މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓަކުން ނަގާ އަށް ރުފިޔާގެ ޑިއުޓީ, ހަތަރު ރުފިޔާއަށް ކުޑަކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހޯމަ ދުވަހެވެ. މި ބިލު ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ.
މިއަދު އޮތް މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުންނާއި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންވެސް ވަނީ ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
މިއަދުގެ ކޮމިޓީގައި އެމްޑީޕީގެ މެންބަރުން ވަނީ ބިލު ފާސްކުރުމުގެ ކުރިން ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކަށް ބައްދަލުކޮށް، ބިލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރުތަކަކީ ކޮބައިކަން ދެނެގަތުމަށް ހުށަހަޅައިފައެވެ.
މީގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުއްރަޙްމާން ވަނީ، ބިޑިން ނަގާ ޑިއުޓީ 40 އިންސައްތައަށް ބޮޑުކޮށް ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 20 އިންސައްތައަށް ކުޑަކުރަން ހުށަހަޅުއްވައިފައެވެ. އަދި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު ވަނީ، އެ ފަދަ ބާވަތްތަކުން ގްރާމުން ޑިއުޓީ ނަގާ ގޮތަށް ބަދަލުކުރުމަށް ހުށަހަޅުއްވައިފައެވެ.
އެކަމަކު ލިޔުމުން އިސްލާހުތައް އިދާރީ މޭޒަށް ހުށަހަޅައިފައިނުވާތީ، ރިޔާސަތުން ނިންމީ ބިލު އޮތް ގޮތަށް ފާސްކުރަން ވޯޓަށް އެހުމަށެވެ.
އެގޮތުން، މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފައެވެ.
ސަރުކާރުން މި ހުށަހެޅި އިސްލާހުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށެވެ.
މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގައިވާ އަނެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް ޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.
އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަކީ މި ގާނޫނީ ބަދަލުގެ އެންމެ މުހިންމު މަގުސަދު ކަމަށް އެ އިސްލާހުގައި ވަނީ ފާހަގަކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އަރައިފައެވެ.
އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީ ލިބުން ދަށްވެ އާމްދަނީއަށް ވެސް އޭގެ އަސަރު ކުރި ކަމަށް، އެކަމާ ދެކޮޅަށް ވާހަކަދެއްކި ބައެއް ފަރާތްތަކުން ވެސް ބުނެފައިވެއެވެ. ނަމަވެސް މަދުވި ފައިސާއަށް ވުރެ، ސިއްހީ ފައިދާ ބޮޑު ކަމަށް ބުނެ ސަރުކާރުން އެ ފިޔަވަޅު ދިފާއުކޮށްފައިވެއެވެ.