އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ރ. ފުއްގިރި އާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުން މިއަދު މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުވި އެހެން އެންމެންގެ މައްސަލަތައް ދޫކޮށްލުމަށްފަހު، ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ ޝަރީއަތުގައި ކުރިއަށްގެންދާތީ އެކަމަށް އަމާޒުވި ފާޑުކިޔުންތަކަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ރައްދުދީފައެވެ. މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ޕަބްލިކް ޕްރޮސެކިއުޓަރު އަޙުމަދު ޝަފީއު ވިދާޅުވީ، ބޭއިންސާފަކަށް ވާނީ އެއް ހާލަތެއްގައި ތިބި ދެ މީހަކަށް އެއް ހަމައަކުން އަމަލުނުކުރުމުން ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ރައީސް ޔާމީނާ އެއް ހާލަތެއްގައި ހުރި އެހެން މީހަކު ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުން ބުނި ގޮތުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ރަސްމީ ހައިސިއްޔަތުގެ ބޭނުންކުރައްވައިގެން ރިޝްވަތުގެ ފައިސާ ހޯއްދެވުމަށް ނުފޫޒު ފޯރުއްވުމަކީ އެހެން މީހުންނާ އާދަޔާ ޚިލާފަށް ތަފާތު ބޮޑު ކަމެކެވެ.
ބިޑަކާ ނުލައި ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ފުއްގިރި 1.55 މިލިއަން ޑޮލަރަށް ދޫކުރި މުއާމަލާތަކީ ޔާމީނަށް ފައިސާ ހޯދުމުގެ މަގުސަދުގައި ހިންގި ކަމެއް ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. އަދި އެއީ ދައުލަތަށް ކުޑަ އަގެއް ވައްދައި ބާކީ ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭގޮތަށް ރޭވި ކަމެއް ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
މީގެ އިތުރުން، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަން ސާބިތުކުރުމަށް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މައްސަލަ ބައްލަވާ ގާޒީ ޢަލީ ނަދީމް ނިންމެވީ ދައުލަތުން އެ ހެކިންނާ މެދު ފާހަގަކުރި ކަންކަމަކީ ހެކިބަހަށް ބުރަދަން ދިނުމާ ގުޅޭ ކަންކަން ކަމަށްވާތީ، ޝަރީއަތުގެ މަރުހަލާ ނިމި ހުކުމް ކަނޑައަޅާއިރު އެކަމަށް ގޮތެއް ނިންމެވުމަށެވެ.
ޔާމީންގެ ދިފާއުގައި ހުށަހެޅުއްވި ހެކިންގެ ތެރޭގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް، މެންބަރު މުހައްމަދު އިސްމާއީލް، މެންބަރު މުޙައްމަދު ޝާހިދު، އަބްދުﷲ ރަޝީދު އަދި ކިތާބީ ހެއްކެއް ހިމެނެއެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމި ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ.
އާރަށުގެ މައްސަލައިގައި ޔާމީނާއި ޔޫސުފް ނައީމް ވިދާޅުވަނީ އެއް މިލިއަން ޑޮލަރަކީ ދިވެހި ރުފިޔާގެ ނަގުދު ފައިސާ ދީގެން ޑޮލަރު މާރުކުރުމަށް ހިންގި މުއާމަލާތެއް ކަމަށެވެ.