2030އަށް އެކްސްޕޯޓުން 36 ބިލިއަން ޑޮލަރު ހޯދަން ލަންކާއިން އަމާޒުހިފައިފި

ދެހާސް ތިރީސް ވަނަ އަހަރާ ހަމައަށް ސްރީލަންކާގެ ޖުމްލަ އެކްސްޕޯޓް އާމްދަނީ 36 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް ގެންދިއުމަށް އެ ގައުމުން އަމާޒުހިފައިވާ ކަން އިއުލާންކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ސްރީލަންކާގެ ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް މިނިސްޓަރު ވަސަންތަ ސަމަރަސިންހަ އެވެ. މި އަމާޒަކީ އެ ގައުމުގެ އިގުތިސާދު ކޮޅަށްޖެހުމަށް ސަރުކާރުން އެކުލަވާލާފައިވާ އިގުތިސާދީ ތަރައްގީގެ އެޖެންޑާގެ ދަށުން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ފަރާތުން ބޭރު ގައުމުތަކުގައި ހުންނަ އެ ގައުމުގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ ކޮމާޝަލް އޮފިސަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. ވިޔަފާރީގެ ގޮތުން މުހިންމު 23 މާކެޓެއްގައި މަސައްކަތްކުރާ އޮފިސަރުންނާ މުހާތަބުކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ މާކެޓުތަކުގައި ސްރީލަންކާގެ ވިޔަފާރިއާއި އިގުތިސާދީ މަސްލަހަތު ކުރިއެރުވުމުގައި އެ އޮފިސަރުންގެ ދައުރު ވަރަށް މުހިންމެވެ. އަދި ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ފަތުރުވެރިކަމުގެ އިތުރުން ހުނަރުވެރި ވަޒީފާގެ ފުރުސަތުތައް ކުރިއެރުވުމަށް މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް މި ބައްދަލުވުމުގައި ވަނީ މުރާޖައާކޮށްފައެވެ.

މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށާއި ސްރީލަންކާގެ އުފެއްދުންތަކަށް އާ މާކެޓުތައް ހޯދުމަށް މަސައްކަތްކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

ސަރުކާރުގެ އިގުތިސާދީ ތަރައްގީގެ އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން، ނޭޝަނަލް އެކްސްޕޯޓް ޑިވެލޮޕްމަންޓް ޕްލޭންގެ އަމާޒުތަކާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް މިނިސްޓަރު ސަމަރަސިންހަ ވަނީ އޮފިސަރުންނަށް ގޮވާލައްވާފައެވެ. މީގެ ތެރޭގައި 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ 36 ބިލިއަން ޑޮލަރުގެ އަމާޒު ހިމެނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާކެޓުތައް ތަރައްގީކުރުމާއި، އެކްސްޕޯޓް ޕްރޮމޯޓްކުރުމާއި، އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށްގެން ނަތީޖާ ނެރުން މުހިންމެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސްރީލަންކާގެ ޖުމްލަ އެކްސްޕޯޓް އާމްދަނީ ވަނީ 17.25 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން މުދަލުގެ އެކްސްޕޯޓުން 13.57 ބިލިއަން ޑޮލަރު ލިބިފައިވާއިރު، ހިދުމަތުގެ ދާއިރާއިން 3.67 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އެހެންކަމުން އާ އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު ލިބޭ އާމްދަނީ ދެގުނައަށް ވުރެ އިތުރުކުރަން ޖެހެއެވެ.

ދެހާސް ބާވީސް ވަނަ އަހަރު ކުރިމަތިވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ސްރީލަންކާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީތެރިކަމާއެކު އެ ގައުމުގެ އިގުތިސާދު ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. ސްރީލަންކާގެ މައިގަނޑު އެކްސްޕޯޓްތަކުގެ ތެރޭގައި އަންނައުނާއި، ސައިފަތާއި، ރަބަރާއި، ކާށީގެ ބާވަތްތަކުގެ އިތުރުން ޖަވާހިރު ހިމެނެއެވެ. އެ ގައުމުގެ އެންމެ ބޮޑު އެކްސްޕޯޓް މާކެޓަކީ އެމެރިކާއެވެ.

މީގެ އިތުރުން ފަތުރުވެރިކަމާއި ބޭރު ގައުމުތަކުގައި ވަޒީފާ އަދާކުރާ މީހުން ފޮނުވާ ފައިސާއަކީ ވެސް އެ ގައުމަށް ބޭރު ފައިސާ ވަންނަ މުހިންމު ދާއިރާތަކެވެ. ދެހާސް ސައްވީސް ވަނަ އަހަރު ފަތުރުވެރިކަމުން 3.17 ބިލިއަން ޑޮލަރު ލިބިފައިވާއިރު، ބޭރުގައި މަސައްކަތްކުރާ މީހުން ފޮނުވި ފައިސާގެ އަދަދު ވަނީ 6.5 ބިލިއަން ޑޮލަރަށް އަރާފައެވެ.

comment ކޮމެންޓް