ގޭސްފުޅި ގޮވުން: ފިހުނު އެކަކު ވެންޓިލޭޓަރުގައި، 41 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ގޭސް ފުޅި ގޮވި ގެ ސާފުކުރުން: އެ ހާދިސާގައި ފިހުނު މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގެ ގެއެއްގައި ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި ފިހުނު ބިދޭސީ މީހަކު ވެންޓިލޭޓަރަށް ލައިފައިވާއިރު، 41 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ ގ. ދޫގަސްވިލާގޭގައި ކަމަށްވާއިރު، ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފަތިހު 5:27 ހާއިރެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި ފުރަތަމަ އަލިފާން ރޯވީ، ދެ ފަންގިފިލާއަށް ހުރި އެ އިމާރާތުގައި ހަދާފައިވާ ފަސް ކޮޓަރީގެ އެޕާޓްމެންޓެއްގައި ކަމަށެވެ. އެ ފަސް ކޮޓަރީގައި ދިރިއުޅެމުންދިޔަ 15 ބިދޭސީން ރައްކާތެރިކަމާއެކު ގެއިން ނެރެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން ވަނީ އެ އެ ގެއާ އިންވެގެން ހުރި އިމާރާތުގައި ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، ރޯވި ގެއާއި އެ ގެއާ ޖެހިގެން އިން އިމާރާތުން ޖުމްލަ 41 މީހަކަށް އެ ހާދިސާގެ އަސަރު ވަނީކޮށްފައެވެ. އަދި އެ ތަންތަނުން ވަގުތީ ގޮތުން މީހުން ނެރެފައިވާ ކަމަށް ވެސް ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ އެ މީހުންނަށް ބޭނުންވާ ޒަރޫރީ ބޯހިޔާވެހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި ބިދޭސީންނަށް ބޭނުންވާ އެހީ ހަމަޖެއްސުމަށް އެ މީހުންގެ ސްޕޮންސަރުންނަށް ގުޅައި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި އަލިފާން ރޯވި އިމާރާތުގައި ދިރިއުޅުނު ހަތަރު މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ ތިން މީހުންނާއި ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ.

އޭގެތެރެެއިން އެކެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭ ކަމަށާއި އަނެއް ތިން މީހުން ފިހި، އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. ނަމަވެސް އޭގެ ތެރެއިން ވެންޓިލޭޓަރަށް ލައިފައިވަނީ ކޮން ގައުމެއްގެ މީހެއް ކަމެއް ސާފުވެފައި ނުވެއެވެ.

comment ކޮމެންޓް