޅުމާލެ ކިޔާ ބޮޑު ބިމެއް، ވަރުވާއަށް ލިޔުއްވައިގެން އުޅޭ ކަމަށް ބުނެ އެ ވާހަކަ މި ނޫހުގައި ލިޔުނީމާ، މި ކަމާ ކަންބޮޑުވެ އަޅުގަނޑަށް ނަފުރަތުކުރާނެ ބަޔަކު ތިބޭނެކަން ކަށަވަރެވެ. އެހެނަސް ކޮންމެވެސް މީހަކު މި ވާހަކަތައް ވެސް ލިޔާން ވެއްޖެތާއެވެ. ހުޅުމާލޭގައި ހަމައެއް ނެތި ހިތުހުރި ގޮތަކަށް ކުރަނީ އެއް ކަމެއް ދެ ކަމެއް ނޫނެވެ. އެތައް ކަމެއް ކުރަމުން ދަނީއެވެ. އެ މީހަކަށް ކުރެވުނު ގޮތަކަށް ކުރަނީއެވެ. ހުޅުމާލެއަށް އަރާ ދެ ކޮޅަށް ދުއްވައިލުމުން މި ދެންނެވި ކަންތައްތަކުގެ ހެއްކާއި ގަރީނާ ފެންނާނެވެ. އޭގެ ތެރެއިން ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.


އަޅުގަނޑާއެކު އެންމެ ފުރަތަމަ ވަޑައިގަންނަވަންވީ، ހުޅުމާލޭ ފިޔަވަހި އެކެއްގެ ޗައިނާ ފުލެޓުތަކޭ ކިޔާ ސަރަހައްދަށެވެ. ފެނިވަޑައިގަންނަވަނީ ކޮން މަންޒަރެއްތޯއެވެ؟ އެ ފުލެޓުތައް ކައިރިން އެ ފެނިވަޑައިގަންނަވަނީ ތޮއްޑޫގައި ހައްދައިފައި ހުރި ބިލެއް ޅޮސްތަކެއް ނޫނެވެ. އަދި ވޭމަންޑޫ މިރުސްދަނޑުތަކެއް ވެސް ނޫނެވެ. އަދި ކާށިދޫގެ ކޮޕީފަތް ދަނޑުތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އެ އިމާރާތުގެ ފުރަތަމަ ތަޅުމުގައި ދިރިއުޅޭ ފުލެޓުގެ އަހުލުވެރީންގެ ދަނޑުތަކެވެ. އެ އިމާރާތްތަކުގައި ދިރިއުޅޭ ހަތަރު ފަންގިފިލާގެ މީހުން ބޭރަށް ނުކުމެ މަޑުކޮށްލައިގެން ތިބޭން އޮންނަ ތަނަކީ "ވަރުވާއަށް ލިޔެފައިވާ" ދަނޑުވެރީންގެ އަމިއްލަ މުދަލެކެވެ. އެ ތަންތަނުން މިރުސް ގަންނަން ލިބޭނެއެވެ. ކޮޕީފަތް ގަންނަން ލިބޭނެއެވެ. ބަރަބޮލާއި ތޮރާ ވެސް ލިބެއެވެ. ޑުރެގަން ފުރުޓާއި އޮޅުއަލައާއި ތަފާތު ބާވަތްތަކުގެ ދޮންކެޔޮ ވެސް ލިބެއެވެ. ހަމަ ހެޔޮވަރު ވަރެއްގެ ފަޅުރަށެކެވެ. ދަނޑުވެރިކަން ކުރުމަށް "ވަރުވާއަށް ލިޔުއްވައިފައިވާ" ފަޅު އެހެނަސް މީހުން ދިރިއުޅޭ "ފަޅުރަށެ"ކެވެ.

އެއިން ގަހަކަށް މީހަކު ބަލައިލިޔަސް ނިމުނީއެވެ. އެ މީހެއްގެ ދުވަސް އެ ދިޔައީއެވެ. އެ މީހަކާ ދިމާކޮށްލައި އެއްޗެހި ގޮވާނެއެވެ. "ކަލޭ ވެސް ގަސް ހެއްދީމާ ނިމުނީއެއްނު!" އެޗްޑީސީން ވެސް ނުބެހޭ ކަންތައްތަކާ ކަލޭމެން ތިޔަ ބެހެނީ ކީއްވެ؟" މި ފަދަ އިބާރާތްތަކުން އެ މީހަކާ މުޚާޠަބުކޮށް ދިމާކުރާނެއެވެ.

ފެން ހޮޅިގުޅައިގެން އޮޅުއަލަ ހައްދައިފައި ފޮޓޯ: ސަން

މި ފުލެޓުތައް ހިމެނޭ ސަރަހައްދުގެ މަގުގެ ދެ ފަރާތުގައި ވަރަށް ރީތިކޮށް ފިތުރޯނު ގަސް އިންދާ ބަގީޗާއެއް ފަދައިން އެތަން ހައްދަމުން އަދި ބަލަހައްޓަމުން ދިޔައެވެ. އެޗްޑީސީން އެކަން ގަވައިދުން ކުރަމުން ދިޔައެވެ. ގަސްތައް ދިގުވާ އިރަށް ޕެޓުރޯލް ކީސް ބޭނުންކޮށްގެން އެ ގަސްތައް ރީތިކޮށް އެއްވަރަށް ކޮށާ ހެދިއެވެ. މި ގޮތަށް މިކަން ކުރަމުން ދަނިކޮށް، ބައެއް ފުލެޓުތަކުގެ ކައިރީގައި ހައްދާފައި ހުރި ފިތުރޯނު ބަގީޗާތައް ލުހެލައި އެ ތަނުގައި ދަޅުބުރިބުރިއާއި ރީދޫ ހަންހަމާއި ފާޓާބުރިތައް ބަހައްޓައިގެން ދަނޑުވެރީންގެ ދަނޑުބިން ބޮޑު ކޮށްލައިފިއެވެ. އެޗްޑީސީއަކަށް މި ތަނެއް ނުފެނުނެވެ. ފިތުރޯނު ގަސްތައް ކޮށާން އަންނަ މީހުންނަށް ވެސް ގަސްތައް މަދުވީމާ ކޮށަން ޖެހޭ ގަސްތައް މަދުވީމާ، ފަސޭހަވާނެތީ އަޅައިނުލީތާއެވެ.

ދަނޑުވެރީންނަށް އެކަން ކުރެވޭނެ ތާއެވެ. އެއީ އެ މީހުން ވަރުވާއަށް ލިޔުއްވައިފައިވާ ފަޅު ރަށެއް ވިއްޔާއެވެ. ކޮންމެއަކަސް އެ ރީތި ބަގީޗާ ވެސް ކޮށައި ސުންނާފަތި ކޮށްފިއެވެ. ތަނުގެ ގަސްތައް ހިތުހުރި ގޮތަކަށް ކޮށައި ނަގައި އުފުރައިލެވޭނީ ވަރުވާއަށް ލިޔެފައިވާ އަމިއްލަ ރަށެއް ވީމާ ނޫން ހެއްޔެވެ؟


އޮޅުއަލައަކީ ޗަސްބިމުގައި ހެދޭ އެއްޗެއް ކަމަށް އަޅުގަނޑު އަޑު އަހަމެވެ. އެކަމަކު ހުޅުމާލޭގެ ފުލެޓުތައް ވަށައިގެން ގަސްމުށިތަކުގައި އޮޅުއަލަ އިންދާފައި އެބަހުއްޓެވެ. ފުލެޓުތަކަށް ލޮނުފެން ލިބޭ ގޮތަށް ބަހައްޓައިފައި ހުންނަ އިމާރާތުގެ މޯޓަރުތަކާ، އެސްލޯނު ހޮޅި ގުޅައިލައިގެން ފެންވައިރުކޮށް، ގަވައިދުން އޮޅުއަލަ ހައްދައިގެން އެ ވިއްކުމުގެ މަސައްކަތްކުރާ މީހުންވެސް ހުޅުމާލެއިން ފެންނާނެއެވެ. މި ކަންކަން ހުއްޓުވުމަށް އެޗްޑީސީން މަސައްކަތް ނުކުރަނީ ކީއްވެބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. އެ ކަން ކުރާ ބަޔަކީ ހުޅުމާލޭ އެޗްޑީސީގެ މުއައްޒަފުންނާ ތިމާގެ ބައެކޭ ދަންވާކަށް ނުކެރޭނެއެވެ.

ދެ ފަރާތުގައި ބަގީޗާއެއް ގޮތަށް ހައްދައިފައި ހުރި ފިތުރޯނު ގަސްތައް ކޮށައި އުފުރައިލުމަށް ފަހު އަމިއްލަ ގަސްމުށިތަކުގައިއާއި ހަންބުރިބުރީގައި ގަސް ހައްދައިފައި. ފޮޓޯ: ސަން

އަޖައިބެއް ނުވާނެ ހެއްޔެވެ؟ މި ތަނަކީ އެ އިމާރާތުގައި އުޅޭ އެންމެން ނުކުމެ އުޅޭން އޮތް ހުސްބިންކޮޅެވެ. ކުޑަކުދީން ނުކުމެ ދުވެލާ ހަދައިލަން އޮތް ތަނެވެ. ފުލެޓުގެ ފުރަތަމަ ތަޅުމުގައި ހުންނަ ފުލެޓެއްގައި ނުވަތަ އެއިން އެއްވެސް ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ އަލިފާންގަނޑު ނިއްވާން ފުލެޓާ ކައިރިވެވޭނޭ ގޮތެއް ވެސް ނެތެވެ. ކައިރިނުވެވޭތާ ކީއްކުރަންތޯއެވެ؟ އެ ތަނުގައި ހައްދައިފައި އޮންނަ ވެޔޮތަކާއި ގަސްތަކާއި ބަހައްޓައިފައި ހުންނަ ޕުލާސްޓިކު ހަންތަކުގައި އަލިފާން ރޯވެ އެ އިމާރާތް އިތުރަށް އެނދުމަށް ބާރަކަށް ވެއެވެ.


ބަލާނެ ރަސްމީ އިދާރާއެއް، މި ކަންކަން ހުއްޓުވާނެ ރަސްމީ އޮފީހެއް ހުޅުމާލެއަކު ނެތެވެ. ވަރުވަރުން ސުޕަރުވައިޒަރުންނާއި އެޑުވައިޒަރުންނާއި ތަން ބަލަހައްޓާނޭ މީހުން ކޮޅުކޮޅަށް ދުއްވާތަން ފެނެއެވެ. ލޯގޯޖެހި، ފެހި ކުލައިގެ ޓީޝާޓުތަކެއް ލައިގެން ބަޔަކު މީހުން އެ ތަނުގައި ބުރުޖަހާތަން ފެނެއެވެ. ދެރައީ އެ މީހުންނަށް މި މަންޒަރުތައް ނުފެންނާތީއެވެ. ނުވަތަ ފެނުނަށް އަޅައިނުލާތީއެވެ. އަޅައިލައި އެކަން ވެރީންނަށް ރިޕޯޓުކުރިއަސް ވެރިއަކު އަޅައެއް ނުލައޭ ބުނާ އަޑު ވެސް އެހީމުއެވެ.


އަޅުގަނޑާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ވަޑައިގަންނަވާށެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ހާލަތަށް ވުރެ އެ ތަނުގެ ހާލަތު މިހާރު ދަނީ ގޯހުން ގޯހަށެވެ. ބޮޑެތި ބިންތައް ވަށައި ދާ ޖަހައިގެން ދަނޑު ހައްދަނީއެވެ. ކަޅު ދަލާއި ފެހި ދަލެވެ. އިސްކޮޅަށް ވުރެ އުސްކޮށް ދާ ޖަހައި ބިން ވަކިކޮށްފައެވެ. ހެނދުނާއި ހަވީރު ފެން ޖަހާން ދަނޑަށް އަންނަ ދަނޑުވެރީން ގަވައިދުން ދަނޑަށް އާދެއެވެ. ދަނޑު ހައްދާން ބޭނުންވާ ހުރިހާ ސާމާނެއް ހޯދައިގެން އާންމުދަނީ ހޯދުމަށް ދަނޑު ހައްދަނީއެވެ. މި ގޮތަށް ބިން ވަކިކޮށްގެން ދާ ޖަހައިގެން ދަނޑު ހެއްދުމަކީ އެތައް ބައެއްގެ ހައްގަކަށް އަރައިގަތުމެވެ. އަދި އެކަންކަން ހުއްޓުވުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ މީހުން އެކަން ނުހުއްޓުވާ ނަމަ އެ މީހުންނަށް ހެޔޮ ގޮތުގައި ވަޒީފާ އަދާ ނުކުރެވެނީ ނޫންތޯއެވެ.

ފުލެޓު ދޮރުމަތީގައި ބިލެއް ޅޮހެއް ތައްޔާރުކޮށް ހައްދައިފައި. ފޮޓޯ: ސަން

އެންމެ ފަހުން ދޫކުރި ދޯދި ފުލެޓާއި އުދަރެސް ފުލެޓުތަކާއި ހިޔާ ފުލެޓުތަކުގެ ކައިރީގައި ވެސް މިހާރު ހަމަ ވަރުގަދައަށް ދަނޑު ހައްދަނީއެވެ. "ދަނޑަށް ދަނޑަށް ދާން ދެން ހިނގާ! ގޮވައިލީމާ ނިންމާފަ އަންނަން ދަނޑަށް ހިނގާ!" މި ލަވަ ހަރު އަޑުން އިސްޕީކަރުން ޖަހައިގެން އެ މީހުންނަށް ހިތްވަރު ދޭން ވެސް ފަށަން ވެއްޖެކަމުގައި އަޅުގަނޑު ދެކެމެވެ. ކުރަން މަނާ ކަމެއް ކުރާމިންވަރު އިތުރުވެ، އެކަން އާންމު ވުމަކީ މަނާކަމެއް ހުއްދަވާނޭ ކަމެއް ނޫނެވެ. އެހެންވީމާ އާންމު އެތައް ބަޔަކު ކުރަމުން އެ ދަނީ މަނާ ކަމެކެވެ. ނުވަތަ ހުއްދަ ނޫންކަމެއް ހުއްދަކޮށްގެން އުޅެނީއެވެ.

އެތައް ބަޔަކު ކުރަމުން މިދާ އަދަބާއި އަޚުލާޤާއި ރީތި ހަމަތަކާއި އުސޫލުތަކާ ޚިލާފު މި ކަންކަން ހުއްޓުވުމަށް އެޗްޑީސީން ކުރަނީ ކޮން ކަމެއް ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. ވަރުވަރުގެ ފުލުހުންގެ އިދާރާތައް ބިނާކޮށް ބޮޑެތި މަގާމުތަކަށް މީހުންލައިފައި ތިއްބަސް ކަމަކު ނުދާނެއެވެ. ކަންކަން ހައްލުވާނީ ހައްލުކުރާން އުޅުނީމައެވެ. ގަވައިދުތައް ތަންފީޒުވާނީ އެކަން ކުރާން އުޅުނީމައެވެ.

މި ލިޔުމުގައި ބަލައި މިލީ ހަމަ އެކަނި، ދަނޑުވެރިކަމުގައި އުސޫލާ ޚިލާފަށް ބަޔަކު މީހުން ކަންކުރާ މިންވަރަށާއި ގޮތަށެވެ. އަދި މީ ނޫނަސް ހުޅުމާލެއަކީ މި ފަދަ އެތައް ކަމެއް ގަވައިދާ ޚިލާފަށް ކުރާ އަމިއްލަ އެދުމުން ފޯވެފައިވާ ބަޔަކު އުޅޭ ތަނެކެވެ. ފުލެޓުތަކުގެ ބެލްކަނިތައް ތަޅައި ބޮޑުކޮށްފިއެވެ. ފުލެޓުތަކުގެ މައި އޮނިގަނޑަށް ބަދަލުގެނެސްފިއެވެ. ފުލެޓުތައް ދުވަހު ކުއްޔަށާއި ބިދޭސީންނަށް ކުއްޔަށް ދިނުން ފަދަ އެތައް ކަމެއް އެ ތާ ހިންގަމުން އެބަ ދެއެވެ. މަގުމަތީގައި ކާރުތައް ޕާކުކުރުމުގައި ވެސް ހަމައެއް އުސޫލެއް ނެތެވެ. ކާރު އެކަނި ޕާކުކުރުމަށް ޚާއްސަކޮށްފައިވާ ތަންތަނުގައި ސައިކަލު ވެސް ޕާކުކުރަނީއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް ބަލާނެ މުއައްސަސާއެއް މިތާކު ނެތެވެ. ގަދަ މީހާ ގަދައެވެ. އޮންނަނީ ހިތުހުރި ގޮތެކެވެ.

އިސްކޮޅާ އެއްވަރަށް އުސްކޮށް ކަޅުދާ ޖަހައިގެން ރައްޔިތުންގެ ބިމެއް އަމިއްލަ ކޮށްފައި. ފޮޓޯ: ސަން

ހުސްކޮށް އޮންނަ ބިންތަކުގައި ވަށާ ފާރު ރާނާ އަމިއްލަ ގެ ވެސް އަޅަނީއެވެ. ރަސްމީ އިދާރާގެ ވެރީންނަށް މި އެނގެނީ ވެސް ނޫސްތަކުގައި ލިޔެ އާންމުން ނުކުމެ ވެރިމީހާގެ އިސްތިއުފާއަށް ގޮވާ ހިސާބުންނެވެ. އެ ކަންވެސް އެ ގޮތަށް ހިނގައި ދިޔައިމާ ކުރެވުނު އެއްވެސް ކަމެއް ނެތެއް ނޫންތޯއެވެ؟ ބުނާތީ އަޑު އިވެނީ، އެއީ އެޗްޑީސީގެ ވެރިއަކަށް ހުންނެވި ބޭފުޅާގެ ތިމާގެ ބޭފުޅަކަށް ވީމާ ވީ ގޮތެއް ކަމަށެވެ. އެކަން އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އަތް ދަށުން ދޫވެފައިހުންނަ ބާގަނޑުދަށުން ދެމިނުގަނެވޭނެ ގޮތަކަށް ކަންތައްތައް ކުރީމާ ހުންނާނީ ރަނގަޅަށެވެ. އޭރުން އިހު ޒަމާނުގައި ފަޅުރަށްތައް ވަރުވާއަށް ލިޔުއްވާ ގޮތަށް ލިޔުއްވައިގެން ކަންކުރި ގޮތަކަށް ކަންތައްތަކެއް ނުހިނގާނެއެވެ. އަނެއްކާ އަޅުގަނޑަށް މި ދެއްކުނީ، ދައްކަން ނުވާ ވަރުގެ ވާހަކައެއް ނަމަ "ޗުކި" ކިޔައިފައި އެ ވާހަކަ ހުއްޓައިލީއެވެ.

ހުޅުމާލެއަކީ ނުހަނު ފައިދާވާ އަގޮ ބޮޑު ރަން ވަޅެކެވެ. އެއް ރަންވަޅެއް ނޫނެވެ. މިހާރު މި ރަން ވަޅުގެ ފިޔަވަހި އެކަކާއި ދޭކާއި ތިނެއް ވެސް މިހާރު އެއޮތީ ފެންނާށެވެ. މި ރަން ވަޅުތަކުގެ މިލްކުވެރި ފަރާތަކީ އެޗްޑީސީއެވެ. އެހެނަސް މުނިސިޕަލް ޚިދުމަތްތައް ދިނުމާއި ތަނުގެ އާންމު އުސޫލުތަކާއި ގަވައިދުތައް ހަދާ ތަންފީޒުކުރުމުގެ ބާރު ލިބެންވީ މާލެ ސިޓީއަށް ކަމަށް މި ގައުމުގެ މިހާރުގެ އެންމެ އިސް ވެރީޔާ ވެސް ވިދާޅުވެފައި ވެއެވެ. ކަންއޮތީ މި ދެންނެވި ގޮތަށް ކަމަށް ވީނަމަވެސް، އަދި ވެސް މި ބިމުގެ ކަންކަން ބަލަހައްޓާނީ ކާކުކަމާމެދު ގާނޫނީގޮތުން ސުވާލު އުފައްދައެވެ.

ގާނޫނީ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމަށް އެތައް އަހަރުތަކެއް ހޭދަވެއްޖެއެވެ. ޖަވާބު ނުލިބި އޮތުމަކީ އަގު ބޮޑު ބިމެއް، ބޭނުންހާ ގޮތެއް ހަދާން ބަޔަކަށް ދޫކޮށްލައިގެން ތިބުމެއް ނޫނެވެ. ކަންކަން ހައްލުވާނީ ކަންކަން ހައްލުކުރާން އުޅުނީމައެވެ. ކަންކަމާ ހަވާލުވެ ތިބޭ މީހުން ތިމާގެ ޒިންމާ ހެޔޮ ގޮތުގައި އަދާކުރީމައެވެ. ހުޅުމާލެއަކީ ބަޔަކު "ވަރުވާއަށް ލިޔެފައިވާ ފަޅު ރަށެއް" ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ ބިމެކެވެ. އެންމެންގެ ބިމެކެވެ.

comment ކޮމެންޓް