މާލޭގެ ގޯޅިއެއްގައި ހުރި އިމާރާތެއްގައި ރޯވެ، ދުންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި ކަމަށެވެ.
އެ ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އިމާރާތުން އަރާ ދުން ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މަންޒަރު ފެނެއެވެ.
އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ދެބުރިއަށް އިމާރާތްކޮށްފައިވާ އެ ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އިމާރާތާ ޖެހިގެން ހުރި ގޭއިން މީހުން ހުސްކޮށްފައިވާ ކަމަށާއި އެ ގޭގައި ދިރިއުޅެނީ 10 ބިދޭސީން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.