ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން އަދިވެސް ކުރަމުންދާއިރު، މި ހާދިސާގައި ސަލާމަތްވި އަށް މީހުން ކ. ގާފަރަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރުއެވެ.
ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދެ ބިދޭސީންނެވެ.

ލޭންޑިން ކްރާފްޓެއް އަޑިއަށްދިޔަ ހާދިސާގައި ސަލާމަތްކުރި މީހުން ގާފަރަށް ގެނައުން.... ފޮޓޯ/ ގާފަރު މީޑިއާ ފޭސްބުކް ޕޭޖް
ގާފަރު ކައުންސިލްގެ ރައީސް މުބާޝިރު ޖަލީލް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަލާމަތްވި އަށް މީހުން މިހާރު ތިބީ އެ ރަށުގެ ގެސްޓު ހައުސްއެއްގައި ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"އެ އަށް މީހުން ތިބީ ގެސްޓުހައުސްއެއްގަައި އަޅުގަނޑުމެން ކައުންސިލްގެ ބެލުުމުގެދަށުގަ. އެ އެންމެގެން ހާލުވެސް ރަނގަޅު،" މުބާޝިރު ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ ދަންވަރު 12:30 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅު އެރުމުގެ ފުރުސަތު އޮތުމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ކަނޑު ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ދަތުރުކުރާ އުޅަނދުގައި ލައިފު ޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.