މާދަމާ ބާއްވަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށް، އަންނަ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.
މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ހެނދުނު ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާއާ ހިއްސާކުރި މެސެޖުގައިވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް ޖަލްސާ ފަސްކުރީ ކީއްވެކަން މަޖިލީހުގެ އިދާރާއިން ހާމަ ނުކުރެއެވެ.
މި އަހަރުގެ މި ހިނގާ ދައުރު މި މަހުގެ ފަސްވަނަ ދުވަހު ފަށައި މިހާތަނަށް ފަސް ޖަލްސާއެއް ބާއްވައިފައިވެއެވެ.
މި ހިނގާ ދައުރުގައި އޮންނާނެ މައިގަނޑު މަސައްކަތަކަށް ވާނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓަށް ބަހުސްކޮށް ބަޖެޓު ދިރާސާކުރުމަށްފަހު ފާސްކުރުމުގެ މަސައްކަތެވެ.
ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ނިމިދިޔަ ދެވަނަ ދައުރު ދެ ފަހަރަށް ދަންމައިލި ނަމަވެސް މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި ވެސް ނުނިންމުނު ކަމަށް މަޖިލީހުގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުން ވަނީ ދައްކައިފައެވެ.
މަޖިލީހުގެ ނިމިދިޔަ ދައުރުގައި ވަނީ 28 ޖަލްސާއެއް ބާއްވައި، 57 ގަޑިއިރު ހޭދަކޮށްފައެވެ. އަދި ކޮމިޓީތަކުން ޖުމުލަ 138 ބައްދަލުވުމެއް ބޭއްވިއިރު ހޭދަކުރީ 63 ގަޑިއިރު ކަމަށް އެ ތަފާސްހިސާބުގައިވެއެވެ. ހަމައެއާއެކު މި އަހަރުގެ ފުރަތަމަ ދައުރުން 94 މަސައްކަތެއް ވަނީ ދެވަނަ ދައުރަށް ނަގުލުވެފައެވެ. އަދި ދެވަނަ ދައުރުގައި 120 މަސައްކަތް އިތުރަށް ހުުށަހެޅުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އަބަދު ވެސް ބޮޑު މުސާރައާއި އިންޝުއަރެންސާއި އިނާޔަތްތައް ލިބޭ ބައެކެވެ. ނަމަވެސް އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުންނަށް މަސައްކަތްނުކުރެވޭ ކަމަށް ބުނެ، އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކޮށް މެންބަރުންގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދައެވެ.