އެމްއެމްޕީއާރުސީ ޚިޔާނާތް: 375،000 ޑޮލަރުގެ މައްސަލަތަކެއްގައި އެމްއެޗްއާރު ޓްރޭޑިންއަށް ދައުވާކުރަން ފޮނުވަނީ

އޭސީސީގެ މެންބަރުން: 375،000 ޑޮލަރުގެ މައްސަލަތަކެއްގައި އެމްއެޗްއާރު ޓްރޭޑިންއަށް ދައުވާކުރަން ފޮނުވަން ވަނީ ނިންމައިފައި -- ފޮޓޯ/ އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) ޚިޔާނާތާ ގުޅިގެން އެމްއެޗްއާރު ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަން ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފިއެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގައިފައިވާ އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި، އެމްއެޗްއާރު ޓްރޭޑިންއަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އޭސީސީން ނިންމައިފައިވަނީ އިއްޔެއެވެ.

އޭސީސީން ބުނީ، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ފައިސާ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެމްއެޗްއާރު ޓްރޭޑިންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެެވެ.

އެގޮތުން، 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން އެސްއޯއެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325,000 ޑޮލަރު އެމްއެޗްއާރު އަދި އެ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ "ތަރުކާރީ ފިހާރަ"ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި ކުށް ސާބިތުވި އަދީބާއީ ޒިޔަތު: އޭސީސީން ވަނީ ޒިޔަތުގެ އާއިލީ ކުންފުންޏަށް ދައުވާކުރަން ފޮނުވަން ނިންމައިފައި -- ފޮޓޯ/ އެމްއެމްޕީއާރުސީ

އެ ކޮމިޝަނުން ބުނީ އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވީ ނަމަވެސް، އެ ޗެކުތައް އެ ކުންފުންޏަށް ދިނީ ކޮން ފަރާތަކުންކަމާއި ޗެކުތަކަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް ވެސް އެ ކުންފުންޏަށް ތަހުގީގުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި 50,000 ޑޮލަރު އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އެ ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީ ޚިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ކަމަށް ސާބިތުވި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔާތު މެދުވެރިކޮށް ކަމާއި، އެ ޗެކު އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށްވަނީ ހޯދިފައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެމްއެޗްއާރުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުގެ ޗެކުތައް ޖަމާކޮށްފައިވާއިރު، ޗެކުތަކަކާ ގުޅޭގޮތުން ޒިޔާތުއާއި އެމްއެޗްއާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ދެމެދު މުޢާމަލާތްކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އެ މުޢާމަލާތްތަކުން އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމްއެޗްއާރު ކުންފުނީގެ އެމްޑީއަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ހާމަކުރިއެވެ. .

އެ މައްސަލައިގައި އޭސީސީން ވަނީ، ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އެމްއެމްޕީއާރުސީއަށް ފޮނުވަން ވެސް ނިންމައިފައެވެ. އެއީ އެސްއޯއެފްގެ ޗެކުތައް މެދުވެރިކޮށް އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށްފައިވާ 325,000 ޑޮލަރަށްވާ 5,011,500 ރުފިޔާ އާއި ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި 50,000 ޑޮލަރު އެމްއެޗްއާރުއަށް ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާގެ ގޮތުގައި ހޯދާފައިވާ ފައިސާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

https://sun.mv/174277

އެމްއެޗްއާރު ޓްރޭޑިންއިން "ތަރުކާރީ ފިހާރަ"ގެ އިތުރުން އެހެން ގިނަ ވިޔަފާރިތަކެއް ވެސް ހިންގައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހ. ސްނޫޕީ، އަބްދުﷲ އާސިމް ކަމަށްވާއިރު، މި މައްސަލައިގައި އޭނާ 2016 ވަނަ އަހަރު ހައްޔަރު ވެސް ކޮށްފައިވެއެވެ.

އޭސީސީން 2023ގައި ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން އާސިމަށް 2.46 މިލިއަން ޑޮލަރު ނުވަތަ 37.93 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތުހުމަތުކޮށް އެ ފައިސާ ވެސް އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އަންގައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އާސިމަކީ ޒިޔަތުގެ ބޮޑުބޭބެއެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް، އެ މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވެއެވެ.

https://sun.mv/225323

ޞާލިޙް ވެރިކަމަށް ވަޑައިގަތީ އެ ޚިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯއްދަވައިދެއްވާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަން ނިމެން ތިން ދުވަހަށް ވެފައި ވަނިކޮށް ޞާލިޙް ވަނީ އެ މައްސަލައިގައި އެންމެ އިސްކޮށް ހުންނެވިކަން ޝަރީއަތަށް ސާބިތުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށާއި، ޒިޔަތަށް، މައާފު ދެއްވައި މިނިވަން ކުރައްވައިފައެވެ.

މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިމެނޭ ގޮތަށް، ދައުލަތަށް ގެއްލިފައިވާ މުދާ އަނބުރާ ހޯދަން މަސައްކަތް ކުރައްވާ ކަމަށާއި އެކަން ކާމިޔާބުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް