ހަފުތާއެއް ތެރޭގައި ނުރައްކާތެރި އަލިފާނުގެ ހަތް ހާދިސާ ހިނގި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން އާއްްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަފުތާގައި (05 ޖުލައި އިން 11 ޖުލައިގެ ނިޔަލަށް) ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 13 ހާދިސާއަކަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް)އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އަލިފާނުގެ ހަތް ހާދިސާ
- ތިން ހެޒްމެޓް އިންސިޑެންޓްސް (އިންސާނާގެ ސަލާމަތާއި މުދަލަށް ނުވަތަ ތިމާވެއްޓަށް ނުރައްކާވާ ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް ނުވަތަ ފިޒިކަލް މާއްދާތައް ކޮންޓްރޯލް ނުކުރެވި ދޫވުން)
- މީހުން ސަލާމަތްކުރުމުގެ އެއް ހާދިސާ
- މެޑިކަލް އިމަޖެންސީގެ އެއް ހާދިސާ
- އެހެނިހެން: އެއް ހާދިސާ
މީގެ ތެރެއިން 11 ހާދިސާއަކީ މާލެ އޭރިއާގައި ހިނގި ހާދިސާތަކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް މާލޭގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގިއެވެ. އެގޮތުން މާލޭގެ ގ. ހަލަވެލި ގޯޅީގައި ހުރި ގެއެއްގެ ގޮދަނޑިއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އަދި މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި އަލިފާން ރޯވެފައިވެއެވެ. އެއީ މީހުން ދިރިނޫޅޭ އިމާރާތެއް ނަމަވެސް އެ އިމާރާތުގެ ކައިރީ ހުރި ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށާއި އެއީ 10 ބިދޭސީން ކަމަށް އެ ދުވަހު މައުލޫމާތު ލިބުނެވެ.
އަދި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ރޯވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި މިދިޔަ އަންގާރަ ދުވަހު އެންޑީއެމްއޭއިން ވަނީ އެ އިމާރާތުގައި ދިރިއުޅޭ 109 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައެވެ.
ހަމައެއާއެކު މި މަހު މާލެ ސަރަހައްދުން އަލިފާނުގެ އިތުރު ހާދިސާތަކެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ހުޅުމާލެ ފުރަތަަމަ ފިޔަވަހީގެ 110ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓުގައި ރޯވި ހާދިސާގައި ތިން އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނެވެ. ރޯވި އެޕާޓްމެންޓުގައި ދިރިއުޅެމުްނދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިންވެސް ހިމެނުނެވެ.