ސްރީލަންކާގައި 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް އޮޕަރޭޝަންކޮށްގެން ނަގައިފި

ސްރީލަންކާގައި އޮޕަރޭޝަނެއްކޮށް ނެގި، 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް---

ސްރީލަންކާގެ ޓްރިންކޮމަލީގައި ހުންނަ ހޮސްޕިޓަލެއްގައި އުމުރުން 55 އަހަރުގެ ބަލިމީހެއްގެ ގައިން 3.1 ކިލޯގްރާމްގެ ބްލެޑާ ސްޓޯނެއް (ކުޑަކަމުދާ ނިޒާމުގައި އުފެދޭ ހިލަ) އޮޕަރޭޝަންކޮށްގެން ނަގައިފިއެވެ.

ވާގިނެތިފައިވާ މި ބަލިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އޭނާގެ ބަނޑުގެ ސަރަހައްދުގައި އާދަޔާޚިލާފު ގަނޑެއް އިންކަން ފުރަތަމަ ހެދި ޓެސްޓުތަކުން ދެއްކި ކަމަށް ނިއުސްވައިއާ އިން ރިޕޯޓުކޮށްފައިވެއެވެ. އޮޕަރޭޝަން ޓީމުގައި ހިމެނޭ ޑޮކްޓަރަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އިތުރަށް ހެދި ތަހުލީލުތަކުން އެއީ ބޮޑު ބްލެޑާ ސްޓޯނެއްކަން ވަނީ ކަށަވަރުވެފައެވެ.

ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހާ އޮޕަރޭޝަނަށް ތައްޔާރުކުރުމަށްފަހު، މި އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޑޮކްޓަރު ބުނި ގޮތުގައި، އޮޕަރޭޝަންކޮށްގެން ނެގި މި ހިލައިގެ ބަރުދަނުގައި 3.1 ކިލޯގްރާމް ހުރިއިރު، އޭގެ ދިގުމިނުގައި 14 ސެންޓިމީޓަރާއި 19 ސެންޓިމީޓަރާ ދެމެދުގެ މިންވަރެއް ހުއްޓެވެ.

މިއީ ދުނިޔޭގައި ވެސް އޮޕަރޭޝަންކޮށްގެން ނެގި އެންމެ ބޮޑު ބްލެޑާ ސްޓޯން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި، ރަސްމީކޮށް އަދި ކަށަވަރުނުވި ނަމަވެސް، މިއީ ގިނިސް ވޯލްޑް ރެކޯޑަކަށް ޝަރުތު ހަމަވުން އެކަށީގެންވާ ހިލައެކެވެ.

އޭނާ ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލި ޚާއްސަ ޑޮކްޓަރާއި މެޑިކަލް ޓީމަށް ތާރީފުކުރައްވައިފައެވެ. އަދި ހޮސްޕިޓަލުގެ އިދާރީ ފަރާތުގެ ދައުރަކީ ބޭނުންވާ ވަސީލަތްތަކާއި އާލާތްތަކުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޑިރެކްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް