ޖިނާޢީ އިޖުރާއަތުގެ ފޮނިމީރުކަން ރައްޔިތުންނަށް ކަށަވަރު ވާނީ ޖޭއެސްސީ މިނިވަންވެގެން: ޢައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް-- ފޮޓޯ/ މަޖިލިސް

ޖިނާޢީ އިޖުރާއަތުގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ކަށަވަރު ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާވެ، ފަނޑިޔާރު ގެތައް މިނިވަންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޢައްބާސް ވިދާޅުވީ، އެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތަކަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަންކަން ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ގެތައް ސިޔާސީ ނުފޫޒުން މުޅިން ސަލާމަތް ނުވާހައި ހިނދަކު، އެކަމުގެ ފައިދާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ނުލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭރަކު އޮންނަ ވެރިކަމެއްގެ ބާރުގެ ދަށުގައި ނޫން ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން ދުވަހަކު ވެސް އޮތް ތަނެއް ފެނިފައިނުވާކަން ފާހަގަކުރައްވަމުން ޢައްބާސް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅޭ އިސްލާޙުތަކާ ގުޅިގެން ނިމިދިޔަ 19 ވަނަ މަޖިލީހުގައްޔާއި ކުރީގެ މަޖިލިސްތަކުގައި ވެސް މެންބަރުން ދައްކަވާފައިވަނީ ދެފުށް ދެގޮތް ވާހަކަތަކެއް ކަމަށެވެ.

https://sun.mv/228954

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ގާނޫނާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެއްކެވި ބައެއް ބޭފުޅުން، މިއަދު ސަރުކާރު ބަދަލުވުމުން އެހެން ގޮތަކަށް ވާހަކަދައްކަވަމުން ގެންދަވާ ކަމަށާއި، މި ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރަކު އޮންނަ ވެރިކަމެއްގެ ބާރުގައި ނޫން ގޮތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން އޮތް އިރެއް އެބައޮތްތޯ އިއްޒަތްތެރި ރައީސް. މަޖިލީހަށް ޖިނާޢީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅޭ ކޮންމެ އިސްލާހަކަށް ނިމިގެން ދިޔަ 19 މަޖިލީހުގައިވެސް އަދި ކުރިން ދިޔަ މަޖިލިސްތަކުގައި ވެސް އެއްބޭފުޅަކު ދެގޮތަކަށް ވާހަދައްކަވާ،" އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދާދިފަހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާމެދު ކަންހިނގައިދިޔަ ގޮތް ހަނދާނަށް ގެންނަވަމުން ޢައްބާސް ވިދާޅުވީ، ލޮލަށް ފެންނަ ހެއްކެއް ނެތް ކަމެއްގައި 10 ނުވަތަ 15 މިނެޓުގެ ތެރޭގައި ތަޢުލީމީ، ގާބިލު އަދި ނަޒާހަތްތެރި ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށްލާފައިވާ ކަމަށެވެ.

އެކަން އެގޮތަށް ކޮށްފައިވަނީ ހިނގަމުންދާ 20 ވަނަ މަޖިލީހުން ކަމަށްވާއިރު، އެކަމުގައި ޢަމަލީ ގޮތުން ބައިވެރިވި މެންބަރުން ޖިނާއީ އިޖުރާއަތުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭނެ ކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

"ދާދި މިދާކަށް ދުވަހު ރާއްޖޭގެ އެންމެ މަތީ ކޯޓު ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި މެދު ލޮލަށް ނުފެންނަ ހެއްކެއް ނެތް ކަމެއްގައި 10 ނޫނީ 15 ވަރަކަށް މިނެޓުގެ ތެރޭގައި އަމަލުކުރެވިގެން ދިޔަ ގޮތް ހަނދާނކުރަންޖެހޭ، ނަޒާހަތްތެރި، ޒުވާން ތަޢުލީމީ އަދި ގާބިލް އިއްޒަތްތެރި ދެ ފަނޑިޔާރަކު ބޭރުކޮށްލީ ފަޅި ސިކުންތެއްގެ ތެރޭގައި" އައްބާސް ވިދާޅުވިއެވެ.

އެކަން ކުރެއްވީ މިހާރު އޮތް 20 ވަނަ މަޖިލީހުންކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ މިއަދު މަޖިލީހުގައި އެކަން ކުރެއްވި މެމްބަރުން ޖިނާއީ އިޖުރާތުގެ ގާނޫނޭ ވިދާޅުވެ "އަނގަފުޅާކުރަން" ލަދުގަންނަން ޖެހޭކަމަށެވެ.

ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ވެރިޔަކު ވެސް ކެމްޕޭނު ތެރޭގައި ޝަރުޢީ ދާއިރާ މިނިވަންކޮށް ފަނޑިޔާރުގެތަކަށް އަތްނުބާނާނެ ކަމަށް ވިދާޅުވާ ކަމަށާއި، ނަމަވެސް ވެރިކަން ލިބުމުން ފެންނަނީ އެއާ މުޅިން އިދިކޮޅު މަންޒަރުތަކެއް ކަމަށް ވިދާޅުވެ ޢައްބާސް ވަނީ ފާޑުވިދާޅުވެފައެވެ. އަދި އެފަދަ ޢަމަލުތަކަކީ ގައުމީ ދިދައަށް ވެވޭ ޚިޔާނާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

comment ކޮމެންޓް