ވ. އަތޮޅުގެ ކަނޑުގެ ވަރަށް ފުނުގައި އޮތް ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ނަން, އެ މީހުން ރާއްޖެ އައި ސަބަބު ކަމަށްވާ ރިސާޗަރުންގެ ލިސްޓްގައި ނެތް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) އޭބީސީ ނޫހަށް ވިދާޅުވި ގޮތުގައި، ދިރާސާކުރުމަށް އިންތިޒާމުކުރި ފަރާތުން ސަރުކާރަށް ހުށަހެޅި ލިސްޓުގައި، މަރުވި ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ނަން ހިމަނާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން، އެ ދެ މީހުންނަކީ ވެސް އެ ދަތުރުގެ ބައިވެރިންކަން ސަރުކާރަށް ކުރިން އެނގިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭން ހިންގާ ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ، ދަތުރު އިންތިޒާމުކުރި ފަރާތްތަކުން ރަނގަޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، ބޭނުންވާ ފުރިހަމަ ޕްލޭންތައް ހަދާފައިވޭތޯ ބެލުމުގެ މައްޗަށް ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
https://www.sun.mv/222246
މި ދިރާސާ ދަތުރުގައި އިސްކޮށް ހަރަކާތްތެރިވީ އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް އިކޮލޮޖީ އަދި ކަނޑުތަކާބެހޭ ދިރާސާކުރާ މާހިރެއް ކަމަށްވާ އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯނޭއެވެ. އޭނާގެ އިތުރުން މި ހާދިސާގައި މަރުވެފައިވަނީ އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް، މެރިން ބަޔޮލޮޖިސްޓް ފެޑެރީކޯ ގުއަލްޓިއޭރީ، ރިސާޗަރު މިއުރިއެލް އޮޑެނީނޯ އަދި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ.
މުންދު ވިދާޅުވި ގޮތުގައި އެ ގްރޫޕަށް ފީނުމުގެ ހުއްދައެއް ދޫކޮށްފައި އޮތް ނަމަވެސް, "ދިރާސާގެ ޕްރޮޕޯސަލްގައި ބައެއް ކަންކަން މަދު" ކަމަށެވެ.

މި ދިރާސާ ދަތުރުގައި އިސްކޮށް ހަރަކާތްތެރިވި މޮނިކާ މޮންޓެފަލްކޯނޭ--
ރިޕޯޓުތައް ބުނާ ގޮތުން އެ މީހުންނަށް ދޫކޮށްފައިވަނީ 30 މީޓަރަށް ފީނުމުގެ ހުއްދައެކެވެ. ނަމަވެސް، އެ މީހުން ވަނީ 50 މީޓަރަށްވުރެ ފުނަށް ގޮސްފައެވެ.
އެ ގްރޫޕުން ކަނޑުއަޑީގެ ހޮހޮޅައެއް ދިރާސާކުރަން އުޅޭކަން ސަރުކާރަށް އަންގާފައިނުވާ ކަމަށް މުންދު ވިދާޅުވިއެވެ.
"އެ މީހުން ފީނަމުންދިޔަ ސީދާ ސަރަހައްދެއް އަޅުގަނޑުމެންނަކަށް ނޭނގޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ލިސްޓުގައި ނެތް ދެ މީހުންނަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، "އެ މީހުންނަކީ ވެސް އެ ދަތުރުގެ ބައިވެރިންކަން އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެންވީމާ، މި ހުރިހާ ކަމެއް ދަނީ މުރާޖައާކުރަމުން" ކަމަށެވެ.
ހުއްދައިގައި ނަން ހިމެނެނީ ހަމައެކަނި މޮންޓެފަލްކޯނޭ، އޮޑެނީނޯ އަދި ގުއަލްޓިއޭރީގެ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ޔުނިވާސިޓީ އޮފް ޖެނޯއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޮންޓެފަލްކޯނޭއާއި އޮޑެނީނޯ ރާއްޖެއަށް އައީ ރަސްމީ ދިރާސާއަކަށް ކަމަށެވެ. ނަމަވެސް, މި ހާދިސާ ހިނގި ފީނުމަކީ އެ ދިރާސާގެ ބައެއް ނޫން ކަމަށާއި އެއީ އަމިއްލަ ގޮތުން ކުރި ކަމެއް ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.

ގާތްގަނޑަކަށް 50 މީޓަރާއި 60 މީޓަރާ ދެމެދުގެ ފުންމިނެއްގައި އޮންނަ މި ހޮހޮޅައަށް ފީނުމަކީ އާދަޔާހިލާފަށް ނުރައްކާތެރި ކަމެކެވެ. މުންދު ސިފަކުރެއްވި ގޮތުގައި އެ ސަރަހައްދުގެ ފުންމިނާއި، އޮއިވަރު ހުރި ގޮތުން އެއީ ވަރަށް ބޮޑަށް ގޮންޖެހުން ބޮޑު ދަތުރެކެވެ.
"މިސާލަކަށް، ހޮހޮޅައަށް ވަނުމަށް ފަހު އެތެރެ ފެންނަ މިންވަރު ގާތްގަނޑަކަށް ސުމަކަށް ދާނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" އޭނާ ފާހަގަކުރެއްވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހަށިގަނޑުތައް ރިކަވާކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތުގެ ތެރެއިން ދިވެހި ސިފައިންގެ ޑައިވަރެއް ކަމަށްވާ މުހައްމަދު މަހުދީ ވެސް ވަނީ ޑީކޮމްޕްރެޝަން ސިކްނެސްގެ ސަބަބުން މަރުވެފައެވެ.
ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ އެހީތެރިކަމާ އެކު ހަށިގަނޑުތައް ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު، ސަރުކާރުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ވަރަށް ގާތުން ބަލަމުންނެވެ. މިހާތަނަށް ތިން ހަށިގަނޑެއް ނަގާފައިވާއިރު، އަނެއް ދެ ހަށިގަނޑުތައް އަދިވެސް ވަނީ ހޮހޮޅައިގެ އެންމެ އެތެރޭގައެވެ. މި ހާދިސާއަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގި އެންމެ ހިތާމަވެރި އެއް ޑައިވިން ހާދިސާއެވެ. މި ހާދިސާގައި ބައެއްގެ އިހުމާލު ވޭތޯ ބެލުމަށް އިޓަލީގެ ޕްރޮސިކިއުޓަރުން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ވެސް ފަށައިފައެވެ.