ސާޅަނގައިން މަސްހިފުން ކަނޑައެޅިގެން މަނާ! އެކަމަކު އާންމު ކަމެއް! ކީއްވެ؟

މީހަކު ބަޑިއަކުން މަސް މަރަނީ--

ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގެ ބަނދަރުމަތިންނާއި ގެސްޓު ހައުސްތަކުން މިއަދު ފެންނަމުންދަނީ ގާނޫނީ ވެރިކަމަށް ގޮންޖަހާ ފަދަ މަންޒަރެކެވެ. ރާއްޖެ އަންނަ ފަތުރުވެރިންނާއި ދިވެހިން ވެސް މަސްމަރާ ބަޑި އާއި ރަނބަރު ވާގަނޑާއެކު ދަގަނޑު ނުވަތަ ސާޅަނގަ ހިފައިގެން އެއްވެސް ފޮރުވުމެއް ނެތި ހާމައަށް މޫދަށް ފައިބައި މަސްހިފައެވެ. ނުވަތަ މަސްމަރައެވެ. ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު (އާރު-75/2020) ގެ ދަށުން މަސްމަރާ ބަޑި ބޭނުންކޮށްގެން މަސްހިފުމާއި މެރުން ފަތުރުވެރިންނާއި އާންމުންނަށް ވެސް މުޅި ގައުމުގައި މަނާކުރެއެވެ. އަދި މަސްވެރިކަމުގެ ގާނޫނު (14/2019) ގެ ދަށުން ލައިސަންސް އޮންނަ އުޅަނދަކުން ބޭރުން އަމިއްލައަށް މަސްހިފުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ގާނޫނުން ކަނޑައެޅިގެން މަނާކޮށްފައި އޮތް ކަމެއް މިހާ ފާޅުގައި ހާމަކަމާއެކު އެއްވެސް ޖެހިލުންވުމެއް ނެތި އެ ދަނީ ކުރަމުންނެވެ. އަދި އެކަން ކުރާއިރު އަޅައިނުލައި ދޫކޮށްލާފައި އޮތުމަކީ، ރާއްޖޭގައި ގާނޫނު ނުހިނގާކަން ބޭރުން އަންނަ ފަތުރުވެރިންނަށް ވެސް ސާފުކޮށް ވިސްނޭނެ ކަމެކެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ކަރުދާހުގައި ވަރަށް ސާފުކޮށް އެބައޮތެވެ. މަސްވެރިކަމުގެ އާންމު ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި، ރަނބަރު ނުވަތަ ވައިގެ ބާރުން ތޫނު އެއްޗެއް ފޮނުވާލާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އާލާތެއް ބޭނުންކޮށްގެން މަސްހިފުމާއި މަހަށް ހަމަލާދިނުން އޮތީ މަނާކޮށްފައެވެ. އެފަދަ އަމަލެއް ކޮށްފި ނަމަ ފުރަތަމަ ފަހަރު 3,000 ރުފިޔާއިން އަދި ތަކުރާރުކޮށްފި ނަމަ 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަނޑައަޅާފައިވާ ގޮތުގައި ޚާއްސަ ހުއްދައެއް ނެތި މަސްމަރާ ބަޑި އާއި ހާޕޫން ރާއްޖެއަށް އެތެރެކުރުމަކީ ވެސް މަނާކަމެކެވެ. ނަމަވެސް ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން މި ސާމާނުތައް ހިފައިގެން ރަށްރަށަށް ފައިބާއިރު، މި ގަވާއިދުތައް ތަންފީޒުވާ ތަނެއް ނުފެނެއެވެ.އަދި މި ފަދަ ރަށްތަކުގައި ފުލުހުންގެ ސްޓޭޝަންތައް ވެސް އެބަހުއްޓެވެ. ފުލުހުންގެ ކުރިމަތީގައި މަސްމަރާ ސާމާނުތައް ކޮނޑުޖަހައިލައިގެން ހިނގައިފައި ދާއިރު ފުލުހުންނަށް ވެސް ފެންނާނޭތާއެވެ.

ރާއްޖެ އައިސް އުޅޭ ފަތުރުވެރީން ގެނެސްފައިވާ މަސްމަރާ ސާމާނު ގެސްޓު ހައުސްގައި ބަހައްޓައިފައި . މިއީ ގާނޫނީ ގޮތުން މަނާތަކެތި.

މި ގޮތަށް މަސް ހިފުމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ކަނޑުގެ މާހައުލަށް ލިބޭ ގެއްލުން ކުޑައެއް ނޫނެވެ. ފާނައިގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައި ފާހަގަކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ގްރޭޓް ބެރިއާ ރީފް މެރިން ޕާކުގެ ސަރަހައްދެއްގައި މިގޮތަށް މަސްހިފަން ހުއްދަދިންތާ ތިން އަހަރުގެ ތެރޭގައި ފާނައިގެ އާބާދީ 54 އިންސައްތަ ދަށަށް ގޮސް، މަހުގެ އެވްރެޖް ސައިޒު ވަނީ 27 އިންސައްތަ ކުޑަވެފައެވެ. އަދި ސްކޫބާ ޑައިވްކޮށްގެން ބަޑިޖަހައިގެން މަސްހިފުމުން ލަނޑާ ހިފާ މިންވަރު 15 ގުނަ އިތުރުވެ، ފަރުތަކުގެ ކާނާގެ ދިރުމަށް ބުރޫއަރައެވެ. ބޮޑެތި މަސްތަކަށް އަމާޒުކޮށްގެން މިގޮތަށް މަސްހިފުމުން މަސް އާލާވާ މިންވަރަށް ނޭދެވޭ އަސަރުކުރާ ކަމަށް ހިއުސް އަދި އެހެން ފަރާތްތަކުގެ ދިރާސާއިން ވެސް ހާމަވެއެވެ. މީގެ އިތުރުން، މިގޮތަށް މަސް ޒަޚަމްވުމުން ލޭގެ ވަހަށް މިޔަރު އެއްވެ، މިޔަރުގެ ނުރައްކާތެރި ހާދިސާތައް އިތުރުވާ ކަމަށް މޯލްޑިވްސް އިންޑިޕެންޑެންޓްގައި ލިޔެފައިވެއެވެ.

މި ހުރިހާ ނުރައްކަލެއް އޮތްއިރުވެސް، ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ނަމުގައި މިކަމަށް ހުއްދަދިނުމުގެ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. 2026 މާޗް 29ގައި އެޑިޝަންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 40 އަހަރު ވަންދެން މަނާކޮށްފައި އޮތް ނަމަވެސް ގަވާއިދަށް ބަދަލުގެނެސް އެޕްރީލް މަހުގެ ތެރޭގައި އެކަމަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިގު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އަދި އަތުން ހިފާ ދަގަނޑު ބޭނުންކޮށްގެން މަސްހިފުމަކީ މިހާރު ވެސް މަނާކަމެއް ނޫން ކަމަށާއި އެއީ އާންމުކޮށް ކުރާ ކަމެއް ކަމަށް ވެސް ޠާރިގު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު އޮތް ގަވާއިދު ތަންފީޒު ނުކުރެވި އޮއްވައި، މިފަދަ ވާހަކަތައް ދެއްކުމުން ގަވާއިދާ ޚިލާފަށް މަސްހިފާ ފަރާތްތަކަށް ލިބެނީ އިތުރު ހިތްވަރެކެވެ.

ސަރުކާރުން މިކަމަށް އަޅައިނުލައި ދޫކޮށްލުމުގެ ނަތީޖާ ވަރަށް ހިތިވާނެއެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަރުމަހުގެ މަސްވެރިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ނުހަނު މުހިންމު ދާއިރާއަކަށް ވާއިރު، ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ މަސްވެރިންނަށް ރޭކާވެސް ނުލައި ބައެއް ބާވަތްތަކުގެ މަސް އެއްކޮށް ނެތިގެން ހިނގައިދާނެއެވެ. އަދި ލައިސަންސް ނެތް ކުދި އުޅަނދުފަހަރުގައި ގަވާއިދާ ޚިލާފަށް ކުރާ ފަރުމަހުގެ މަސްވެރިކަން ދެނެގަނެ، ފާރަވެރިވުން އިތުރުކުރަންޖެހޭ ކަމަށްވެސް އެ ބޭންކުން ލަފާދެއެވެ.

ގާނޫނުތަކާއި ގަވާއިދުތައް ހަދާފައި ހުންނަނީ ހަމައެކަނި ފޮތްތަކުގައި ލިޔެފައި ބޭއްވުމަކަށް ނޫނެވެ. ފަތުރުވެރިކަމުގެ މަންފާއަށް ޓަކައި، ރާއްޖޭގެ ފަރުތަކުގެ ދިރުންތައް ނެތިދިއުމަށް ފުރުސަތު ދެވިގެން ނުވާނެއެވެ. ކަސްޓަމްސްގެ ބަލާފާސްކުރުންތައް ހަރުދަނާކުރާން ޖެހެއެވެ. އާންމު ދިވެހީން އުޅޭ ރަށްރަށާއި ގެސްޓުހައުސްތައް ހިންގާ ރަށްރަށުގައި ފާޅުގައި މަސްމަރާ ބަޑި އާއި ސާޅަނގަ ބޭނުންކޮށްގެން މަސްހިފާ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިންނާއި ކަމާބެހޭ އިދާރާތަކުން ވަގުތުން ގާނޫނީ ފިޔަވަޅު އަޅަންޖެހެއެވެ. ގާނޫނު ތަންފީޒުކުރުމުގައި ފަސްޖެހޭ ނަމަ، ގެއްލިގެންދާނީ ހަމައެކަނި ފަރުތަކުގެ މުއްސަނދިކަމެއް ނޫނެވެ؛ ގައުމުގެ ގާނޫނީ ނިޒާމުގެ ހައިބަތާއި އިތުބާރެވެ.

comment ކޮމެންޓް