ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ޖޫރިމަނާތަކަކީ މިހާރުވެސް ގާނޫނުގައި އޮތް އެއްޗެއް ކަމަށާއި މައްސަލައަކީ ގާނޫނު ތަންފީޒު ނުކުރެވުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ) ރޭ ވިދާޅުވެއްޖެއެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން (ފަސް ލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.
އޭގެއިތުރަށް، އަގު ބޮޑުކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތް ހެދުމަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.
އެ ކަމާ ގުޅިގެން އަހުމަދު އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި ވަނީ، މިހާރު ސަރުކާރުން ހުށަހަޅާފައިވާ ޖޫރިމަނާތަކަކީ އެމްއެމްއޭގެ ގާނޫނުގައި މިހާރު ވެސް އޮތް އެއްޗެއް ކަމަށެވެ. އަދި، މައްސަލައަކީ، ގާނޫނު ތަންފީޒު ނުކުރެވުން ކަމަށް އަހުމަދު ލިޔުއްވާފައިވެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ބިލަށް މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހުގައިވާ ގޮތުން، ރަސްމީ ރޭޓު ނުވަތަ ކަނޑައެޅިފައިވާ ބޭންޑަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ރޭޓުތައް އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.
މީގެ ތެރޭގައި އެފަދަ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކުރުން އަދި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ އަމަލެއް ހިންގައިފި ނަމަ ކަނޑައެޅޭ އަދަބަކީ -/25،000 (ފަންސަވީސް ހާސް) ރުފިޔާއާއި -/500،000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ކަޅު ބާޒާރުގައި އެއްޗެއް ހުރި އަގު ރިޕޯޓް ކުރުން ކުށަކަށް ހެދުމަކީ ޖޯކެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.