ދައުލަތަށް ބުރަ ބޮޑު ނިޒާމެއް ކަމަށްވާ ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކޮށް، ކޮންމެހެން ބޭނުންވާ މީހުންނަށް އެފަދަ އެހީ ދިނުމަށް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ލަފާދީފިއެވެ.
އޭޑީބީން އިއްޔެ ވަނީ، އޭޝިއާގެ އިގުތިސާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މި މަހުގެ ރިޕޯޓު ނެރެފައެވެ. އެ ރިޕޯޓުގައި އޭޑީބީން ވަނީ، މިދިޔަ އޭޕްރިލް މަހު ލަފާކުރި ވަރަށްވުރެ ވެސް އިތުރަަށް، ދެކުނު އޭޝިއާގެ ގައުމުތަކުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކޮށްފައެވެ.
އޭޑީބީން ލަފާކޮށްފައިވަނީ މި އަހަރު ދެކުނު އޭޝިއާގެ އިންފްލޭޝަން 5.7 އިންސައްތައަށް އުފުލޭނެ ކަމަށެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެ އަދަދު ހުރީ 2.9 ޕަސެންޓްގައެވެ. ރާއްޖެއަށް ބަލާއިރު، ރާއްޖޭގައި ތަކެތީގެ އަގު މި އަހަރު ފަސް އިންސައްތަ އުފުލި، އިގުތިސާދީ ދުވެލި ކުރިއަރާނީ އެއް އިންސައްތަ ކަމަށް އެ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.
އޭޑީބީގެ ރިޕޯޓުގައި ވަނީ ރާއްޖެއަކީ ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، އަހަރުގެ ފުރަތަމަ މަސްތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިފައި ހުރުމަށް ފަހު، އަހަރުގެ ބާކީ ބައިގައި އަގުތައް އުފުލޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އީރާން ހަނގުރާމަ ފެށުމާއެކު ވެސް ރާއްޖޭގައި އަގުތައް އުފުލެން ފެށިއެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލްގެ އަގު ރެކޯޑު އަގުތަކަށް އަރައިފައިވެއެވެ. އަދި ކާބޯތަކެއްޗާއި އަސާސީ އެހެނިހެން ތަކެތީގެ އަގު ވެސް އުފުލެމުން އަންނަ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައެވެ.
ސްޓެލްކޯ: ހެޔޮ އަގުގައި ކަރަންޓު ފޯރުކޮށްދިނުމަށް، ސަބްސިޑީއަށް ބޮޑު ހޭދައެއް ކުރޭ -- ސަން ފޮޓޯއޭޑީބީގެ ރިޕޯޓުގައި ވަނީ އެ ބަދަލުތައް އަންނަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އަރައި، ތެލުގެ އަގު އުފުލުމުންކަން ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ ތެލުގެ އަގު އުފުލެމުން، އޭޝިއާގެ ގައުމުތަކުގެ ދައުލަތަށް ބުރަ ބޮޑުވުން ވެސް އެކަށީގެންވާ ކަމަށެވެ. އެގޮތުން ސަބްސިޑީތަކުން ލުއިތައް ލިބުނު ނަމަވެސް، ދިގު މުއްދަތަށް ބަލާއިރު، ޚާއްސަކޮށް ތެލުގެ އަގު އުފުލެމުންދާނަމަ އެއީ ޚަރަދު ބޮޑު ނިޒާމަކަށް ވާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެހެންވެ، އޭޑީބީގެ އެނެލިސްޓުން ވަނީ، އިޔާދަނުކުރެވޭ ތެލަށް ދޭ ސަބްސިޑީ މަދުކުރުމަކީ އިގުތިސާދީ ވިލުންތެރިކަން އިތުރުކޮށް، ކުއްލިއަކަށް ތެލުގެ އަގު އުފުލޭ ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށް އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ހަމައެއާއެކު، އެއީ ތެޔޮ ބޭނުންކުރުމުގައި ފަރުވާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެނެލިސްޓުން ވަނީ ފާހަގަކޮށްފައެވެ.
އެ އިދާރާއިން ލަފާ ދެނީ، އިގުތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީ ދިނުމަށް، އެފަދަ އެހީ އެންމެ ބޭނުންވާ ގޭބިސީތައް ފާހަގަކޮށް ލުއިތައް ދިނުމަށެވެ. އެގޮތުން އެ ގޭބިސީތަކަށް ފައިސާ ދިނުމާއި، ޕަބްލިކް ޓްރާންސްޕޯޓަށް ސަބްސިޑީ ދިނުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އޭޑީބީން ބުނެފައިވެއެވެ.
މީގެ އިތުރުން، އިސްރާފުނުވާ ގޮތަށް ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ މަސައްކަތްތައް ކުރުމަށާއި ކަރަންޓުގެ ކޮންމެ ޔުނިޓަކުން އަގު ކުޑަ ކުރުމުގެ ބަދަލުގައި، ގޭބިސީތަކުގެ ބިލަށް ކަނޑަައަޅައިފައިވާ ވަކި ޑިސްކައުންޓެއް ދިނުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މިދިޔަ އަހަރު ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި މޫސާ ޒަމީރު: މިދިޔަ އަހަރު ސަބްސިޑީ އިސްލާހުތައް ގެންނަން ނިންމި ނަމަވެސް، އެ އިސްލާހުތައް ގެނެސްފައިނުވޭ -- ފޮޓޯ/ ރައީސް އޮފީސް
އޭޑީބީގެ ޚިޔާލަކީ އެފަދަ އެހީތައް ދާއިމީކޮށް ދިނުމުގެ ބަދަލުގައިި، އަގުތައް ހެޔޮވާން ފެށުމުން، އިތުރަށް ދޭ އެހީތައް ކަނޑާލުމެވެ.
ކުރީ ސަރުކާރުތަކާއި މި ސަރުކާރުގައި ވެސް ސަބްސިޑީ އިސްލާހު ކުރަން ފިޔަވަޅުތައް އިއުލާންކޮށްފައިވެއެވެ. އެގޮތުން މި ސަރުކާރުން މިދިޔަ އަހަރުގެ ބަޖެޓުގައި އޮތީ، އިންޑައިރެކްޓް ސަބްސިޑީތަކުގެ ތެރެއިން ކަރަންޓު ސަބްސިޑީ، ފިއުލް ސަބްސިޑީ، ކާޑުގެ ސަބްސިޑީ އަދި ނަރުދަމާގެ ސަބްސިޑީ ނިޒާމު ބަދަލުކުރުމަށް ނިންމައިފައެވެ. އަދި، އެ ނިޒާމު ބަދަލުކޮށް ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ނުވަތަ ކޮންމެހެން ބޭނުން ޖެހޭ މީހުންނަށް ފައިސާ ދިނުމަށް އޮތީ ނިންމައިފައެވެ.
އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ފިޔަވަޅުތައް ނޭޅުމުން، ތެލުގެ ސަބްސިޑީއަށް ބަޖެޓުކުރި އަދަދަށްވުރެ 119 ޕަސެންޓް އިތުރަށް ދައުލަތުން ހޭދަކުރިއެވެ. އެގޮތުން ކަރަންޓު އަގު ހެޔޮކުރުމަށް ޚަރަދު ކުރުމަށް ބަޖެޓުގައި ޖެހީ 379 މިލިއަން ރުފިޔާ ނަމަވެސް އަހަރު ނިމުނުއިރު އެކަމަށް ވަނީ، 832 މިލިއަން ޚަރަދުކޮށްފައެވެ.
ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ ކަންތައްތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމާއި ޑީސަލްގެ ބަދަލުގައި އެލްއެންޖީ ބޭނުންކުރުން ހިމެނެއެވެ.
މި އަހަރުގެ ބަޖެޓުގައި އޮތް ގޮތުން، މާލެ ސަރަހައްދުގައި އުފައްދާ ކަރަންޓަކީ އިއާދަކުރަނިވި ހަކަތައާއެކު އެލްއެންޖީން އުފައްދާ ކަރަންޓަށްވެއްޖެ ނަމަ މިހާރު ދައުލަތުން މި ސަރަހައްދަށް ކަރަންޓު އުފެއްދުމަށް ކުރަމުންދާ ޚަރަދު އެއްކޮށް ހުއްޓާލެވޭނެއެވެ. އަދި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޖުމްލަ ގޮތެއްގައި 13.9 ބިލިއަން ރުފިޔާގެ ޚަރަދު ސަލާމަތް ކުރެވޭނެއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވުމުން، ސަބްސިޑީތަކަށް އިސްލާހު ގެންނަން ބޭރުގެ އިދާރާތަކުން ގޮވާލާތާ އަހަރުތަކެއް ވަނީ ވެފައެވެ.