މި ލިޔުން ލިޔުމަށް ޚިޔާލު އައީ، ވަރަށް ފަހުން ސޯސަލް މީޑިއާގެ މަންސަތަކުގައި ދައުރުވި ވީޑީއޯއެއް ފެނުމުގެ ސަބަބުންނެވެ. އެ ވީޑިއޯއިން ފެންނަނީ އުމުރުން ދުވަސްވީ މީހަކު ޕިކަޕެއްގައި ގެންދިޔަ ބާވެ ހަލާކުވެފައިވާ ސޯފާއަކާއި އަދި ކުނީގެ ގޮތުގައި ބެލެވިދާނެ ބައެއް ތަކެތި، ހުޅުމާލޭގެ މަގެއްގެ އެއް ފަރާތުގައި ވިނައާއި ގަސް ހެދި، ވާވެފައި އޮތް ސަރަހައްދަކަށް އަޅާލާތަނެވެ. މިއީ ހުޅުމާލޭގައި ކުރުން މަނާކަމެކެވެ. ތަހުޒީބު ރަށްރަށުގައި މީހުން ކުރާން ހުތުރު ނާތަހުޒީބު އަމަލެކެވެ. ކުނި އުކަމުން ދިޔަ މީހާއަށް ވެސް އެކަން އެނގެއެވެ. އެއީ ކުނިތައް އުކާލަމުން ދިޔަ ވަގުތު އެހެން މީހަކަށް ފެނިދާނެތީ ކަންބޮޑުވާ ފަދަ ހަރަކާތްތަކެއް ވެސް އޭނާގެ އަމަލުތަކުން ފެންނަހެން އަޅުގަނޑަށް ހީވާތީއެވެ. ހޭޖެހޭ، ހަމަ ބުއްދި ސަލާމަތުން ތިބި، އުމުރުން ދުވަސްވީ ބޮޑެތި ފިރިހެނުން މި ފަދަ އަމަލުތައް ކުރަން ހެޔޮ ނުވާނެ ދޯއެވެ؟ އެކަމަކު އޭނާ އެކަން އެ ކުރީ ކީއްވެބާވައެވެ؟ އަދަބެއް ސަދަބެއް ނެތީ ހެއްޔެވެ؟ ނުވަތަ މަޖުބޫރު ވެގެން ހެއްޔެވެ؟
އާންމު ރައްޔިތެއްގެ ގޭގައި އުފެދޭ ކުނިކޮޅު އުކައިލުމަކީ މުޅި މަހުގެ ދިރިއުޅުމުގެ ޚަރަދަށް ބުރޫއަރާ ވަރުގެ ބޮޑު މާލީ ބުރައަކަށް ވެގެން ނުވާނެއެވެ. މިހާރު ވެސް އެއީ ބުރަކަމެއް ނޫނެވެ. އެކަން އޮންނަނީ ވަރަށް ފަސޭހަ ނިޒާމަކުން ހައްލުކޮށްދީފައެވެ. ބިލު ވެސް އޮންނަނީ ކަރަންޓު ބިލާ އެއްކޮށްލައިފައެވެ. ހަތަރު ވަނަ ފަންގިފިލާގައި އުޅޭ މީހުންގެ ކުނި ވެސް ނަގަން ވެމްކޯގެ ހީވާގި މުއައްޒަފުން ކޮންމެ ދުވަހަކު އެއް ފަހަރު ޒިޔާރަތްކުރެއެވެ. އާންމުން ކުރަންޖެހޭހާ ވެސް ކަމަކީ، ކުނި ކޮތަޅު ނެރެ، ދޮރުކައިރީ ބެހެއްޓުމެވެ. މިހާ ފަސޭހައިން މިކަން ކޮށްދީފައި އޮންނައިރު ވެސް ކުނިތައް ޕިކަޕަކަށް އަރުވައިގެން ގޮސް މަގުމަގަށް އަޅައިލަނީ ކީއްވެ ހެއްޔެވެ؟ ނުވަތަ ކުނިތައް ނެރެ މީހުން ހިނގާން އޮންނަ ދުވާރުމަތީ އަތުރާފައި ހުންނަނީ ކީއްވެ ހެއްޔެވެ؟
ހުޅުމާލޭ ފަހި ޓަވަރުތަކެއް ކައިރިއަށް އަޅާފައި ހުރި ކުނިތަކެއް -- ފޮޓޯ; އެފްޑީސީއުކައިނުލެވިގެން އުޅެނީ ގޭގޭގައި ކޮންމެ ދުވަހަކު އުފެދޭ ކުންޏެއް ނޫނެވެ. އުކައިނުލެވިގެން މި އުޅެނީ ގޭގައި ގެންގުޅޭ ތަކެތީގެ ތެރެއިން ބާވެ ހަލާކުވެގެން އުކައިލަން ޖެހޭ ތަކެއްޗެވެ. އައިސްއަލަމާރިއާއި ދޮންނަ މެޝެނާއި ކައްކާ އުދުނާއި އެނދާއި އަލަމާރިއާއި ސޯފާ ފަދަ ތަކެއްޗެވެ. ބައެއް ފަހަރަށް ފާޚާނާ ތަށްޓާއި ތަޅުމުގައި ޖަހައިފައި ހުންނަ ތަށިމުށިތަކެވެ. ސުވާލު އުފެދެނީ މި ދެންނެވި ލިސްޓުގައި ހިމެނޭ އެއްޗެއް އުކާލަން ވެއްޖިއްޔާ ހަދާނެ ގޮތަކާމެދުގައެވެ.
މި ކަމަށް ވެސް ވަރަށް ފަސޭހަ ނިޒާމެއް އޮވެއެވެ. ފުރަތަމަ ގޮތަކީ އަމިއްލައަށް ޕިކަޕެއް ކުއްޔަށް ގެނެސް އެއަށް ކުނިތައް އަޅައިފައި އޭނާއަށް ކުލި ދީފައި އުކައިލުމެވެ. ވަރަށް ފަސޭހައެވެ. އެކަމަކު ކަންބޮޑުވާން ޖެހޭ ހިސާބަށް ދަނީ ޕިކަޕަށް އަގު ދޭންވީމައެވެ. އެންމެ ދޮންނަ މެޝިނެއް ނުވަތަ ސޯފާއެއް ހަލާކުވެގެން ޕިކަޕަކަށް ލައިފައި އެއްލައިލަން ޖެހުނަސް ޕިކަޕުގެ ކުއްޔަކީ 700ރުފިޔާއެވެ. ވެމްކޯއަށް 350 ރުފިޔާއާއި ޕިކަޕަށް 350 ރުފިޔާއެވެ.
މައްސަލަކުރިމަތި ވަނީ މިހާ ހިސާބުންނެވެ. ތިން ހަތަރު އަހަރު ކުރީން ގަތް ސޯފާ ހަލާކުވީމާ، އެއްލައިލައިފައި އައު ސޯފާއެއް ގަންނަން ޖެހުނީމާ ހިނގާ ޚަރަދު ބޮޑުވަނީއެވެ. ކިރިޔާ ވެސް ބޭނުންކޮށް ލެވޭ ވަރުގެ އާ ސޯފާއެއް ލިބެނީ އަށެއްކަ ހާސް ރުފިޔާއަށެވެ. އޭގެ ތެރެއަށް 700 ނުވަތަ 750 ރުފިޔާ އިތުރުވީމާ ޚަރަދު ބޮޑު ވަނީއެވެ. ބާވެ ހަލާކުވެފައިވާ ސޯފާ ގޭގައި ބެހެއްޓޭކަށް ނޯވެއެވެ. ބާ ސޯފާ ބަހައްޓައިފި ނަމަ، އާ ސޯފާ ގެނެސް ވައްދާނެ ތަނެއް ނޯވެއެވެ. ދެން ކަންތައް ކުރަނީ، ކުރާން ނުޖެހޭ ގޮތަށެވެ. ސިއްރުސިއްރުން ސޯފާ ނުވަތަ ބާވެ ހަލާކުވެފައިވާ ހުރިހާ އެއްޗެއް ނެރެ މީހުން ހިނގާ ދުވާރުމަތީ ބަހައްޓަނީއެވެ. ނުވަތަ ރައްޓެއްސެއްގެ ޕިކަޕެއް ގެނެސް ސިއްރުން ހުޅުމާލޭގެ ކޮންމެވެސް ހިސާބަކަށް އެއްލައިލަނީއެވެ. މިއީ ގޯހެކެވެ. ކޮށްގެން ވާނެ ކަމެއް ނޫނެވެ. ކުރަން ރަނގަޅު ކަމެއް ވެސް ނޫނެވެ. އެހެނަސް އަޅުގަނޑު ހިތަށް އަރަނީ މިއަށް ވުރެ އަގު ހެޔޮ ވެފައި ފަސޭހަ ގޮތަކުން މިކަން ކުރެވޭނަމަ މި އަމަލު ހިނގުން މަދެއް ނުވާނެ ބާވައެވެ؟ މިއީ ވެސް ކަން ހިނގާ ގޮތެކެވެ.
ވެމްކޯ އާއި އަމިއްލަ ފަރާތްތަކުން މި ފަދަ ބޮޑެތި ކުނި އުކައިދޭ އަގުތައް ބޮޑުވުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުނި އުކައިލުން ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް އާންމުން ބުނެއެވެ. އެޕްރީލް 1، 2023 އިން ފެށިގެން ސްޓެލްކޯގެ ކަރަންޓު ބިލާ އެއްކޮށްލައިގެން ގޭބިސީތަކުން މަހަކު 150 ރުފިޔާ ނަގަމުންދިޔަ ނަމަވެސް، ގޭގައި ހުންނަ ބޮޑެތި ކުނި ނުވަތަ ގިނަ އަދަދެއްގެ ކުނި އުކައިލުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑެވެ. ވެމްކޯއަށް ގުޅައިގެން ފަސޭހައިން ލޮރީއެއް ނުލިބޭއިރު، އެ ކުންފުނީގެ ހަލުވި ހިދުމަތުގެ ދަށުން ދަތުރަކަށް 550 ރުފިޔާއިން ފެށިގެން 1،500 ރުފިޔާއާ ހަމައަށް ނަގައެވެ. އަދި އާންމު ކުލީ ޕިކަޕެއްގައި ކުނި އުކައިލަން ބެލި ނަމަވެސް، ޕިކަޕަށް 350 ރުފިޔާ އަދި ވެމްކޯގެ ސައިޓަށް ވަނުމަށް 350 ރުފިޔާއާ އެކު ޖުމްލަ 700 ނުވަތަ 750 ރުފިޔާ ހަރަދުވާ ކަމަށް ރައްޔިތުން ފާހަގަކުރެއެވެ. މިއީ އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ކޮންމެ ރައްޔިތަކަށް ދެއްކޭނެ ފަދަ ކުޑަ އަދަދެއް ނޫނެވެ.
މިފަދަ ބޮޑު ހޭދައެއް ކުރަންޖެހުމުގެ ނަތީޖާއަކަށް ވެގެންދަނީ، ބައެއް މީހުން ސިއްރުން މަގުތަކަށާއި ވަލުތެރެއަށް ކުނި އެޅުމެވެ. ހުޅުމާލޭގެ ގޮނޑުދޮށާއި، ޕާކުތަކާއި، މަގުތަކުގެ އިތުރުން ފަޅުތެރެއަށް ކުނި އަޅަމުންދާތީ އެ ސަރަހައްދުތައް ވަނީ ކުނިގޮނޑުތަކަކަށް ބަދަލުވެފައެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ކުންފުނިތަކުން ކުރަންޖެހޭ ޚަރަދު ވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ފުލެޓްތައް ހިމެނޭ ސަރަހައްދުގެ އާންމު ތަންތަނަށް އަޅާފައިވާ ކުނި ސާފުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަށް މަސް ދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެ ފްލެޓުތައް ކައިރިއަށް ޖަމާވެފައި ހުރި 1،520 ޓަނުގެ ކުނި، ނުވަތަ 134 ޑަމްޕް ޓްރަކްގެ ކުނި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ނަގައި ސާފުކޮށްފައެވެ.
މަގުމައްޗަށް ކުނި ނޭޅުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް އެޗްޑީސީން ތަކުރާރުކޮށް އިލްތިމާސްކުރަމުންދިޔަ ނަމަވެސް، ހަމައެކަނި ނަސޭހަތަކުން މި މައްސަލައަށް ހައްލެއް ނުލިބެއެވެ. އެއީ ބައެއް ދިވެހީންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުންނެވެ. އަދި ހެދިފައި ހުންނަ އަމަލުކުރާން ދަތި ބައެއް އުސޫލާއި ގަވައިދުތަކުގެ ސަބަބުންނެވެ. ކުނި އުކައިލުމުގެ ނިޒާމު އާންމުންނަށް ތަކުލީފަކަށް ވާ ގޮތަށް ބާއްވައިގެން، މަގުތައް ސާފުކޮށް އޮންނާނެ ކަމަށް އުންމީދުކުރުމަކީ ބޭކާރު ކަމެކެވެ.
ކުނިތަކެއް: --- ފޮޓޯ; ޕްލާސްޓިކް މޯލްޑިވްސްބޭރު ދުނިޔޭގެ ގައުމުތަކުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ބައްޓަންކޮށްފައި އޮންނަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ އަދި އަތްފޯރާ ފަށެއްގައެވެ. ވޯލްޑް ބޭންކުގެ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުނި ނެގުމާއި ނައްތައިލުމުގެ ހިދުމަތަށް ނަގާ ފީއަކީ ގޭބިސީއެއްގެ ހަރަދުކުރެވޭ އާމްދަނީގެ 1 އިންސައްތައާއި 1.5 އިންސައްތައަށް ވުރެ ބޮޑު ނޫން އަދަދަކަށް ވާންޖެހޭ ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރެވެއެވެ. އަދި އާމްދަނީ މަދުން ލިބޭ އާއިލާތަކަށް މި ފީ ކުޑަކޮށްދިނުން ނުވަތަ މައާފުކޮށްދިނުން ފަދަ އިޖުތިމާއީ ލުއިތައް ވެސް އެ ނިޒާމުތަކުގެ ތެރެއިން ހަމަޖައްސައިދެއެވެ. ޖަޕާނު ފަދަ ގައުމުތަކުގައި އުކައިލާ ކުނީގެ މިންވަރުން ނުވަތަ ކުނި އަޅާ ކޮތަޅު ގަންނަ އަދަދުން އަގު ނަގާ ނިޒާމު ބޭނުންކުރާއިރު، އޯއީސީޑީގެ ގިނަ ގައުމުތަކުގައި އޮންނަނީ ގޭގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލައިގެން މަހަކު ނުވަތަ ތިން މަހުން އެއްފަހަރު ކަނޑައެޅިފައިވާ ވަކި ފީއެއް ނަގާ ގޮތަށެވެ.
މީގެ އިތުރުން، އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ވޯލްޑް ބޭންކުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގައި އެންމެ އާންމުކޮށް ބޭނުންކުރަނީ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކުނި އުފުލާ އުޅަނދުތައް ގޭދޮށަށް ގޮސް، ރަނގަބީލު ޖަހައިގެން ރައްޔިތުން ނެރޭ ކުނި ނަގާ ނިޒާމާއި، ކޮންމެ ހިސާބެއްގައި ވެސް އާންމު ކުނި ކޮންޓެއިނަރުތަކެއް ބަހައްޓައިގެން މުނިސިޕަލްޓީން އެ ކުނި ނަގާ ނިޒާމެވެ. އަދި ކުނި ނެގުމުގެ ކުރިން ބާވަތްތައް ވަކިކުރުމުން މަސައްކަތުގެ ޚަރަދު ކުޑަވެގެންދެއެވެ. ޔޫރަޕިއަން ކޮމިޝަންގެ ލިޔުންތަކުން ހާމަވާ ގޮތުގައި، މެދުފަންތީގެ އަދި ދަށް އާމްދަނީ ލިބޭ ގައުމުތަކުގައި ހަމައެކަނި ރައްޔިތުން އަތުން ނަގާ ފީއަކުން ކުނި މެނޭޖުކުރުމުގެ ހުރިހާ ޚަރަދެއް ފޫ ނުބެއްދޭނެތީ، ގައުމީ ބަޖެޓުން އެހީތެރިކަން ފޯރުކޮށްދެއެވެ.
ހުޅުމާލޭގެ މަގުތަކާއި ހުސް ބިންތައް ކުނިގޮނޑުތަކަކަށް ވުމުން ސަލާމަތްކުރަން ބޭނުންނަމަ، ކުނި އުކައިލުމަކީ އާންމު މީހާއަށް މާލީ ގޮތުން އުފުލަންޖެހޭ ބޮޑު ތަކުލީފަކަށް ވިޔަ ނުދީ، މިހާރުން މިހާރަށް މި ނިޒާމު ބަދަލުކުރަން ޖެހެއެވެ. ކުނި ސާފުކުރުމަށް ފަހުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުމުގެ ބަދަލުގައި، ކޮންމެ އަވަށެއްގައި ފަސޭހައިން ކުނި އަޅާލެވޭނެ ޑަސްބިންތަކާއި ކޮންޓެއިނަރުތައް ބެހެއްޓިދާނެއެވެ. ގޭގައި ހުންނަ ބޮޑެތި ކުނި އަތްފޯރާ ފަށުގެ ކުޑަ އަގެއްގައި އުކައިލެވޭނެ އިންތިޒާމެއް ވެމްކޯއާއި ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް ހަމަޖައްސައިދެވިދާނެއެވެ. ނުވަތަ މަހުގެ ވަކި ދުވަހެއްގައި ބޮޑެތި ކުނި ހެޔޮ އަގެއްގައި އުކައިދިނުމުގެ ނިޒާމެއް ތައާރަފުކުރެވިދާނެއެވެ.
ކޮންމެ ކަހަލަ ނިޒާމެއް އޮތަސް، ހިތުހުރި ތަންތަނަށް ކުނި އުކުމަކީ ގޯހެކެވެ. އަދި އެކަމުން އެނގެނީ ތިމާ އަކީ ތަހުޒީބުގެ ދުނިޔެއަށް ލޯ ހުޅުވިފައި ނުވާ މީހެއް ކަމެވެ.