ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ގިނަ މުދާ ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަނީ އެ ކަން ކާމިޔާބު ކުރުމުގެ ވަރަށް ބޮޑު ޔަގީންކަމަކާއެކީގައި ކަމަށެވެ. އެގޮތުން، އެންމެންގެ އެއްބާރުލުމާ އެކީގައި އެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކޯޓުތަކާއި ދައުލަތުގެ މުއައްސަސާތައް އެއްކޮށް މަސައްކަތް ކުރާނަމަ، ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކާމިޔާބު ވާނެ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން، މި ސަރުކާރުން އެސެޓް ރިކަވަރީ ބިލެއް ތައްޔާރުކުރާކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ބިލުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބިލް ގާނޫނަކަށްވުމުން އެ ގާނޫނު ތަންފީޒު ކުރަން ބައެއް ގާނޫނުތައް އިސްލާހު ކުރަން ޖެހޭކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެފަދަ ގާނޫނީ މަސައްކަތްތަކާއެކު، މުއައްސަސާތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚާއްސަކޮށް އޭސީސީއާއި ޝަރުއީ ދާއިރާއާއި މި ހުރިހާ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުގައި ދައުލަތުގެ މުދާ، ރައްޔިތުންގެ ފައިސާ، ރައްޔިތުންގެ މުދާ، ލިބިފައިވާ ގެއްލުން، އޭގެ ތެރެއިން ވީހާވެސް ބޮޑު އެއްޗެއް، ނޫނީ ގާތްގަނޑަކަށް ހުރިހާ މުދަލެއް ހޯދުމުގައި ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވަނީ، އެއީ ވަރަށް ބޮޑު، ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ ފަދަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް އަންނަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެފަދަ ކޮރަޕްޝަން ހިންގަން ހުރަސް އެޅެން ޖެހޭކަން ފާހަގަކުރައްވައި، އެކަމަށް ޓަކައި ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ދައުލަތުން ބޮޑު ޚަރަދުތައް ކުރާ ކުންފުނިތަކާއި މަޝްރޫއުތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވެއެވެ. އެގޮތުން ރާއްޖެ ދުށް އެންމެ ބޮޑު އެއް ޚިޔާނާތް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މުއާމަލާތްތަކެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ނުހައްގުން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުވާ މައްސަލައެކެވެ.
މިދިޔަ އަހަރު އޭސީސީން ވަނީ އެ ޚިޔާނާތުގެ އެކި މައްސަލަތަކުގައި 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާނެ ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި އެންމެ އިސްކޮށް ހުންނެވިކަން ޝަރީއަތަށް ސާބިތުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ވަނީ މައާފު ދެއްވައިފައެވެ. އެއީ އެވެރިކަން ނިމެން ތިން ދުވަހަށް ވެފައި ވަނިކޮށެވެ.
އެ ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން މާ ބޮޑު މަސައްކަތެއް ކުރެވިފައިނުވާއިރު، މިދިޔަ ސަރުކާރުގައި ހެދި އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.