ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް 15 ބިލިއަން ޑޮލަރަށް އިތުރުނުކޮށްފިނަމަ، 2028 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމު އަނެއްކާވެސް ބަނގުރޫޓުވުމުގެ ނުރައްކާ އެބައޮތް ކަމުގެ އިންޒާރު ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ދެއްވައިފިއެވެ.
ކޮލަމްބޯގައި ބޭއްވި ކުރީގެ ވަޒީރު ރަންޖިތު ސިޔަމްބަލަޕިޓިޔާގެ ފޮތް "ޔުދަ ދެކަކަޓަ އުރަ ދީ" ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަނިލް ވިދާޅުވި ގޮތުގައި، ސްރީލަންކާއަށް ދެން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހޭނީ 2028 ވަނަ އަހަރުގެ ފަހުން ދަރަނި އަނބުރާ ދައްކަން ފަށާ ހިސާބުންނެވެ. އަދި މިއަހަރުގެ ނިޔަލަށް ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ރިޒާވް އަށް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، 2028 ވަނަ އަހަރާ ހަމައަށް އަމާޒުކޮށްފައިވާ 15 ބިލިއަން ޑޮލަރަށް ވާސިލުވުމަށް ބޭނުންވާ އިތުރު ހަތް ބިލިއަން ޑޮލަރު ހޯދާނެ ގޮތަކާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އެ ގައުމުގެ މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ގައުމުގެ ރިޒާވްގައި ހުރީ 6.59 ބިލިއަން ޑޮލަރެވެ.
ރަނިލް ވިދާޅުވި ގޮތުގައި، އިތުރަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ސްރީލަންކާގައި މިހާރު ސާފު ޕްރޮގްރާމެއް ނެތެވެ. އަދި ރިޒާވް ވަރުގަދަނުކޮށް، ދަރަނި ދައްކަން ފެށުމަށް ތައްޔާރުނުވެއްޖެނަމަ، 2022 ވަނަ އަހަރު ކުރިމަތިވި ފަދަ އިގުތިސާދީ ބޮޑު ކާރިސާއެއްގެ ތެރެއަށް ގައުމު އަނެއްކާވެސް ވެއްޓިދާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ. ހަމައެއާއެކު 2028 ވަނަ އަހަރާ ހަމައަށް ދަރަނި ދެއްކުމުގައި ލުއިތަކެއް ލިބިފައިވީ ނަމަވެސް، އޭގެ މާނައަކީ އިގުތިސާދީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބުން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ފުރަތަމަ ބުރު އަޅުގަނޑުމެން ނިންމާލައިފިން. މިހާރު ފަށަން މިޖެހެނީ ދެވަނަ ބުރު،" ރަނިލް ވިދާޅުވިއެވެ.
މީގެ އިތުރުން، 2.9 ބިލިއަން ޑޮލަރުގެ އައިއެމްއެފް ޕްރޮގްރާމް 2027 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމުމަށް ހަމަޖެހިފައިވާއިރު، އޭގެ ފަހުން މިހާރުގެ ސަރުކާރުން ގެންގުޅޭ އިގުތިސާދީ ސިޔާސަތާމެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އައިއެމްއެފްގެ އެހީތެރިކަމާއެކު ސްރީލަންކާގެ އިގުތިސާދު މިހާރު އަންނަނީ މަޑުމަގުން ރަނގަޅުވަމުންނެވެ.
ކުރީގެ ރައީސް ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމުގައި އިގުތިސާދީ ހަމަޖެހުން ގާއިމުކޮށް، މުސްތަގުބަލުގެ ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން މުހިންމު ގާނޫނުތަކެއް ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި މަރުކަޒީ ބޭންކަށް ފުރިހަމަ މިނިވަންކަން ދިނުމަށް ފާސްކުރި ސެންޓްރަލް ބޭންކް އެކްޓާއި، ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމަށް އެކުލަވާލި ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް އެކްޓްގެ އިތުރުން، ޕަބްލިކް ޑެޓް މެނޭޖްމަންޓް އެކްޓް އަދި އިކޮނޮމިކް ޓްރާންސްފޯމޭޝަން އެކްޓް ހިމެނެއެވެ.
މި ގާނޫނުތަކަކީ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، ދަރަނި މެނޭޖްކުރުން ހަރުދަނާކުރުމަށް އެކުލަވާލި ގާނޫނުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އިގުތިސާދީ ބަދަލުތައް ގެނައުމުގެ ޕްރޮގްރާމް ކުރިއަށް ނުގެންދިއުމަށް ނިންމާފައި ވަނީ އެއްވެސް ބަދަލު ޕްލޭނެއް ހުށަހެޅުމަކާ ނުލައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ރަންޖިތު ސިޔަމްބަލަޕިޓިޔާގެ ފޮތުގައި ބަޔާންކޮށްފައިވާ އިގުތިސާދީ ދެ ހަނގުރާމައަށްފަހު، 2028 ވަނަ އަހަރުގެ ފަހުން އަންނަ ގޮންޖެހުމަކީ ސްރީލަންކާގެ "ތިންވަނަ ހަނގުރާމަ" ކަމަށް ރަނިލް ސިފަކުރެއްވިއެވެ.
"އެ ހަނގުރާމަ ކާމިޔާބު ނުކުރެވިއްޖެނަމަ، އަޅުގަނޑުމެން ވަރަށް ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހޭނެ،" އޭނާ އިންޒާރުދެއްވިއެވެ.