އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މީހެއްގެ އަތުން 2.46 މިލިއަން ޑޮލަރު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރްސީގައި އެދިއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ ހ. ސްނޫޕީ، އަބްދުﷲ އާސިމަށް ލިބުނު 2.46 މިލިއަން ޑޮލަރު ނުވަތަ 37.93 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު އެމްއެމްޕީއާރްސީއަށް އަންގާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމައެއްނުކުރެއެވެ. އާސިމަށް އެ ފައިސާ ލިބުނު ގޮތެއް ވެސް އަދި އެނގިފައެއްނުވެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި ޕީޕީއެމާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ހިމެނޭކަން ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. އެ ފައިސާ ލިބިވަޑައިގެންނެވި މަޖިލިސް މެންބަރުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ވެސް އާންމުކުރިއެވެ.
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް މީގެކުރިން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތަކީ އެ ޚިޔާނާތް ރާވައި، އެކަމުގައި އުޅުނު މީހުންގެ ސިޔާސީ ބޭނުން ތަކެއް ހާސިލު ކުރުމަށް ޚަރަދުކޮށް، ފައިސާ ހޯދަން ހިންގި ސްކީމެއްކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެގޮތުން ތަހުގީގަށް އެކި ފަރާތްތަކުން ދީފައިވާ މައުލޫމާތާއި ލިބެން ހުރި ހެކިތަކަށް ބަލާއިރު، އެންމެ ފުރަތަމަ ފައިސާ ނަގަން ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިއުލާނުކޮށް، އިންތިހާބަށް ތައްޔާރުވާން ފެށި ހިސާބުން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އެގޮތުން އެ ފައިސާ ހަރަދުކޮށްފައި ވަނީ
- 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުގެ ޕްރައިމަރީއަށް.
- ޕްރައިމަރީތައް ކާމިޔާބުކުރި ބޭފުޅުންގެ ކެމްޕޭނަށް.
- މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް.
- މެމްބަރުން ޕާޓީ ބަދަލުކުރުމަށް.
- އެ ދައުރުގައި މަޖިލީހުގައި ހިނގައިދިޔަ ބޮޑެތި ވޯޓުތަކަށް (އޭގެތެރޭގައި ގާނޫނު ބަދަލު ކުރުމާއި މަގާމުތަކަށް މީހުން އައްޔަން ކުރުން ފަދަ ކަންކަން ހިމެނޭ)
- ސިޔާސީ ބޭފުޅުންނަށް ހުކުމް ކުރުމަށް.
- ވިޔަފާރިވެރިންގެ ވިޔަފާރީގެ ޑިއުޓީތައް ދެއްކުމަށް.
- މީހުންނަށް ކިޔަވައިދިނުމަށާއި ސިއްހީ ފަރުވާއަށް.
- ފުލުހުންނާއި ސިފައިންގެ ބައެއް ކަންކަމަށް ސްޕޮންސާ ދިނުމުގެ ގޮތުން.
- ސަރުކާރުގެ އެކި އިވެންޓުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް.
މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާން ކައިރިވާއިރުވެސް އެ ޚިޔާނާތުގެ ފައިސާ ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.