އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްތިއުފާދެއްވައިފި

އީސީގެ ރައީސް މުހައްމަދު ޒާހިދު: އޭނާ ވަނީ އިސްތިއުފާދެއްވާފައި -- ސަން ފޮޓޯ

މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވަނީ އެ މަޤާމުން އިސްތިއުފާދެއްވާފައެވެ. މި ކަން މީޑިއާތަކަށް ކަށަވަރުވެފައިވީ ނަމަވެސް، މަޤާމުން އިސްތިއުފާދެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. މި ކަމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި ލިބިގެންދާނެކަމަށް ބެލެވެއެވެ.

  • އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އިސްތިއުފާދެއްވުން
  • އިސްތިއުފާދެއްވި ވަކި ސަބަބެއް އަދި ހާމަކޮށްފައި ނުވުން
  • މި ޚަބަރު ބައެއް މީޑިއާތަކުން ކަށަވަރުކޮށްފައިވުން
  • އިތުރު ތަފުސީލުތައް ފަހުން އާންމުވާނެކަމަށް ބެލެވުން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އޭނާ މިއަދު އިސްތިއުފާދެއްވިކަން 'ސަން'އަށް ކަށަވަރުވެފައިވީ ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މި ކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ފޯނަށް ޖަވާބުނުދެއްވާތީ ބަހެއް ނުލިބެއެވެ.

އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ.

އީސީގެ މެންބަރުކަމަށް ޒާހިދު އައްޔަންކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހެވެ. އޭގެ ފަހުން، އޭނާއަށް އެ ކޮމިޝަންގެ ރައީސްކަން ލިބުނީ އެ އަހަރުގެ ފެބްރުއަރީ މަހެވެ. އެކަމަކު، އީސީގެ މެންބަރުކަމުގެ ފަސް އަހަރުގެ ދައުރުގެ ބޮޑުބައެއް ބާކީ އޮއްވާ މިއަދު އިސްތިއުފާދެއްވީ ކީއްވެ ކަމެއް ނޭނގެއެވެ.

އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދާ ސުވާލުކުރުމުން އޭނާ 'ސަން'އަށް ވިދާޅުވީ، އީސީގެ ރައީސް ޒާހިދު މަގާމުން އިސްތިއުފާދެއްވިކަން އެންގެވި ކަމަށެވެ. އެކަމަކު، އިސްތިއުފާދެއްވި ސަބަބެއް އޭނާއަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

https://sun.mv/221189

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)އާ ސުވާލުކުރުމުން ވެސް ވިދާޅުވީ، އިސްތިއުފާދެއްވި ނަމަވެސް ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން އީސީއަށް ވަނީ ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު އިތުރުކުރަން ނިންމީ ސަރުކާރުގެ ނުފޫޒުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރިއެވެ.

އެހެން އެކަންވީ، އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)، ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމެވުމުންނެވެ. އޭނާ ވަނީ އެ ނިންމުން އީސީއާ ވެސް ހިއްސާކޮށްފައެވެ. އަދި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް އެ ޕާޓީގެ ޓިކެޓު ދޭން ޕީއެންސީން ބުދަ ދުވަހު ނިންމިއެވެ.

https://sun.mv/221189

އެހެންވެ، އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު އީސީން އިތުރުކުރީ ޕީއެންސީގެ ނުފޫޒުން ކަމަށް ބައެއް ބޭފުޅުން ވަނީ ތުހުމަތުކުރައްވާފައެވެ. އެ ގޮތުން، މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވަނީ އެ ފަދައިން ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން، މި ފަހުން އިޖުތިމާއީ މިންގަނޑާ އެއްގޮތްވާ ގޮތަށް ސިޔާސީ ހަރަކާތް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފާއި އިދިކޮޅު އެމްޑީޕީއަށް އެންގި އެންގުމާ ގުޅިގެން ވެސް އީސީއަށް ފާޑުކިޔުން އަމާޒުވިއެވެ.

comment ކޮމެންޓް