އަލިފާނުގެ އިތުރު ހާދިސާއެއް؛ ހަތަރު މީހުން އުޅޭ ގެއެއްގެ ކޮޓަރި ބޭނުންނުކުރެވޭ ވަރުވެއްޖެ

ގ. ހަލަވެލި ގޯޅީގައި ހުރި ގެއެއްގައި ރޯވެ، ލިބުނު ގެއްލުންތައް -- ފޮޓޯ/ އެންޑީއެމްއޭ

މާލޭގެ ގ. ހަލަވެލި ގޯޅީގައި ހުރި ގެއެއްގައި މިއަދު ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ވަނީ، މާލޭގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ފުރަތަމަ މައުލޫމާތު ހާމަކުރީ، މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި އަލިފާން ރޯވި ކަމަށެވެ.

އެންޑީއެމްއޭއިން ވަނީ އެއީ މީހުން ދިރިނޫޅޭ އިމާރާތެއް ކަމަށާއި ނަމަވެސް އެ އިމާރާތުގެ ކައިރީ ހުރި ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށާއި އެއީ 10 ބިދޭސީން ކަމަށް ބުނެފައެވެ.

https://sun.mv/224405

އޭގެ ފަހުން އެމްއެންޑީއެފުން ބުނީ، ގ. މިތުރުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން 8:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން، ފުލުހުން ބުނީ ގ. މިތުރުގޭގައި ރޯވީ ގޮދަޑިއެއްގައި ކަމަށާއި އަލިފާން ނިއްވައިލައިފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ އެހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ،. އެއީ ހަތަރު މީހުން ދިރިއުޅޭ ގެއެއްކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަހު މާލެ ސަރަހައްދުން އަލިފާނުގެ އިތުރު ހާދިސާތަކެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލެ ފުރަތަަމަ ފިޔަވަހީގެ 110ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓުގައި ރޯވިއެވެ. އެ ހާދިސާގައި ތިން އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނެވެ.

https://sun.mv/224321

މީގެ އިތުރުން، ރޯވި އެޕާޓްމެންޓުގައި ދިރިއުޅެމުްނދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިންވެސް ހިމެނުނެވެ.

އެއަށްފަހު، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ރޯވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މިދިޔަ އަންގާރަ ދުވަހު އެންޑީއެމްއޭއިން ވަނީ އެ އިމާރާތުގައި ދިރިއުޅޭ 109 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް