ފުންފަޅު ގޭގައި ރޯވުން: 109 މީހުން ވަގުތީ ހިޔާއަށް، އެހީ ދޭން މިހާތަނަށް 95،000 ރުފިޔާގެ ޚަރަދެއް

ފުންފަޅު ގޭގެ ސިދިގޮޅީގެ ފާރުތައް ކަޅުވެފައި --- ފޮޓޯ/ އެންޑީއެމްއޭ

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގ. ފުންފަޅުގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން ޖުމުލަ 109 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ، އާދިއްތަ ދުވަހުގެ ރޭ 10:49ގައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ، އޭގެ ގަޑިއިރެއްހާއިރު ފަހުން 11:48 ހާއިރެވެ.

އަލިފާން ރޯވީ އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށްވާއިރު، ބޭނުންނުކުރޭ ވަރަށް އެ ފަންގިފިލާގެ ސާމާނުތައް ވަނީ އަނދާފައެވެ. އެ މަންޒަރު އެންޑީއެމްއޭއާއި އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން ފެނެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނީ، އެ އިމާރާތުގެ 22 އެޕާޓުމަންޓެއްގައި ދިރިއުޅޭ 93 މީހުންނަށް ދެ ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.

ފުންފަޅު ގޭގެ ސިދިގޮޅީގެ ފާރުތައް ކަޅުވެފައި --- ފޮޓޯ/ އެންޑީއެމްއޭ

މީގެއިތުރުން، ހާދިސާ ހިނގި ފަސް ވަނަ ފަންގިފިލާގެ ތިން އެޕާޓުމަންޓުގައި ދިރިއުޅޭ 16 މީހަކަށް ފަސް ދުވަހުގެ މުއްދަތަކަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ. އެހެންކަމުން، ޖުމުލަ 109 މީހުންނަށް މި ވަނީ މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ދީފައެވެ.

އެންޑީއެމްއޭއިން ފާހަގަކުރި ގޮތުގައި، މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި، މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ.

https://sun.mv/224273

ސަތޭކައަށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާއިރު، އެ ގޭގެ ބައެއް އެޕާޓުމަންޓުތަކުގައި އިއްޔެ ވަނީ މީހުން ދިރިއުޅެން ފަށާފައެވެ. އެކަމަކު، އަދިވެސް ގޭތެރޭގައި ދުމުގެ ވަސް ހުރިއިރު، އަލިފާނުގެ އަސަރު ކުރި ތަންތަން ހުރީ ވަރަށް ބޮޑަށް ކަޅުވެފައެވެ.

މީގެއިތުރުން، އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިންއިރު، އޭޑީކޭގައި ތިން މީހަކަށް ފަރުވާ ދިނެވެ.

އެކަމަކު، މި ހާދިސާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް