ވެރިކަންކުރާ ޕީއެންސީއަށް ގެއްލުނު ގޮނޑި ދިފާއެއް ނުކުރެވުނު، ބޮޑު ތަފާތަކުން އެމްޑީޕީއަށް

ރައީސް ޞާލިޙާއި ރައީސް ނަޝީދާއެކު ސޯބެ: އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސޯބެ ވަނީ ކާމިޔާބުކުރައްވާފައި -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ދިފާއުނުކުރެވި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) މިއަދު ކާމިޔާބުކުރައްވައިފިއެވެ.

ސޯބެއާ ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އެވެ.

މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121 އަށް އަރައެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.

ވޯޓުލުން ބަންދުކުރީ ހަވީރު 17:00 ގައެވެ. އޭގެ ކުރިން ހަވީރު 16:00އާ ހަމައަށް ވޯޓުލުމުގެ ހައްގު އޮތް 62 ޕަސެންޓް މީހުންކަމަށްވާ 2،563 މީހުން ވޯޓުލާފައިވެއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ހަތް ފޮށީގެ ތެރެއިން މާލޭގައި ހުރި އެއް ފޮށި ފިޔަވައި އެެހެން ފޮށިތަކުން ކުރި ހޯއްދެވީ ސޯބެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

https://sun.mv/220494

އެ ދެ ބޭފުޅުންގެ ތެރެއިން ސޯބެއަށް އެމްޑީޕީގެ ޓިކެޓު ލިބުނީ، އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އިތުރު މެންބަރަކު އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވައިފައިނުވާތީއެވެ. އަދި ސަޢީދަށް ޕީއެންސީގެ ޓިކެޓު ލިބުނީ، ސިނާނަށް ޓިކެޓު ލިބިވަޑައިގެންފައިވަނިކޮށް، އޭނާގެ ނަން ނެންގެވުމާ ގުޅިގެންނެވެ.

މި ބައި އިލެކްޝަނާ ސަރުކާރުން ކުރިމަތިލީ މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހެވެ.

އެއަށްފަހު ޕިއެންސީން މިވަނީ އިތުރު އިންތިޚާބަކުން ނާކާމިޔާބުވެ، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން އެއް ގޮނޑި ގެއްލިފައެވެ. މަޖިލީހުގައި މިހާރު ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވަނީ 12 މެންބަރުންނެވެ. ސޯބެ ކާމިޔާބުކުރެއްވި ގޮނޑިއާއެކު ދެން މަޖިލީހުގައި ތިއްބަވާނީ އެމްޑީޕީގެ 13 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް ކާމިޔާބުކުރައްވައިފިއެވެ. ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާ ވާދަކޮށް މި ގޮނޑި އެމްޑީޕީން ކާމިޔާބުކުރުމާއެކު، މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު ވަނީ ތޭރައަށް އިތުރުވެފައެވެ. މި އިންތިޚާބަކީ، ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި މެންބަރު މުޙައްމަދު ސިނާން، އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނެއް ނުދެއްކުމުގެ ސަބަބުން ސުޕްރީމް ކޯޓުން އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ. މިއީ ފަހަކަށްއައިސް ބޭއްވި އިންތިޚާބުތަކުގައި ސަރުކާރަށް ކުރިމަތިވި އިތުރު ސިޔާސީ ނާކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

  • އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުالله ޞާދިޤް ކާމިޔާބުކުރެއްވުން.
  • އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ހަތަރުހާހަށްވުރެ ގިނަ މީހުންނަށް ހަތް ވޯޓު ފޮށި ބަހައްޓާފައިވުން.
  • ދަރަނީގެ މައްސަލައެއްގައި ކުރީގެ މެންބަރުގެ ގޮނޑި ގެއްލުމުން ބޭއްވި މި އިންތިޚާބުގައި ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުން.
  • މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ މެންބަރުންގެ އަދަދުން އެއް ގޮނޑި މަދުވެ، އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ތޭރައަށް އިތުރުވުން.
comment ކޮމެންޓް