ދައްކަން މި އުޅެނީ ދިވެހިބަހުގެ ވާހަކައެއް ނޫނެވެ. ބަހުގެ ހަމަތަކާ ގުޅޭ ވާހަކައެއް ވެސް ނޫނެވެ. އެހެންނަމަވެސް މަތީގައި ވާ ސުރުޚީ ކުޑަ މިންވަރަކަށް ތަފުސީލުކޮށްލަ ދީފައި އަސްލު މައުޟޫއާ ދިމާއަށް އެނބުރިލިއަސް އެންމެ ރަނގަޅު ދޯއެވެ؟
ތިމާ ކުރާ ކަމެއް އަމިއްލައަށް ނުކުރާ ގޮތަށް ނިންމައިފި ނަމަ އެ ކަމެއް "ހުއްޓައިލީ"އޭ ބުނެވިދާނެއެވެ. އަމިއްލައަށް ކަމެއް ހުއްޓައިލުމަކީ އެހެން މީހެއްގެ ބާރުފޯރުވުމަކާ ނުލައި އަމިއްލަ އިޚުތިޔާރުގައި ކަމެއް ނިމުމަކަށް ގެނައުމެވެ. އިތުރަށް ސާފުކޮށްލަ ދިނުމަށް ޓަކައި މިސާލެއް ވެސް ލިޔެނާނަމެވެ. "އޭނާ ދުވަން ދިއުން ހުއްޓައިލައިފިއެވެ." ދޭހަވަނީ، އޭނާ އަމިއްލަ އިޚުތިޔާރުގައި ކުރަމުން އައި ކަމެއް ނުކޮށް އެކަން ނިމުމަކަށް ގެނައި ކަމެވެ. މީހެއްގެ އެންގުމަކަށް ނޫނެވެ.
ދެން އޮތީ "ހުއްޓުވުން" މި ލަފުޒެވެ. މީގެ މާނައެއް ކަމަށް އަޅުގަނޑަށް ވިސްނެނީ، މީހަކު ކުރާ ކަމެއް އެހެން މީހެއްގެ ބާރުން ކުރިޔަ ނުދިނުމެވެ. ނުވަތަ ނިމުމަކަށް ގެނައުމެވެ. އިތުރަށް ސާފުކޮށްލަ ދިނުމަށް ޓަކައި ކުރީގެ މިސާލަށް ބަދަލު ގެނެސް އަލުން ލިޔެނާނަމެވެ. "އޭނާ ދުވަން ދިއުން ހުއްޓުވައިފިއެވެ." ދޭހަވަނީ، އޭނާ އަމިއްލަ އިޚުތިޔާރުގައި ކުރަމުން އައި ކަމެއް ކުރިޔަ ނުދީ އެހެން މީހެއްގެ ނުފޫޒަކުން އެކަން ނިމުމަކަށް ގެނައި ކަމެވެ. މީހެއްގެ އެންގުމަކަށެވެ. ނުވަތަ ކޮންމެވެސް ބާރަކުން އެކަން ކުރިޔަ ނުދިނީއެވެ.
ދައްކަން މި އުޅެނީ އަމިއްލައަށް ކަމެއް ހުއްޓައިލާނީ ތޯ ނުވަތަ އެހެން ފަރާތެއްގެ ބާރާއެކު، މަޖުބޫރުކުރުމާއެކު، ނުވަތަ އެންގުމަކާއެކު ކަމެއް ހުއްޓައިލާނީ ތޯއެވެ.
އަޅުގަނޑު ވެސް މިހާރު ދުވަން ގޮސް އުޅެމެވެ. ތިޔަ ބޭފުޅުންނެކޭ އެއްގޮތަށް، އަޅުގަނޑު ވެސް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުން ވާތީއެވެ. އޭގެ އިތުރުން ސިއްހީ ބޭނުމަށެވެ. ދުވަން ގޮސް މި އުޅެނީ ހުޅުމާލޭ ސެންޓުރަލް ޕާކަށެވެ. ޕާކުގެ ވަށައިގެން ރައްކާތެރިކަމާއެކު ދުވެވޭ ގޮތަށް ދުވާރެއް ވެސް އޮވެއެވެ. އެ ދުވާރެގެ ބޭރުން ރީތި ބަގީޗާ ގަސްތަކެއް ހައްދައި ރީތިކޮށް ކޮށައި އެއްވަރުކޮށްފައި އޮވެއެވެ. ބައެއް ދިމަމާގައި ފިތުރޯނު ގަސްތަކެވެ. އަނެއް ބައި ތަންތާނގައި ކުދިކުދި ފަތްތަކެއް ހުންނަ ވަރުގަދަ ގަސްތަކެކެވެ. އެއީ ވަރަށް ރީތި ބަގީޗާއެކެވެ. މަގުމަތީގައި ދުއްވާ އުޅަނދުތަކުން ރައްކާތެރިވެ، މި ގަސްތަކަކީ ތިމާއަށް ލިބޭ ނިވާފަތްގަނޑަކަށް ބަލައިގެން ދުވެއެވެ.
ހުޅުމާލޭގެ ސެންޓަރަލް ޕާކް-- - ސަން ފޮޓޯ: މުހައްމަދު އަފްރާހްދުވާލުގެ މަސައްކަތްތައް ހުންނަ ގޮތުން ގިނަ މީހުންނަށް ދުވަން ދެވެނީ، ރޭގަނޑުގެ ވަގުތެއްގައެވެ. އަޅުގަނޑާއެކު ދުވުމުގައި ބައިވެރިވާ ވަރަށް ގިނަ މީހުން އުޅެއެވެ. އަޅުގަނޑާއެކު އެ މީހުން ބައިވެރިވަނީއޭ ބުނުމަށް ވުރެ ރަނގަޅީ، އެ އެންމެންނާއެކު އަޅުގަނޑު ވެސް ދުވަނީ އޭ ބުނީމާ ދޯއެވެ؟ ކޮންމެ މީހަކު ވެސް އެ މީހަކަށް އެންމެ ފަސޭހަ ވަގުތެއްގައި ސެންޓުރަލް ޕާކަށް ދުވަން ގޮސް، ދުވަން ފެށީމާ އެންމެން އެކަކު އަނެކަކާ އޮންނަނީ ބައިވެރިވެވި އެކުގައި ހިނގާ ގުރޫޕަކަށް ވެފައެވެ. ގަވައިދުން ދާން ފެށީމާ އެންމެން ވެސް އެކަކު އަނެކަކާ ފަރިތަވެ ހީލާ ނިތް އެއްލާ ހިސާބަށް ވެސް ދެއެވެ. އަންހެނުންނާއި ފިރިހެނުން ވެސް މިކަމުގައި ތަފާތެއް ނެތެވެ.
އިރުޝާދު ދޭ މީހެއްގެ އިރުޝާދާ އެކު، ޕާކު ތެރޭގެ ހުސް ތަންތަނުގައި ކިލާސްތައް ހިންގާކަން ވެސް ފާހަގަކުރެވެއެވެ. ހިނގާފައި ދާއިރު އެ މީހުންނަށް ދޭ އިރުޝާދުތައް ރީތިކޮށް އަޑު އިވެއެވެ. އެކި އުމުރުގެ އަންހެންވެރީންނާއި ފިރިހެން ވެރީން މި ފަދަ ކިލާސްތަކުގައި ހަރަކާތްތެރިވެއެވެ. ކިލާސްތައް ހިންގަނީ ފީއެއް ނަގައިގެން ކަމަށް ވާތީ، އެކަން ވަރަށް ބަރާބަރަށް ހިނގާކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. މި ތަނުގައި ފައިސާ ނަގައިގެން ކިލާސް ހިންގުމަކީ މާނާކަމެއް ތޯ ނޫނީ، ހުއްދަކަމެއް ތޯ ބަލާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. އެ ކުރަނީ ދެ ފަރާތަށް ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. އެކަން ކުރަންވީ އެވެ. ދެ ފަރާތުގެ ލާބައާއި މަންފާއަށް ޓަކައެވެ. ސަރުކާރުން ނުހުއްޓުވައިހައި ހިނދެއްގައެވެ.
މި ހުރިހާ ރަނގަޅުކަމެއް މިތާ ހިނގަމުން އެބަ ދެއެވެ. އެކަމަކު ކަންބޮޑުވާން ޖެހޭ ކަމެއް ފާހަގަވާތީ އެ ވާހަކަ ދައްކައިލާން މިއަދު ބޭނުންވީއެވެ.
ރާއްޖޭގެ އާބާދީގެ އެންމެ މީހުން ގިނަ އެއް ބިމަކީ މިހާރު ހުޅުމާލެއެވެ. ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގައި މީހުން އުޅޭން ފެށިފަހުން ދެ އަވަށުގެ މީހުން ވެސް ދުވަން ޖަމާވަނީ މި ތަނަށެވެ. ދެ އަވަށެއް ނޫނެވެ. މާސިންގާ ބޮޑު ދެ ރަށުގެ މީހުންނެވެ. އަދި ސެންޓްރަލް ޕާކު ކައިރީގައި އޮންނަ މަގުތައް މަތީ ދުއްވާ އެއްޗެހި ވެސް އެހާ ގިނައެވެ. ސެންޓްރަލް ޕާކުގެ ދެކުނުގައި އަމީން ކޮންސްޓްރަކްޝަނުން އިމާރާތްކޮށްފައި ހުރި ފުލެޓުތައް އެބަހުއްޓުވެ. ކޮންމެ ފުލެޓެއްގައި ވެސް މީހުންނެވެ. އެއީ މާލެއިން ހުޅުމާލެއަށް އަންނަ މީހުންނާއި ހުޅުމާލެއިން މާލެއަށް ދަތުރުކުރާ މީހުން ދާން އޮންނަ މައިމަގެވެ. ކާރާއި ލޮރީއާއި ޕިކަޕާއި ކޮންސްޓްރަކުޝަން މަސައްކަތަށް މީހުން އުފުލާ އުޅަނދުތަކާއި ސައިކަލުތައް ވެސް ދަތުރުކުރަނީ މި މަގުން އައިސް ސެންޓްރަލް ޕާކު ވަށައިގެންނެވެ.
މި ދެންނެވި ސަރަހައްދަކީ، ހުޅުމާލޭގެ އެންމެ ބައިބޯ އެއް ސަރަހެއްދެވެ. ޕާކުގެ ދެކުނުގައި ވެސް އެތައް އިމާރާތެއްގައި މީހުން ދިރިއުޅޭން ފަށައިފިއެވެ. މީހުން ގިނަ މިންވަރު އިހުސާސްކޮށްލުމަށް ޓަކައި މަޣުރިބު ނަމާދަށް ފަހު އެ ސަރަހައްދަށް ޒިޔާރަތްކޮށްލަބަލާށެވެ. މަގު ހުރަސްކޮށްލާނެ ވަގުތު ލިބެނީ ފަސް މިނެޓެއް ހާ އިރު މަޑު ކޮށްގެންނެވެ. ހަމަ ނޭވާއެއް ލައިގެން މަގު ހުރަސްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ކަންބޮޑުވުމާއި ހާސްކަމާ ހުރެގެން ނޫނީ މަގު ހުރަހެއް ނުކުރެވޭނެއެވެ.
މި ވާހަކަތައް މި ލިޔުނީ މި ސަރަހައްދުގެ ހާލަތު ސިފަކޮށްދީ އެ ތަނުގައި މީހުން ގިނަ މިންވަރު އިހުސާސްކޮށްދެވޭތޯއެވެ.
ހުޅުމާލޭގެ މަގުތަކުގައި ހިނގައިފައިވާ އެކުސިޑެންޓުތަކަށް ބަލައިލީމާ، މަގުމަތީ އެކުސިޑެންޓުތަކުގައި މީހުން މަރުވެފައިވާ ކަމީ ހަގީގަތެކެވެ. ވީއިރު މިހާރު މިހާ އާބާދި ބޮޑުވެ، ތޮއްޖެހިފައިވާ މި ސަރަހައްދުގެ މަގުތަކުގައި ދުވުމަކީ ރައްކާތެރިކަމެއް ބާވައެވެ؟ ކަށަވަރުން ވެސް އެއީ ރައްކާތެރިކަމެއް ނޫނެވެ.
އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ، ސެންޓުރަލް ޕާކުގެ ވަށައިގެން މަގުމަތީގައި ރޭގަނޑު އެ އަނދިރީގައި ބަޔަކު ދުވާކަމެވެ. ބޫންލާފައި އަންނަ ސައިކަލުތަކާއި ކާރުތަކުގެ ތެރޭގައި ސެންޓްރަލް ޕާކު ވަށައިގެން ދެ ޖިންސުގެ މީހުން ވެސް ދުވާތަން ވަރަށް ގިނައިން ފެނެއެވެ. ޕާކުގެ ތެރޭގައި އޮންނަ ދުވާރު މަތީގައި ދުވެވޭ ގޮތަށް އޮންނަ އިރު ވެސް، މައިމަގަށް ނުކުމެގެން މި ދުވަނީ ކީއްވެ ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. ކާކަށް ނުފެނިދާނެތީ ބާވައޭ ވެސް ހިތަށް އަރައެވެ.
ކުރީ ދެ ރެއަކު ފާހަގަވީ ކަމެއް ހިއްސާކޮށްލާނަމެވެ. ކަސްރަތު ކިލާހެއް ނަގައިދޭ މީހާ މަގުމައްޗަށް ނުކުމެ އޭނާގެ ކިލާހުގެ އަންހެން ބައިވެރީންތަކެއް ގޮވައިގެން މަގުމަތީގައި އެ މީހުން ދުއްވީއެވެ. އަޅުގަނޑު ހިތަށް އެރީ، އުމުރުން ސާޅީސް އަހަރާ ގާތްކުރާ އަންހެނުންތަކެއް މަގުމައްޗަށް ނެރެ، ނުރައްކާތެރި އުޅަނދުތަކެއް ބާރު ދުވެލީގައި ދުއްވާ މަގުމަތީގައި އެ މީހުން އެ ދުއްވަނީ ކީއްވެ ބާވައެވެ؟ ޕާކު ތެރޭ ރައްކާތެރި ތަނެއްގައި އެ މީހުން ދުއްވައިގެން ނަގައިދޭ ކަސްރަތު ފިލާވަޅުގެ މަގުސަދު ހާސިލުނުވަނީ ބާވައެވެ؟ ނޫނީ ހަމަ ނުވިސްނެނީ ބާވައެވެ؟
އަދިވެސް އެހެން ބާވަތެއްގެ ގުރޫޕެއް ހަމަ މިތާ ދޭތެރެއަކުން ދުވާތަން ފެނެއެވެ. ބައެއް ފަހަރަށް ހުޅުމާލޭގެ އެކި މަގުތަކުގައި ވެސް އެ މީހުން ދުވެއެވެ. އެ މީހުން ދުވާއިރު ތަން ކޮޅެއް ބާރަށް އަޑުހަރުކޮށް އިރުޝާދު ދޭ މީހަކު ވެސް ކުރީގައި އޮވެގެން ދުވާތަން ދުށީމެވެ. އިރުޝާދު ދޭ މީހާގެ އިރުޝާދުތަކަށް، ދުވާ މީހުން "ޔެސް ސަރ" އޭ ބުނީމާ އެއީ ކޮން ބައެއްކަން އަމިއްލައަށް އިހުސާސްވިއެވެ. މި ގުރޫޕުގައި ވެސް އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ.
އަމިއްލަ ނަފުސުގެ ރައްކާތެރިކަން ހޯދާނީ އަމިއްލައަށެވެ. މީހަކު ބުންޏަސް މަގުމަތީގައި ދުވުމަކީ ރައްކާތެރިކަމެއް ނޫންކަން މިހާރު ހުޅުމާލޭގައި އުޅޭ އާންމުންނަށް ވިސްނޭވަރުވެއްޖެ ކަމުގައި ދެކެމެވެ. ދުއްވާ އުޅަނދުތަކާއި އެ އުޅަނދުތައް ދުއްވާ މީހުން ދުއްވާ ގޮތަކީ ރައްކާތެރި ގޮތެއް ނޫންކަން އަމިއްލައަށް ވިސްނައިލިއަސް ދެނެގަނެވޭނެއެވެ. ވީއިރު، މި ކަމަކީ އަމިއްލަ އަށް ހުއްޓައިލުން ބުއްދިވެރިކަމެއް ކަމުގައި ނުދެކެނީ ކީއްވެބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. ނޫނީ މަގުމަތީގައި ދުވެގެން މެނުވީ ތިމާގެ ހަށިގަނޑަށް ލިބެންވާ ކަސްރަތު ނުލިބެނީ ކަމަށް ގަބޫލުކުރަނީ ބާވައެވެ؟
ކޮންމެ އަކަސް، ސެންޓުރަލް ޕާކުގެ އިރުމަތީ ފަރާތުގައި ހުރި ފުލުހުންގެ ބޮޑު އިމާރާތުން ޔުނީފޯމު އަޅައިގެން ފުލުހުން ނުކުމެ މަގުމަތީ ދުވާ މީހުން ޕާކުތެރެއަށް ވައްދާން ޖެހިއްޖެ ނަމަ އެކަން ވެސް އެ މީހުން ކުރާނެއެވެ. އެއީ ދިވެހި ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަށް ހުވާކޮށްގެން ތިބި މީހުންނެވެ. އެކަން އެ މީހުން ކުރާނީ އަޅުގަނޑު މި ލިޔުން ލިޔެ ޝާއިއުކުރީމައެއް ނޫނެވެ. ހުޅުމާލޭގެ މަގުމަތީގައި ދުވުމަކީ އެ ރަށުގެ އަމާންކަމާއި ރައްކާތެރިކަމަށް ޓަކައި މަނާކުރަން ޖެހޭ ކަމެއްކަމަށް ފުލުހުންނަށް ފެންނަ ހިނދުން އެކަން ކުރާނެއެވެ. ޔަގީނުން ވެސް ފުލުހުން އެކަން ހުއްޓުވާނެއެވެ. އެކަމަކު އެ މީހުން އެކަން ހުއްޓުވުމުގެ ކުރީން އަމިއްލައަށް ހުއްޓައިލިއްޔާ ވާނީ ކީއްތޯއެވެ؟ ކޮންމެ ދުވާ މީހެއްގެ ފަހަތަށް ފުލުހެއް ނުކުމެ ދުވާން ޖެހޭ ގޮތް ނުހަދައި ވޭތޯ ބަލަމާ ހިންގަވާށެވެ. ގައުމުގެ ހައްގުގައެވެ. އަމިއްލަ ފުރާނައާއި އެހެން މީހުންގެ ފުރާނައިގެ ހައްގުގައެވެ.