އިއްޔެ މެންދުރެއްހާއިރު އޭނާ ދަތުރަށް ތައްޔާރުވީ ފޮނި އުންމީދުތަކާ އެކީގައެވެ. ހަތަރު މަހެއްހާ ދުވަހަށް ފަހު، އާއިލާއާ ރަހުމަތްތެރިންނާ ބައްދަލުވާތީއެވެ.
މާލެ އައުމަށް ލޯންޗަށް އެރީ ވަރަށް ހަމަޖެހިފައި ހުރެއެވެ. ނަމަވެސް، އެ ހަމަޖެހުމަށް ލޮޅުމެއް އައީ، ހުޅުމާލެ ފެންނަން ހިސާބަށް އާދެވުނު ފަހުންނެވެ. ދަތުރުކުރި ލޯންޗު ފަޅައިގެން ގޮސް، ހިނދުކޮޅެއް ތެރޭ އެންމެންނާ އެކު ކަނޑުވީއެވެ. އާއިލާއާ ބައްދަލުވާން ކެތްމަދުވެފައި ހުއްޓައެވެ.
މިއީ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ނިންމުމަށް ފަހު، ޅ. މާފިލާފުށިން ފުރައިގެން މާލެއައި ލޯންޗުން ދަތުރުކުރި އެއް ލޯންޗު ފަޅައިގޮސް ކަނޑުވި ހާދިސާއެވެ. އެ ލޯންޗުން ދަތުރުކުރި 64 ކުދިންގެ ތެރެއިން، އެކަކަކީ 20 އަހަރުގެ މަރްޔަމް ޝާލިނީ (އަސްލު ނަމެއް ނޫން) އެވެ.
ވަކި ތާވަލެއްގެ ތެރެއިން، ހެދުނު ތަމުރީނަށް ފަހު މާލެއަށް އަންނަން ޝާލިނީމެނަށް ލޯންޗަށް އެރުނީ، އިއްޔެ މެންދުރު 2:30 ހާއިރެވެ. ދެތިން ގަޑިއިރުގެ ދިގު އެ ދަތުރުގައި ގިރާކުރަން ޖެހުނު ކަނޑުތައް ގަދައެވެ. އެކަމުން ވެސް އޭނާ ކުޑަކޮށް ވެސް ބިރެއް ނުގަނެއެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި، އޭނާ އިނީ ރައްޓެހިންނާއި އާއިލާއާ ޗެޓުކުރުމުގައެވެ.
ހަވީރު 5:20 ހާއިރެވެ. ސަކަ މިޒާޖުގެ ޝާލިނީ ހުރީ، އާއިލާއާއި ރައްޓެހިންނާ ބައްދަލުވާތީ ވަރަށް އުފަލުންނެވެ. އޭރު ހުޅުމާލޭގެ މަލަމަތި އެ މީހުންނަށް ފެންނަން ފަށައިފިއެވެ.
"މެސެޖުކޮށްފައި ރައްޓެހިން ކައިރީ ބުނެފިން އޭރު ރެޑީވާށޭ ވެސް މާލެ އައިސްފައި ބޭރަށް ދާން. މަންމައަށް ވެސް ގުޅާފައި ވާހަކަދެއްކިން. ކައިރީވީމާ ގުޅާނަމޭ ކިޔާފައި ބޭއްވީ،" އޭނާ ކިޔައިދިނެވެ.
ކުއްލިއަކަށް ފެނުނީ ރާޅު އަރަނިކޮށް، ދެން ބޭލީ ކަނޑަށް
ކުއްލިއަކަށް ޝާލިނީމެންނާ އެކު އައި އެމްއެންޑީއެފުގެ އޮފިސަރުން ލައިފް ޖެކެޓުތައް ބަހަން ފަށައިފިއެވެ. އެ ތަން ފެނުމާ އެކު، ކަމެއް ގޯސްވިކަމުގެ އިހުސާސްކުރެވެން ފަށައިފިއެވެ.
އެ ވަގުތުކޮޅު އޭނާ ނަޒަރު ހިންގާލީ، ލޯންޗުގެ އެތެރެއަށެވެ. ލޯންޗުގެ ކުރީކޮޅުން ވަރަށް ބޮޑަށް އޭރު ރާޅު އަރަމުން ދިޔައެވެ. ފަހަރަކަށް ވުރެ ފަހަރެއް ލޯންޗު ދިޔައީ ދިޔަވެ، އަރިވަމުންނެވެ. ލޯންޗު ދިޔަވާތީ، އޭރު ދުއްވަމުން ދިޔައީ ވެސް ވަރަށް މަޑުންނެވެ. އެކަމަކު، ސަލާމަތުގެ އައްސޭރިއަކަށް ނުދެވި، ލޯންޗު ނުދުއްވޭ ވަރުވީއެވެ.
"ކައިރީގައި ދެން އިނީ ވަރަށް ބިރުގަންނަ ކުއްޖެއް. އެ ކުއްޖާ ހަޅޭއްލަވަން ފަށައިފި. ބާކީ ތިބި އެންމެންނަށް ވެސް އެނގިއްޖެ މި އަޑިއަށް ދަނީކަން. އެންމެން އޭރަށް އަވަސްވެގަތީ ނުކުންނާނެ ގޮތަކާ މެދު،" އެ ބިރުވެރި ވަގުތުކޮޅު އޭނާ ސިފަކޮށްދިނެވެ.

ވަތަނީ ޚިދުމަތުން އައި ކުދިންތައް ކަނޑުވެފައި ---- ފޮޓޯ/ މެރިން ޕޮލިސް
ލޯންޗު ތެރޭގައި ކުދިންތައް ހަރަކާތްތެރިވާން ފަށައިފިއެވެ. މުޅި ލޯންޗު ހަލަބޮލިވިއެވެ. އެއް ބަޔަކު ތެދުވެ، ލޯންޗުގެ ކުރިއަށް ހިނގައްޖެއެވެ. އެކަމަކު، މާ ބޮޑަށް ރާޅު އަރާތީ އެހާ ގިނަ ކުދިންނަކަށް އެ ދިމަލާކުން ނުނިކުމެވުނެވެ. އަވަހަށް ލޯންޗުން ނުކުމެވޭނެ ގޮތަކާ މެދު، ޝާލިނީ ވެސް ކައިރީގައި އިން ކުއްޖާއާ ޚިޔާލު ބަދަލުކުރަން ފަށައިފިއެވެ. އެ ބިރުވެރި ވަގުތުކޮޅު ވެސް ޝާލިނީގެ މޫނަށް ހިނިތުންވުމެއް ގެނުވީ ކައިރީގައި އިން ރަހުމަތްތެރިޔާ ބުނި އެއްޗަކުންނެވެ.
"އަހަރެން ބުނިން ހިނގާށޭ ފަހަތު ދޮރުން ނުކުންނަން. ބުނީމާ [ރަހުމަތްތެރިޔާ] ބުނެފި، މޭމްގެ ހުއްދަ ނެތި ނުނިކުމެވޭނެ ނޫންހޯ. ދެން ވަރަށް ހިނި އައި އެ ގަޑީގައި އެ ގޮތަށް ބުނީމާ. އޭނާ މޭމް ކައިރިން ހުއްދައަށް ވެސް އެދުނު. މޭމް ބުނި ނުކުންނާށޭ،"
ހުރިހާ ދަރިވަރުން ލޯންޗުން ބޭލުމުގެ ކުރިން، އެ ކުދިންނަށް ލައިފް ޖެކެޓު ހަމަވިކަން އޮފިޝަލުން ޔަގީންކުރިއެވެ. ހުރިހާ ކުދިންހެން ނުކުތީ ލޯންޗުގެ ފަހަތުގައި އިން ދެ ކުޑަދޮރުން ކަމަށް އޭނާ ކިޔައިދިނެވެ.
ފުރަތަމަ ވެސް މަންމައަށް ގުޅާފައި ބުނެވުނީ ގެނބެނީއޭ
ފަހަތުގެ ދޮރުން ފޭބި ގަޑީގައި ޝާލިނީއާ އެކު، ތަމުރީނަށް ދިޔަ އޭނާގެ ކޮއްކޮއެއް ވެސް ހުއްޓެވެ. އޮފިޝަލުންގެ އިރުޝާދާ އެކީ، އޭރު ކުދިންތައް ދިޔައީ ކަނޑަށް ފައިބަމުންނެވެ. ކޮއްކޮ ފޭބިކަން ޔަގީންވުމުން، ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ޝާލިނީ ވެސް ފުންމާލިއެވެ. އެކަމަކު، އެ މީހުން ފޭބީ އެއްވެސް ލަގެޖެއް ނުލައެވެ. އިސްކަން ދިނީ އެންމެންގެ ފުރާނަ ސަލާމަތްކުރާށެވެ. ޝާލިނީ ކަނޑަށް ފޭބީ ފޯނު ހިފައިގެންނެވެ. އޭގެ ކުރިން މަންމަ ހިމެނޭ ގޮތަށް އާއިލާއަށް ގުޅިއެވެ. އަދި، ގެނބެނީކަން އެންގިއެވެ.

ލޯންޗުން ދަތުރުކުރި ކުދިންތަކެއް ކަނޑުވެފައި -----
"ގާތްކޮށް ތިބި އެންމެނަށް ފޭބުމުގެ ކުރިން އެންގިން ގެނބެނީއޭ. އަޑިއަށް ދަނީއޭ،"
ފޭބުމުގެ ތެރެއިން، ފައި ކައްސާލައިގެން ލޯންޗުގެ ދެ ތަނެއްގައި އޭނާގެ އުނަގަނޑު ވެސް ޖެހުނެވެ. އެހެންވެ، އޭނާގެ ކޮއްކޮއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ. ހަމަ އެ ވަގުތު ފެނުނީ، ތަމުރީނުގައި އެކުގައި އުޅުނު ރަހުމަތްތެރިއަކު، ލައިފްޖެކެޓު ނޭޅުވިގެން އުޅުނު ތަނެވެ. އޭރު ވެސް ދެތިން ކުއްޖަކު އެ ރަހުމަތްތެރިޔާ ގާތުގައި އުޅެމުން ދިޔައެވެ. ޝާލިނީ ވެސް އަވަސްވެގަތީ، ރަހުމަތްތެރިޔާއަށް އެހީތެރިވާށެވެ. އެހީވަމުން ދަނިކޮށް، ލައިފްޖެކެޓު ދިޔައީ ފަޅައިގެނެންނެވެ. އެ ރަހުމަތްތެރިޔާގެ ނޭފަތާ ހަމައަށް ފެން އަރައި، އަޑިއަށް ދާން ފެށިއެވެ. ބިރުކުޑަ ޝާލިނީ ވެސް އެ ގަޑީގައި ބިރުގެންފިއެވެ.
"ފޯނަކާ އެއްވެސް އެއްޗަކަށް ނުބަލަން. ހަމަ ފެތުނު ވަރަކަށް ފަތާފައި ގޮސް، އޭނާގެ އަތުގައި ހިފީ. ބިރުގަތީ އޭނާއަށް ކަމެއް ވެދާނެތީ އޭނާ ކައިރި އަޑުއަހާށޭ ކިޔާފައި ލައިފްޖެކެޓުގެ ފަހަތް ދައްކާފައި އެ ތަނުގައި ހިފުވީ އަތް ގެންގޮސްފައި،" އޭނާ ކިޔައިދިނެވެ.
އިރުގެ އަލިކަން ކެނޑި، އޭރު އަނދިރި ވާން ފަށައިފިއެވެ. އިތުރު ފުރާނައަކާ ހަވާލުވެގެން ހުރެ، ޝާލިނީ ދެން އަވަސްވީ މަންމަމެންނަށް ގުޅާށެވެ. އެކަމަކު، ކުރި މަސައްކަތުން މަންމައަކަށް ނުގުޅުނެވެ. ފޯނު ނެގީ ދައްތައެކެވެ. ހުރިހާ އެއްޗެއް ކިޔައިދިނުމަށް ފަހު އަވަހަށް މަންމައަށް އަންގައިދިނުމަށް އެދުނެވެ. އެ ވަގުތު އެ ތަނުގައި މަންމަ ނެތް ކަމަށް ވިޔަސް، ހާސްވާނެ ވަރު އިހުސާސްކުރެވޭތީއެވެ.
ގުޅުނު މީހަކަށް ގުޅުނީ ވެސް އެހާ ހާލުންނެވެ. ފޯނަކު ޓަޗެއް ނުވެއެވެ. ގުޅައިގެން ދައްކާ ވާހަކައެއް ރަނގަޅަކަށް އަޑެއް ނީވެއެވެ. އެ ބިރުވެރި ވަގުތުކޮޅު ކަނޑުވެ، ޝާލިނީ ނެރުނީ ކަށިން ހިތްވަރެވެ. ކޮއްކޮއެއް ފެންނާކަށް ނެތެވެ. އޭނާއާއި ކޮއްކޮގެ ހާލަތު ބަލަން އާއިލާއިން ގުޅަނީއެވެ. އެ ވަގުތުކޮޅު، ހިތްދަތިވެ، އޭނާއަށް ރޮވެން ފަށައިފިއެވެ.
"ރޮވެން ފެށީމާ ފަހަތުގައި އޮތް ކުއްޖާ މަށަށް ހިތްވަރުދިން. ދެން އެ ގަޑީގައި ވަރަށް ބިރުގަތް ކޮއްކޮ ނުފެންނާތީ. ކޮއްކޮ ދޫކޮށްލާފައި އެހެން ކުއްޖަކަށް ފޯކަސް ކުރެވުނީމާ. ގިލްޓް ފީލްވި،" ފަރުވާއަށް ހޮސްޕިޓަލުގައި އެޑުމިޓުވެ އޮވެ އޭނާ ކިޔައިދިނެވެ.
އަމިއްލަ ނަފުސާއި ރަހުމަތްތެރިޔާގެ ފުރާނަ އަތްމައްޗަށް ލައިގެން އޭނާ ފަތަމުން ދިޔައެވެ. ކަނޑުގެ ބިޔަ ރާޅުތައް ނޭފަތާ ހަމައަށް އަރައެވެ. އެކަމަކު ވެސް ފެން މަތީގައި އޮތީ ހިތްވަރާ އެކީގައެވެ. ކަންފަތް ވެސް ހުރީ އެއްކޮށް ބައްވެފައެވެ.
ކަނޑުގައި 15 މިނެޓުވި
އެ ހާލަތުގައި 15 ވަރަކަށް މިނެޓު ކަނޑުވެފައި އެ މީހުންނަށް ތިބެން ޖެހުނެވެ. ލޯންޗުތައް އައިސް، ސަލާމަތްކުރަން ފެށީ އޭގެ ފަހުންނެވެ.
"އެ ގަޑީގައި ވެސް ކުޑައްތައަށް ގުޅައިގެން ހުރީ. މަންމަ ކައިރި ވެސް ބުނިން ލޯންޗުތައް އެބަފެނެޔޭ. ވަކި ކުދިން އަރުވަން ފަށައިފިޔޭ. ކޯސްޓްގާޑާ ހުރިހާ އެއްޗެއް އޮތްވާހަކަ ބުނީމާ އެ މީހުން ހިތްހަމަޖެހުނީ،"

ކަނޑުވި ކުދިންތަކެއް ސިފައިންގެ ލޯންޗަކަށް ނަގަނީ ----
އޭނާ ވެސް އަވަސްވެގަތީ ފަތާފައި އެއް ލޯންޗަށް އަރާށެވެ. ފުލުހުންގެ ލޯންޗަށް ޝާލިނީއަށް އެރުނުއިރު ލޯންޗުގައި 19 ކުދިން ތިއްބެވެ. އެ ތަނަށް އެރުމުން އުފާވި ނަމަވެސް، ހިތް ބިރުގަތީ ކޮއްކޮއާއި ހުރިހާ ރަހުމަތްތެރިން ސަލާމަތް ނުވެދާނެތީއެވެ.
"އެ ގަޑީގައި ވެސް މޭމް ކައިރި އެހުނީ ކޮއްކޮ ކޮބާހޭ؟ މޭމް ކޮއްކޮ ލޯންޗަކަށް އަރުވައިފިޔޭ ބުނީމާ ހަމަޖެހިގެން ނޭވާ ލެވެން ފެށީ. ލޯންޗު ނައްޓާލެވުނީ އަނދިރި ވެސް ވީ ފަހުން،" ކަނޑުގައި ހޭދަކުރި ބިރުވެރި ވަގުތުތައް އޭނާ ކިޔައިދިނެވެ.
ޝާލިނީމެން ތިބި ލޯންޗަށް މާލެ އާދެވުނީ ރޭ އިރުއޮއްސި 7:30 ހާއިރެވެ. ބައެއް ކުދިންނަށް ކުދި އަނިޔާތައް ލިބިގެން ސެނަހިޔާގައި ފަރުވާ ވެސް ދިނެވެ. އެކަމަކު، ހުރިހާ ކުދިންގެ ހާލަތު މިހާރު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި 64 ދަރިވަރުންނަށް ސަލާމަތުން މާލެއަށް އާދެވުމަކީ ވަރަށް ބޮޑު ނަސީބެކެވެ. އުންމީދު ނުކޮށް ތިބި، ތަޖުރިބާއިން އެތައް ކަމެއް ހިތުގައި ބިންވަޅު ނެގިއްޖެއެވެ.