މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ފޮށިތަކެއް ނައްތާލުން: ސިނގިރޭޓު އަގުހެޔޮކުރަން ވަނީ ފާސްކޮށްފަ --- ސަން ފޮޓޯ/ މާނިއު މުހައްމަދު

މި ސަރުކާރުން ބޮޑުކުރި, ސިނގިރޭޓަކުން ނަގާ އަށް ރުފިޔާގެ ޑިއުޓީ, ހަތަރު ރުފިޔާއަށް ކުޑަކުރުމަށް, ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މި ބިލު ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ. އެކަމަކު މާ ބޮޑު ދިރާސާއެއް ކުރުމެއްނެތި ބިލު ފާސްކުރަން ކޮމިޓީން ވަނީ ނިންމައިފައެވެ.

އެމްޑީޕީގެ ތިން މެންބަރަކު ވޯޓުގައި ބައިވެރިނުވި ނަމަވެސް، އެ ޕާޓީގެ ބައެއް މެންބަރުން ހިމެނޭހެން މުޅި މަޖިލީހުގެ ކޮމިޓީން ވަނީ، ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި 69 މެންބަރުންގެ އިއްތިފާގުން ބިލު ފާސްކޮށްފައެވެ.

އެހެންކަމުން މިއަދު އޮތީ މަޖިލީހުން ބިލު ފާސްކުރަން ވޯޓަށް އެހުމެވެ. ބިލު ފާސްކުރަން ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

https://sun.mv/224006

ސަރުކާރުން މި ހުށަހެޅި އިސްލާހުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް ޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށެވެ.

މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.

މި އިސްލާހުގައިވާ އަނެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް ޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.

އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަކީ މި ގާނޫނީ ބަދަލުގެ އެންމެ މުހިންމު މަގުސަދު ކަމަށް އެ އިސްލާހުގައި ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އަރައިފައެވެ.

އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީ ލިބުން ދަށްވެ އާމްދަނީއަށް ވެސް އޭގެ އަސަރު ކުރި ކަމަށް، އެކަމާ ދެކޮޅަށް ވާހަކަދެއްކި ބައެއް ފަރާތްތަކުން ވެސް ބުނެފައިވެއެވެ. ނަމަވެސް މަދުވި ފައިސާއަށް ވުރެ، ސިއްހީ ފައިދާ ބޮޑު ކަމަށް ބުނެ ސަރުކާރުން އެ ފިޔަވަޅު ދިފާއުކޮށްފައިވެއެވެ.

މި ސަރުކާރުން ކުރިން ބޮޑުކުރި ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހު، މާބޮޑު ދިރާސާއަކާ ނުލައި މުޅި މަޖިލީހުގެ ކޮމިޓީންނާއި ތަޅުމުން ވަނީ އިއްތިފާގުން ފާސްކޮށްފައެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ނިކޮޓިން ޕެޗް ފަދަ ސިއްހީ ވަސީލަތްތަކުން ޑިއުޓީ މައާފުކޮށް އާންމުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ކުރިން ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ސިނގިރޭޓުގެ އަގު އުފުލި، ވަގަށް އެތެރެކުރުން އިތުރުވެ ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

  • ސިނގިރޭޓާއި ރޯނުކޮށް ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުން.
  • ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމް އަދި ޕެޗް ފަދަ ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފުކުރުން.
  • މުޅި މަޖިލީހުގެ ކޮމިޓީން 69 މެންބަރުންގެ ވޯޓާއެކު، އަދި ތަޅުމުން 68 މެންބަރުންގެ ވޯޓާއެކު ބިލު ފާސްކުރުން.
  • 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ޑިއުޓީ ބޮޑުކުރުމުން ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީ ވަނީ ދަށްވެފައި.
comment ކޮމެންޓް