އީސީގެ މެންބަރުކަމަށް، ޕީއެންސީގެ ސެނެޓް މެންބަރު ޝަކީލްގެ ނަން ރައީސް ފޮނުއްވައިފި

އީސީގެ މެމްބަރުކަމަށް ނަން މަޖިލީހަށް ހުށަހެޅި މުހައްމަދު ޝަކީލް (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖީލަށް ފޮނުއްވައިފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީ އިއްވާފައިވާއިރު، އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ސިޓީގައި ހިމަނާފައިވެއެވެ. ނަމަވެސް، ރައީސް އިސްކަންދެއްވައި މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވާފައިވަނީ ހަމައެކަނި ޝަކީލްގެ ނަމެވެ.

https://sun.mv/221376

ޝަކީލްވަނީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް އީސީގެ މެންބަރުކަން ކުރައްވައިފައެވެ. އަދި އޭނާއަކީ މިހާރު ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރެއްގެ އިތުރުން އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ އިސް މެންބަރެކެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ އިތުރުން މެންބަރުކަމުގެ މަގާމުން ވެސް މެ އެވެ.

އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައި ނުވެއެވެ.

https://sun.mv/221878

ޒާހިދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާގެ ލީޑާޝިޕްގައި އެ ކޮމިޝަނުން ވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ގެންގޮސްފައެވެ. ޒާހިދު އިސްތިއުފާ ދެއްވިއިރު، އީސީން ދިޔައީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ތައްޔާރުވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރަނީ، އާންމުކޮށް އިއުލާނުކޮށްގެން ކުރިމަތިލާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކަށް މަޖިލީހުން ރުހުން ދިނުމުންނެވެ. ޝަކީލްގެ ނަން ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ފާހަގަކޮށްލެވޭ އިންތިޚާބުތަކަށް ފަހު، އީސީއަށް ބައެއް ފަހަރު ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވެއެވެ. އެގޮތުން، އީސީން ސިޔާސީ ވިސްނުމުގައި ގޮތް ނިންމާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި މަގާމު ހުސްވެފައިވަނީ، ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒާހިދު މެއި މަހުގެ އެއްވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުންނެވެ. ވެރިކަންކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހަށް ފޮނުއްވި ސިޓީގައި އެހެން ކެންޑިޑޭޓުންގެ ނަންތައް ހިމެނުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާފައިވަނީ ޝަކީލްގެ ނަމަށެވެ. ޝަކީލްއަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ޕީއެންސީގެ ސެނެޓް މެންބަރެއް އަދި އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ އިސް މެންބަރެކެވެ. މިހާރު މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ވަނީ ފޮނުވިފައެވެ.

  • އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް މުހައްމަދު ޝަކީލް އައްޔަންކުރުމަށް މަޖިލީހަށް ހުށަހެޅުން.
  • ޝަކީލްއަކީ ޕީއެންސީގެ ސެނެޓް މެންބަރެއް އަދި ކުރިން ވެސް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެއް.
  • މި މަގާމު ހުސްވީ ކުރީގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުން.
  • ޝަކީލްއަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވިފައި.
comment ކޮމެންޓް