ކޮލަންބޯ (17 އޮގަސްޓް 2026) : ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކެއަށް އޮތް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާކަމާއި އޭނާގެ ސަރުކާރުގެ އަމަލުތަކަށް ރައްޔިތުންގެ ތާއީދު ގެއްލެމުންދާކަން އެ ގައުމުގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެއެވެ.
"މޫޑު އޮފް ދަ ނޭޝަން" ގެ ނަމުގައި ކުރި މިސާވޭގެ ނަތީޖާ ދައްކާގޮތުން ސްރީލަންކާގެ ރައީސް އަނޫރަގެ ސަރުކާރަށް ރައްޔިތުން ކުރާ ތާއީދު މިހާރުވަނީ 65 އިން ސައްތައިން 50 އިންސައްތައަށް ދަށަށް ގޮސްފައެވެ.
މި ސާވޭ އާ ހަވާލާދީ ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ރައީސް އަނޫރަ ކުމާރަ ޑިސެނަކަގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ކުޑަވި މައިގަނޑު ސަބަބަކީ ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަ ސިންހަގެ ވެރިކަމުގައި އައިއެމްއެފްގެ ލޯން ހޯދުމަށްޓަކައި އެޅި އިގްތިސާދީ ހަރުކަށި ފިޔަވަޅުތަކާއެކު ސަރުކާރުގެ ވަޒީފާތަކުން މީހުން ވަކިކޮށް ސަބްސިޑީތައް ކަނޑާލުމުން ރައްޔިތުންނަށް ދަތިވެ ރައްޔިތުން ބިކަވަމުންދާތީ އެކަން ހައްލު ކުރައްވާނެކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް އަނޫރަ ރައްޔިތުންނަށް ވީ ވައުދު ފުއްދުމުގައި އޭނާ ނާކާމިޔާބު ވެވަޑައިގަތުމެވެ.
އައިއެމްއެފް އަކީ ލޯން ދިނުމުގައި ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ މުއައްސަސާއެކެވެ. އެތަނުން ލޯންދޭނީ ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ކުޑަކުރުމުންނެވެ. މީގެތެރޭގައި ސިވިލްސާވިސްގެ ވަޒީފާތައް އިންތިހާއަށް މަދުކޮށް ސަރުކާރުން ރައްޔިތުންގެ އަސާސީ ކަންކަމަށް ދޭ ސަބްސިޑީތައް ކަނޑާލުން ހިމެނެއެވެ.
ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ރަނިލް ނާކާމިޔާބުވި މައިގަނޑު ސަބަބަކީވެސް މިއީ ކަމަށް އެދުވަސްވަރު ސްރީލަންކާގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ.
އައިއެމްއެފް އާ ވާހަކަ ދެއްކިނަަމަވެސް އެ މުއައްސަސާގެ އުސޫލުތައް ބަދަލުނުކުރެވޭނެކަން އަނޫރައަށް އެނގިވަޑައިގެން ހުންނަވައި އެކަން ބަދަލުކުރައްވާނެކަމަށް ވިދާޅުވެ ރިޔާސީ ކޭންޕެއިންގައި ވާހަކަ ދެއްކެވީ ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ކަމަށް ސްރީލަންކާގެ އިދިކޮޅު އެކްޓިވިސްޓުން ތުހުމަތުކޮށްފައިވެއެވެ.
އަނޫރަ ވަނީ އައިއެމްއެފް އާ ވާހަކަދައްކައިގެން މިކަންކަން ހައްލުކޮށް ކަނޑާލާފައިވާ ސަބްސިޑީތައް އަލުންދީ ސަރުކާރާއި ދައުލަތުގެ ވަޒީފާތައް ގިނަކުރާނެކަމުގެ ދަޅަދައްކައި ރިޔާސީ އިންތިޚާބުގައި އެކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގެން ގާތްގަނޑަކަށް މިވީ ދެ އަހަރު ތެރޭގައި މިއިން އެއްވެސް ކަމެއް ރައީސް އަނޫރައަށް ހާސިލް ކޮށްދެއްވިފައެއް ނުވެއެވެ.
އޭގެބަދަލުގައި ރައީސް އަނޫރަ ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު ސްރީލަންކާ މާލީ ގޮތުން ބަނގުރޫޓުވެ ގައުމު އިނދަޖެހުނު މައްސަލަ އަދިވެސް އެއްކޮށް ހައްލުނުވާ ކަމަށާއި ގައުމަށް އަދިވެސް އެންމެ ފައިދާބޮޑު ގޮތަކީ އައިއެމްއެފް އެކު އެއްބަސްވެފައިވާގޮތަށް ކުރިއަށް ދިއުން ކަމުގައެވެ.
"މޫޑު އޮފް ދަ ނޭޝަން" ގެ ނަމުގައި ސްރީލަންކާގެ އަމިއްލަ މުއައްސަސާއަކުން ކުރި މިސާވޭގެ ނަތީޖާއަށް ބަލާއިރު ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 56 އިންސައްތަ މީހުންވަނީ ސްރީލަންކާގެ އިގްތިސާދީ ހާލަތު މިހާރުވަނީ ވަރަށް ދެރަވަރުގައި ކަމަށް ސިފަކޮށްފައެވެ.
ހާލަތު ރަނގަޅު ކަމަށް ބެލެވޭކަމަށް ބުނެފައިވަނީ 38 އިންސައްތަ މީހުންނެވެ. އިގްތިސާދު ގޯސް ކަމަށް ދެކޭ މީހުންގެ އިންސައްތަ ވަނީ 15 އިންސައްތައިން 40 އިންސައްތައަށް މައްޗަށް ގޮސްފައެވެ.
ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ރައްޔިތުން އަނޫރަގެ ސަރުކާރާމެދު މިހާ ނެގެޓިވްކޮށް ދެކެން ފަށާފައިވުމުގެ މައިގަނޑު ސަބަބަކީ ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ކުރީ ސަރުކާރުން ކަނޑާލި ސަބްސިޑީތައް އަލުން އިއާދަކުރާނެކަމަށް ވީ ވައުދުތައް ފުއްދައި ނުދެވުމާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވަމުން ނުދާތީއެވެ.