ފީބޯ އަހަންމަދު މަނިކުގެ ހުވަފެން އަޅުގަނޑުގެ ގަލަމުން

ނޫހަށް ލިޔުމެއް ނުލިޔެ ހުންނަތާ ދުވަސްކޮޅަކަށް ފަހު އަނެއްކާ ވެސް ލިޔުމެއް ލިޔެލާ ހިތްވީއެވެ. ގައުމާ މެދު ވިސްނާތީއެވެ. ގައުމުގެ މުސްތަގުބަލާ މެދު ވިސްނާ މީހަކަށް ވާތީއެވެ. ގައުމު ދެކެ ލޯބިވާ މީހެއް ކަމަށް އަޅުގަނޑު އަމިއްލައަށް ގަބޫލުކުރާތީއެވެ.

ރާއްޖޭގައި އުފެދުނު އެންމެ އިލްމީ ކޮމޭޑިއަނަކީ ކާކުތޯ އަހައިފި ނަމަ އެކި މީހުން ދޭނީ އެކި ޖަވާބެވެ. އެކަމަކު އަޅުގަނޑު ވަރަށް ފަސޭހަކަމާއެކު މާ ބޮޑު ވިސްނުމެއް ވެސް ނެތި އެ މީހަކީ ފީބޯ އަހަންމަދު މަނިކު ކަމުގައި ބުނާނަމެވެ. އޭނާގެ އިލްމީ ކޮމެޑީތައް "ބަޚަބަރު"ގެ ނަމުގައި ޓީވީއެމް އިން ގެނެސްދީފައި ވެއެވެ. އޭގެ އިތުރަށް ސަމާސާ ބައެއް ވާހަކަތައް ރޭޑިޔޯއިން ވެސް ސައިބޯނި އިސްމާއީލުފުޅާ އެކު ހުށަހަޅައިދީފައިވެއެވެ.

ފީބޯ އަހަންމަދު މަނިކުގެ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުގެ ހަނދާނަށް އަބަދުވެސް އަންނަ ވާހަކައެއް އޮވެއެވެ. ފީބޯ އަހަންމަދު މަނިކަށް ފެނުނު ހުވަފެނެއްގެ ވާހަކައެވެ. އެއީ ވަރަށް ވަރުގަދަ ހުވަފެނެކެވެ. މާ ދިގެއް ވެސް ނޫނެވެ. އަޅުގަނޑު ލިޔާ ލިޔުމުގައި ފީބޯ އަހަންމަދު މަނިކު ކިޔައިދިން ގޮތަށް އަކުރުން އަކުރަށް އެ ހުވަފެނެއް ނުލިޔެވޭނެއެވެ. އެއީ ފީބޯ އަހަންމަދު މަނިކު ކިޔައިދިން ގޮތަށް އަކުރުން އަކުރަށް އަޅުގަނޑު ހަނދާނުގައި ވެސް ނެތީމައެވެ. އެހެންވީމާ އަޅުގަނޑު މި ލިޔަނީ އަހަންމަދޭ ކިޔައިދިން ހުވަފެނުގެ ޚިޔާލު، އަޅުގަނޑުގެ ހަނދާނުގައި ހުރި ގޮތަށެވެ. އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ. ތަފާތުތަކަކާއެކުގައެވެ. ފީބޯ އަހަންމަދު މަނިކަށް އަޅުގަނޑުގެ ހިތުގައި އޮންނަ ގަދަރާއި އިހުތިރާމާއި ލޯތްބާއެކު، ސުވަރުގޭގެ މަތިވެރި ނިއުމަތުގައި ލެއްވުން އެދި ދުއާކުރާ ހާލުގައެވެ. އަދި މި ލިޔުމުގައި ގޯހެއް އުޅޭނަމަ މާފަށް އެދޭ ހާލުގައެވެ.

"ސަރާސަރު ބޮޑު ބިމެކެވެ. އަރަބިކަރައިގައި އޮންނަ ކަހަލަ ހިކި ސަހަރާއެކެވެ. ހިމުން ވެއްޔެވެ. ހޫނު ވައެވެ. ކޮޅާކޮޅަށް ވެސް ގެއެއް، މީހެއް އަދި ގަހެއް ވެސް ފެންނާކަށް ނެތެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު ފައިތިލަ ގަބައިގަނެއެވެ. ލޮޑު ހިނގުމެއްގައި

ފަހަރަކު ފިޔަވަޅެއް އަޅަމުން އެ ބިމުން ސަލާމަތްވެވޭ ތޯ ކުރިއަށް ދިޔައިމެވެ. މި ދަތި އުނދަގޫ ހިނގުމުގައި އުޅޭތާ އިރުގަނޑެއް ވެއްޖެއެވެ. މާ ދުރުން ލޮލަށް ދައްކައިލީ ކޮންމެވެސް ގައުމެއްގެ ދިދައެކެވެ. އެއީ ކޮން ގައުމެއްގެ ދިދައެއް ކަމެއް ނޭނގެއެވެ. ދިދަ ހުރިލެއް ދުރުވީމައެވެ. ގަޔަށް ބާރުލައި ހިނގުން ތަންކޮޅެއް އަވަސްކޮށްލައިފީމެވެ. ދިދައާ ކައިރިއަށް ދެވުނު އިރު، ކަމަކު ދާކަށް ނެތެވެ. އެ ދިދަ ކައިރީގައި އެތައް ބަޔަކު ބޮޑެތި ބަޑިތައް ހިފައިގެން ފާރައަށް ތިއްބެވެ. އެ މީހުން ތިބީ ކޮނެފައި އޮތް ބޮޑު ވަޅުގަނޑެއް ވަށައިގެންނެވެ. ކޮން ގައުމެއްގެ ދިދައެއްތޯ ބެލުމުގެ ޝައުގުވެރިކަން ގެއްލިއްޖެއެވެ. ގަތީ އަމަށަކު ބިރެއް ނޫނެވެ. އެ މީހުން ބަޑި ޖަހައިފައިފާނެތީ ވެސް ބިރުން ތުރުތުރު އަޅައެވެ. އެކަމަކު އެ މީހުން އެއްވެސް ކަމެއް ނުކުރެއެވެ. އެ މީހުންގެ ޝައުގުވެރިކަމެއް އަހަރެންނަކަށް ނެތެވެ. އެންމެ ޒަމާނީ ބޮޑެތި ބަޑި ހިފައިގެން އެ ތިބީ ވަޅުގަނޑުގައި ތިބި ބަޔަކު އަރައިގެން ހިނގައިދާނެތީ އެކަމުގެ ފާރައަށެވެ. އެ މީހުން ވަޅުގަނޑުން އަރައިގެން ދިޔަ ނުދޭށެވެ. ވަޅުގަނޑު ކޮނެފައި ހުރީ މީހުން އިސްކޮޅު ނުކާވަރަށް ފުންކޮށެވެ. އެކަކު އެކަނި އަރައިގެން ނުދެވޭ ވަރަށް ފުންކޮށެވެ. އެތައް ސަތޭކަ ބަޔަކު އެ ވަޅުގަނޑުގައި ތިއްބެވެ. ވަޅުގަނޑުގެ ވަށައިގެން ތިބީ، އެކަކު އަނެކަކުގެ އެހީތެރިކަމާއެކު ވަޅުގަނޑުން އަރައިގެން ހިނގައިދާނެތީ އެކަން ވިޔަ ނުދޭން ފާރަޔަށް ތިބި ބަޔެކެވެ. މިކަން އަހަރެންނަށް ވިސްނައިލީމާ އަމިއްލަ އަށް ދެނެގަނެވުނެވެ. ފާރައަށް ތިބި އެކަކު ވެސް އަހަރެންނަކާ ވާހަކައެއް ނުދައްކައެވެ. އެމީހުން ތިބީ އެ މީހުންގެ ޑިއުޓީއަށް ސަމާލުކަން ދީ އެކަމަށް ހުސްވެގެންނެވެ. ފާރަވެރިއަކު ކިރިއާ އަތަކަށް ހިރިލިއަސް އެކަކު އަނެކަކުގެ އެހީތެރިކަމާއެކު ވަޅުގަނޑުން މީހަކު އަރައިގެން ހިނގައިދާނެކަމުގެ ބިރު އޮވެއެވެ. އެހެންވީމާ ފާރަވެރީން ތިބެނީ ކަޅިޖަހައިވެސް ނުލައި ވަޅުގަނޑަށް ބަލާށެވެ.

ވަޅުގަނޑު ކައިރީ މަޑުކުރާކަށް ނުހަދަމެވެ. އަނެއްކާ ވެސް ކުރިއަށް ހިނގައިގަތީއެވެ. ތަންކޮޅަކަށް ނުދެވެނީސް އަނެއްކާވެސް ހަމަ އެ ފަދަ ވަޅުގަނޑެކެވެ. ކޮންމެވެސް ގައުމެއްގެ ދިދައެކެވެ. ވަޅުގަނޑުގައި އެތައް ބައެކެވެ. ވަށައިގެން ސިފައިންނެވެ. ބަޑި ހިފައިގެންނެވެ. ވަޅުގަނޑުން މީހަކު އަރައިގެން ހިނގައިދާނެތީ ފާރައަށެވެ. ވަރުގަދައަށް ފޯރިމަރަނީއެވެ.

މިހެން ކިޔާނެކަމެއް ނެތެވެ. މި ފަދަ އެތައް ވަޅުގަނޑެއް ފެނިއްޖެއެވެ. އެއްވެސް ތަފާތެއް ނެތި ހަމަ ބަޑިއާއި ސިފައިން ފޯރި މަރަނީއެވެ. ދިހަ ވަރަކަށް ވަޅުގަނޑު ފަސްދީ ދިއުމަށް ފަހު އަޖައިބެއް ފެނިއްޖެއެވެ. ސުވާލު އުފެދިއްޖެއެވެ. އެހެން ވަޅުގަނޑުތައް ކައިރީ ދިދަ ޖަހައިފައި ހުންނަ ގޮތަށް ޖަހައިފައި ހުރި ދިދަ ކައިރިއަށް ހިނގައްޖައީމެވެ. އެއީ ކޮން ގައުމެއްގެ ދިދައެއްކަން ވެސް ހަމަ ރަނގަޅަށް ދެނެވިއްޖެއެވެ. އެއީ ކޮން ގައުމެއްގެ ދިދައެއްކަން އަދި ނުދަންނަވާނަމެވެ. އަޖައިބަކަށް ވީ ދިދައެއް ނޫނެވެ. ވަޅުގަނޑާއި އެ ވަޅުގަނޑުގައި މީހުން ވެސް އެބަ ތިއްބެވެ. މަދަކަ ބައިވަރެއް ނޫނެވެ. އެތައް ބަޔަކު ވަޅުގަނޑުގައި ހެލިފެލިވެ އުޅެއެވެ. މުރާލިކަމާއެކު އުޅެއެވެ. ލޮޑުކަމެއް ވަރުބަލިކަމެއް ވެސް އެ މީހުންގެ ނެތެވެ. އެކަމަކު އަޖައިބަކީ ތޯއެވެ؟ މި ވަޅުގަނޑު ކައިރީގައި ފޯރިއަށް އެކަކު ވެސް ނެތެވެ. ހަމަ އެކަކު ވެސް ނެތީއެވެ. އެހެން ހުރިހާ ވަޅުގަނޑެއްގެ ވަށައިގެން އެ ވަރަށް ފާރައަށް ބަޑި ހިފައިގެން މީހުން ތިބި އިރު މިތާ ހަމަ އެކަކު ވެސް ފާރައަށް ނެތީއެވެ. މި ވަޅުގަނޑުން މީހުން އަރައިގެން ނުދާނެ ބާވައެވެ؟ މި ވާގޮތެއް ޖެހޭނީ ބަލާށޭ ހިތާ އިރު ކޮޅަކު ވަޅުގަނޑު ކައިރީ މަޑުކޮށްލައިފީމެވެ.

ދެން ފެނުނީ އަޖައިބެއް ކަހަލަ މަންޒަރެކެވެ. މުޅިން ކޮސްވެ އަންތަރީސްވާ ވަރުގެ މަންޒަރެކެވެ. ވަޅުގަނޑުން އަރައިގެން ސަލާމަތްވާން މަސައްކަތްކުރާ ކޮންމެ މީހެއްގެ ފައިގައި ހިފައި ދަމާ ވައްޓާލައެވެ. ފައިގައި ހިފައި ދަމާ ވައްޓާލަނީ ހަމަ އެ ވަޅުގަނޑުގައި ތިބި މީހުންނެވެ. ދެ މީހުން ތިން މީހުން ވެގެން އެކެއް އަނެކެއްގެ އެހީތެރިކަމާއެކު ވަޅުގަނޑުން ސަލާމަތް ވެވޭތޯ ކުރާ ހުރިހާ މަސައްކަތެއް ނާކާމިޔާބު ކޮށްލަނީ ހަމަ އެ ވަޅުގަނޑު ގައި ތިބި މީހުންނެވެ. ހިތަށް އެރިއެވެ. މި ވަޅުގަނޑު ކައިރިއަކަށް ފާރަވެރީންނެއް ބޭނުމެއް ނުވާނެތާއެވެ. ވަޅުގަނޑުގައި ތިބެ ކައިގެން ބޮއިގެން އުމުރު ހޭދަކޮށްލީމާ އެ މީހުންނަށް ނިމުނީތާއެވެ. ވަޅުގަނޑުން ބޭރު ދުނިޔޭގައި ކަން ހިނގަނީ ކިހިނެއްތޯ ބަލާކަށް މި މީހުން ބޭނުމެއް ނުވޭތާއެވެ. އެ ފަދަ މަސައްކަތެއް ކުރާ މީހެއްގެ ފައިގައި ވެސް ހިފާ ދަމާ ވައްޓާލަނީ ވިއްޔާއެވެ. ވަޅުގަނޑު ކައިރީ ޖަހައިފައި ހުރި ދިދައަށް އަލުން ބަލައިލެވުނެވެ. ހިތަށް އެރިއެވެ. މިއީ އަހުރެންނާ އެންމެ ރައްޓެހި އެންމެ ގާތް ދިދައެވެ. އެ ދިދައާ މެދު ފަޚުރުވެރިވާ ދިދައެވެ. ފެއްސާއި ރަތާއި ހުދުން ރަމްޒުކޮށްދޭ ގައުމީ ޖޯޝު އާލާވީ ވަގުތު ހިތަށް އެރީ އަހަރުމެންނަށް އޮތީ ހަމަ މި ގޮތް ބާވައެވެ؟

ދިދަ ދަނޑީގައި ހިފަހައްޓައިގެން ހުރެ ދުރު ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ. މާ ދުރު ނޫން ހިސާބެއްގައި އެންމެ ޒަމާނީ އިމާރާތްތަކާއި އޭގެ އާސާރުތައް ލޮލަށް ފެނެއެވެ. ތަރައްގީވެ ކުރިއަރައިފައިވާ ދުނިޔޭގެ މަލަ ފެންނަ ފަށަށް އައިމާ ވެސް އޭގެ ފުޅޮއި ނުހިފައި އަހަރުމެން މި ތިބީ އެކެއްގެ ފައިގައި ހިފައި ދަމާ ވައްޓާލުމުގެ ސަގާފަތުގެ ތެރެއަށް ގެނބިފައެވެ."

ދިވެހި ތާރީޚުގެ ސަފުހާތައް ހުޅުވައިލީމާ ފެންނަނީ އިސްވެ ދެންނެވި ފަދަ މިސާލުތަކާއި ހާދިސާތަކެވެ. މާކުރީގެ ތާރީޚުގައި ވެސް ކަން އޮތީ އެ ފަދައިންނެވެ. އެންމެން ދަންނަ އަލްމަރުހޫމް މުޙަންމަދު އަމީން ދީދީގެ ހާދިސާއާ ހިސާބުން ފަށައިގެން މިއަދުގެ މިއަދާ ހަމައަށް ވެސް ފެންނަނީ ފައިގައި ހިފައި ދަމާތަނެވެ. ވައްޓާލާތަނެވެ. ފައި ބިންދާލާތަނެވެ. ހިނގައި ނުގަނެވޭ ވަރަށެވެ. ހިރިނުލެވޭ މިންވަރަށެވެ. ފުރާނަ ދުއްވާލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރެވޭ ގޮތަށެވެ. ޒަމާނީ ތަރައްގީއަށް ލޯހުޅުވައިދީ ދިވެހި ގައުމު ދުނިޔޭގެ ސަފުގައި ފައިތިލަ ސާބިތުކޮށްލުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާ ނޫން އެހެން މީހަކު ކުރާ ކަމެއް ނަމަ އެކަން ހުއްޓުވުމަށެވެ. މިއީ ފެންނާން އޮތް ހަގީގަތެވެ. އެހެނަސް ހިތި ހަގީގަތެކެވެ. ދައްކާން ބޭނުންނުވާ އެހެނަސް ދައްކާން ޖެހޭ ވާހަކައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް