ޕައިލެޓަކަށް ނުވެވުނަސް އިއްމަ، އެބަ "އުދުހޭ": އެކަމަކު، ގޮންޖެހުން ބޮޑު!

ބަޓިކް އެއާލައިނުން އިއްމައާ އެޖެންޓް ކަމުގެ ލިޔުން ހަވާލު ކުރަނީ---

ބައެއް މީހުންނަކީ ވަރަށް ނަސީބު ގަދަބައެކެވެ. އެއީ ކުޑައިރުންސުރެ އެ މީހުންކުރަން ބޭނުންވާ މަސައްކަތް ކުރުމުގެ ފުރުސަތު ލިބި އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭތީއެވެ. ކުރާ ހިތްވާ މަސައްކަތް ކުރަމުން ރަނގަޅު އާމްދަނީއެއް ހޯދުމުގެ މަގު ފަހިވުމަކީ ކޮންފަދަ ނަސީބެއް ހެއްޔެވެ. އަނެއް ބަޔަކީ އެ ފުރުސަތު ފަހި ނުވުމުން ކޮންމެވެސް ގޮތެއް ހޯދައިގެން ލޯބިވާ ދާއިރާއިން ކުރިއަށް ދެވޭތޯ ބަލާ މީހުންނެވެ.

އޭވިއޭޝަން، ކާގޯ، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއް ކަމަށްވާ ކޮންސިއާޖް ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އިމްރާން ރުޝްދީ (އިއްމަ)ގެ ވާހަކަ ތަފާތު ވަނީ މިފަދަ ސަބަބުތަކާ ހުރެއެވެ.

އިއްމައަކީ ވިޔަފާރިވެރިއެއްގެ 10, ދަރިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. އިއްމަގެ ބައްޕަ މއ. ކެލާވީ، އަބްދުލް ބާރީ ރުޝްދީގެ ދުނިޔޭގައި ހިންގަމުން ދިޔަ "ސިލްވާ ކޮމްޕެނީ" އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ޝިޕިންގެ އެކިއެކި ޚިދުމަތްތައް ދެމުން ދިޔަ ކުންފުންޏެކެވެ. ސިލްވާ ކޮމްޕެނީއަކީ މިހާރު, ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން އެވެ. ނަމަވެސް އިއްމަ އެންމެ ކުޑައިރުންސުރެ ވެސް ޝައުގުވެރިކަން ހުންނަނީ އޭވިއޭޝަން ދާއިރާއާއި ޓޫރިޒަމް ދާއިރާއަށެވެ. އޭނާ އަބަދުވެސް، ބޭނުންވީ ޕައިލެޓަކަށް ވެގެން އުދުހޭށެވެ. އޭނާގެ ހުރިހާ ޝައުގެއް ގުޅިފައި ވަނީ އޭރުވެސް، މިހާރުވެސް އޭވިއޭޝަން އިންޑަސްޓްރީއާއެވެ.

ބަޓިކް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށި ދުވަހު މަރުހަބާ ކިޔުމަށް ބޭއްވި ހަރަކާތުގެ ތެރެއިން އިއްމަ---

ނަމަވެސް މި މުޖުތަމައުގައި، ވެސް އާއިލީ ކުންފުނީގައި މަސައްކަތް ކުރުމަކީ ދަރިންނަށް އޮންނަ ވާޖިބެއް ފަދަ ކަމެކެވެ. އެހެން ކަމުން ރާއްޖެއާއި ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ފަހު އިއްމަ ވެސް ޖެހުނީ އެ މަގުން ދާށެވެ. އެ އެގޮތުން ޕައިލެޓަކަށް ވުމުގެ ހުވަފެން އޮތްތަނުގައި ބާއްވާފައި 2001 ވަނަ އަހަރު އޭނާ ފެށީ ބައްޕަގެ ޝިޕިން ކުންފުނީގައި މަސައްކަތް ކުރާށެވެ. އިއްމަގެ، އުމުރުން 23 އަކަށް އަހަރުގައި ބައްޕަ ނިޔާވި ހިސާބުން އަދި އެ މަސައްކަތުގައި، ދެމި ހުންނަން މަޖުބޫރުވިއެވެ. އެހާ ޝައުގުވެރި ނުވި ނަމަވެސް އަދި ގިނަ ގޮންޖެހުންތަކާއެކު ވެސް 2018, ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ މަސައްކަތުގައި އޭނާ ދެމިހުއްޓެވެ. އެ ވިޔަފާރީގައި ކުރިއަށް ދިއައިރު ވެސް އިއްމައަށް އެންމެ ބޮޑަށް ފާހަގަވި އަދި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ވިޔަފާރިތައް ރާއްޖޭގައި މަސައްކަތް ކުރާ އަވައްޓެރި ގައުމުތަކުގެ ކުންފުނިތަކުން ކޮންޓްރޯލް ކުރަމުން ދިޔައީމައެވެ. އޭގެ ތެރޭގައި އޭވިއޭޝަން ދާއިރާ އާއި ޓޫރިޒަމްގެ އިތުރުން އެހެން ދާއިރާތައް ވެސް ހިމެނެއެވެ.

ބައްޕަގެ ކުންފުނީގައި އޮތް އަމިއްލަ، ހިއްސާ ވިއްކާލުމަށް، ފަހު ނުކުމެ އަމިއްލަ، ކަމެއް ކުރަން ބަލާއިރު އިއްމަގެ، ޝައުގު އަބަދުވެސް، ގޮސް ހުއްޓެނީ އޭވިއޭޝަން އިންޑަސްޓްރީއާއަށެވެ. އެގޮތުން އެ ދާއިރާއިން އެކިއެކި، ވިޔަފާރިތައް ކުރެވޭތޯ ދުބާއީ އާއި އޭޝިއާގެ އެކި ގައުމުތަކުގައި ވެސް އިއްމަ ދޭތެރެއަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން ހުއްޓާ އޭނާއާ 2018 ވަނަ އަހަރު ބައްދަލު ވަނީ މެލޭޝިއާގެ އެއާލައިނެއް ކަމަށްވާ ބަޓިކް އެއާލައިންސްގެ ވެރިންތަކަކާއެވެ. އެ މީހުން އިއްމައަށް ދިން ފުރުސަތަކީ ރާއްޖެއަށް ބަޓިކް އެއާލައިން އަންނާތީ އެ އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓަކަށް ވުމަށެވެ. ނަމަވެސް ކަންކަން ދިޔައީ އެންމެ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ބޮޑު އުންމީދުގައި އެކަން ފަށައިގެން މާބޮޑަށް ކުރިއަށް ނުދެވެނީސް މުޅި ދުނިޔެއަށް ކުރިމަތިވީ ކޮވިޑްގެ އާލަމީ ވަބާއެވެ. އެއާއެކު މުޅި ރާއްޖެ ވެސް ލޮކްޑައުންވެ މަސައްކަތް ހުއްޓުނެވެ.

އެހާ ހިސާބުން އަނެއްކާވެސް އިއްމަ އުޅުނީ އެކިއެކި، މަސައްކަތްތަކުގައި ދުބާއީ އާއި މެލޭޝިއާ އަދި ތައިލެންޑުގައެވެ. އެހެން އުޅެނިކޮށް 2023 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި ބަޓިކް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައި އަވަހަށް އިންތިޒާމުތައް ހަމަޖައްސަން އެންގިއެވެ. އެ މަސައްކަތަށް ދެ ހަފުތާއެވެ. ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުއްޓެވެ. އޮފީސް ހިންގާނެ އިމާރާތެއް ހޯދުމާއި ރިޒަވޭޝަން ދާއިރާ އާއި އެއާޕޯޓްގައި، މަސައްކަތް ކުރާނެ މެނޭޖަރުންނާއި މުވައްޒަފުން ހޯދުން ފަދަ އެތައް ކަމެކެވެ. އިއްމައާ ހަވާލުވީ އެ އެއާލައިނަށް ރާއްޖޭން ޓިކެޓާއި ކާގޯ ޖާގަ ވިއްކުމާއި އެއާޕޯޓުގެ ޖެނެރަލް ސުޕަވިޝަން އެޖެންޓްގެ މަސައްކަތާއެވެ. އިއްމަ އެ ހުރިހާ ، ކަމަކާ ކުރިމަތިލީ ވަރަށް ހިތްވަރާއެކުއެވެ: އެތައް، ބައެއްގެ އެހީތެރިކަމާ ވެސް އެކުގައެވެ. އެންމެ ފުރަތަމަ އެތައް ބައެއް ކައިރި ވަޒީފާއަށް އަންނަން ވެސް އެދުނެވެ. ނަމަވެސް ޔަގީންކަން ނެތުމުން ގިނަ މީހުން ފަސްޖެހުނެވެ. ނަމަވެސް އިއްމަ ހުއްޓުމެއް ނެތި މަސައްކަތް ފެށިއެވެ. އެކަމުގެ ނަތީޖާ ވެސް ރަނގަޅެވެ.

އިއްމަ އާއި އޭނާއާއެކު މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެއާޕޯޓްގައި--

"ސިވިލް އޭވިއޭޝަނާއި އެމްއޭސީއެލް އާއި އެމްއޭސީއެލްގެ ކޮމާޝަލް ޓީމާއި ސްލޮޓް ޓީމާއި އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އަދި އިމިގްރޭޝަނާ ހުރިހާ އިދާރާތަކަކުން ވެސް ވަރަށް އެއްބާރުލުން ލިބުނު." އިއްމަ ވިދާޅުވިއެވެ.

އިއްމަ ކޮންސިއާޖް ގުރޫޕްގެ މަސައްކަތް ބަޓިކް އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި ފެށީ 14 ދިވެހި މުވައްޒަފުންނާއެކުއެވެ. އެ މަސައްކަތަކީ ބުރަ ބޮޑު މަސައްކަތެކެވެ. ރިޒަވޭޝަނާއި އެއާޕޯޓް އޮޕަރޭޝަނާއި ކާގޯއިން ފެށިގެން ގިނަ މަސައްކަތްތަކެއް ކޮންމެ ދުވަހަކު ވެސް ކުރަން ޖެހެއެވެ. އެއާލައިންގެ ހެޑް އޮފީހުން، އުއްމީދު ކުރާ ވަރަށް ޓިކެޓް ވިއްކުމާއި، ކަސްޓަމަރުންގެ އެހެނިހެން ކަންކަން ބަލަހައްޓަން ޖެހެއެވެ. މެލޭޝިއާގެ ސެމީ ބަޖެޓް އެއާލައިން ބަޓިކުގެ އިތުރުން، އެއާއަރަބިއްޔާ ކާގޯ އާއި، އެހެން ބައެއް އެއާލައިންތަކާއެކު ވެސް، އިއްމަގެ ކުންފުނިން ވަނީ މަސައްކަތް ކޮށްފައެވެ. އަދި މިހާރު އޭނާ ތައްޔާރުވަމުން އެ އަންނަނީ އިންޑިއާގެ އެންމެ، ބޮޑު އެއް އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ފެށޭތޯ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު އަރަބި އެއާލައިނެއް ރާއްޖެއަށް ދަތުރުތައް ފެށުމަށް ވެސް އިއްމަ އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕްރައިވެޓް ޖެޓް ހޭންޑްލް ކުރެވޭ ވަރުގެ އޮފީހެއް އިއްމަ ވަނީ އެއާޕޯޓްގައި ގާއިމު ކޮށްފައެވެ. ޕައިލެޓަކަށް ނުވެވުނު އިއްމައަށް އޭވިއޭޝަން ދާއިރާގައި ކުރިއަށް ދިއުމަށް ލިބުނު ފުރުސަތުގައި އުދުހެން، މިވަނީ ފަށައިފައެވެ. ނަމަވެސް ކަންބޮޑުވުމާއެކު އޭނާ ފާހަގަ ކުރަނީ މި ދާއިރާއިން ކުރިއަށް ދިއުމަށް ދިވެހި ރާއްޖޭގައި ދިވެހީންނަށް ހުރި ގޮންޖެހުންތަކެވެ.

ދިވެހީންނަށް ކުރެވޭނެ މި ވިޔަފާރިއަށް އޮތް އެންމެ، ބޮޑު، ގޮންޖެހުމަކީ އަވައްޓެރި، ގައުމުތަކުގެ ވިޔަފާރިވެރިންގެ ކޮންޓްރޯލް ރާއްޖޭގައި އޮތުމެވެ. ދިވެއްސެއްގެ ނަމުގައި ވިޔަފާރި، ރަޖީސްޓްރީކޮށް މީގެ ގިނަ ވިޔަފާރިތައް ކޮންޓްރޯލް ކުރަނީ އަވައްޓެރި، ގައުމުތަކުގެ މީހުން ކަމަށް އިއްމަ ވިދާޅުވިއެވެ.

އިއްމަގެ ކުންފުނީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެއާޕޯޓްގައި--

ބޭރު ކުންފުނިތަކުން މި ކަހަލަ ކުޑަ ކޮމިޝަން ބޭސް ވިޔަފާރިތައް ކުރާއިރު ދިވެހި ކުންފުނިތަކަށް އެ މީހުންނާ ވާދަ ކުރުމަކީ ގޮންޖެހުމެއް ކަމަށް އިއްމަ ވިދާޅުވިއެވެ. އެންމެ ބޮޑު، އެއްކަމަކީ، އެއާލައިނެއްގެ ޖެނެރަލް ސޭލްސް އެޖެންޓްކަން ދިވެހި ރާއްޖެއަށް ހޯދުމަށް، އެއާލައިންތަކާ، ގުޅުމުން އަވައްޓެރި، ކޮންމެ ވެސް، ގައުމެއްގެ އަމިއްލަ ކުންފުންޏަކާ ކޮންޓެކްޓް ކުރަން އެއާލައިންތަކުން އަންގާ އެންގުމެވެ.

އަނެއް ކަމަކީ ބޭރު ކުންފުނިތަކުން ރާއްޖޭގައި އެ ކުރާ ގޮތަށް އެކަން ކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ނެތުމެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، 1000 ޑޮލަރު ހަރަދު، ކޮށްގެން ބޭރު ކުންފުނިތަކުން ބިދޭސީ ހަތަރު ވަރަކަށް މުވައްޒަފުން، ރާއްޖޭގައި ގެންގުޅޭއިރު ދިވެހި، ކުންފުނިތަކުން ދިވެހި އެންމެ މުވައްޒަފަކަށް ވެސް ގާތްގަނޑަކަށް ހާހެއްހާ ޑޮލަރުގެ މުސާރައެއް ދޭކަން އިއްމަ ފާހަގަ ކުރެއްވިއެވެ. ބޮޑު މުސާރައިގެ އިތުރުން، ބަންދު ދުވަސްތަކާއި އެހެނިގެން އިނާޔަތްތައް ވެސް، ދިވެހި، ކުންފުނިތަކުން މުވައްޒަފުންނަށް ދޭކަން އިއްމަ ފާހަގަކުރެއްވިއެވެ. މިހާ ފަސޭހައިން ބޭރު ކުންފުނިތަކަށް މި ފަދަ ވިޔަފާރިތައް ކުރެވޭނަމަ ދިވެހި ވިޔަފާރިތަކަށް މިފަދަ ވިޔަފާރިތައް ނުކުރެވޭނެ ކަމަށް އިއްމަ ވިދާޅުވިއެވެ.

"ބައެއް ތަންތަނަށް ބަލާއިރު އެ މީހުންގެ ބޭރު ފާރުގައި އެބަހުރޭ ހުރިހާ އެއާލައިނެއްގެ ލޯގޯ ޖަހާފައި. އެއް ތަންކޮޅުގައި ޓިކެޓް، އަނެއް ތަންކޮޅުގައި އިލެކްޓްރޯނިކްސް ވިއްކަމުން އެ ދަނީ. އަދި މަނީ އެކްސްޗޭންޖު ކައުންޓަރެއް ހަދައިގެން އެއްތަނެއްގެ ތެރޭގައި ހުރިހާ ކަމެއް އެބަ ކުރޭ. އެފަދަ އެތައް ތަނެއް މާލޭގައި އެބަހުރި. ސިވިލް އޭވިއޭޝަންގެ ގަވާއިދު ބުނާގޮތުން ޓިކެޓް ވިއްކާ ތަންތަނުގައި ވަކި މިންގަނޑުތަކެއް ހުންނަން ޖެހޭ. ނަމަވެސް ކުރިން މި ބުނި ކުދިކުދި ތަންކޮޅުކޮޅުގައި އެ ހިންގާ އޮފީސްތަކުގައި މިކަން ކުރެވޭ ތަނެއް ނުފެނޭ," އިއްމަ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އެކިއެކި ވިޔަފާރި ކުރާ މީހުން އެ ހޯދާ ފައިސާ އެ މީހުންގެ ގައުމުތަކަށް ފޮނުވާ ވަސީލަތަކަށް ވެސް މިހާރު މިއޮތްގޮތުން މިފަދަ ވިޔަފާރިތައް ހެދިދާނެ ކަމަށް އިއްމަ ވިދާޅުވިއެވެ. މި ވިޔަފާރީގައި ދިވެހި ކުންފުނިތަކުގެ ކޮންޓްރޯލް ނެތްކަމުގެ ހެއްކެއްގެ ގޮތުގައި، އިއްމަ ފާހަގަ ކުރެއްވި އަނެއް ކަމަކީ، ބޭރުގެ އެއާލައިންތަކަށް، ދައްކަން ޖެހޭ ފައިސާ އެކިއެކި ގައުމުތައް މެދުވެރިކޮށް ރާއްޖޭގައި މި ހިންގާ ކުންފުނިތަކުން ފޮނުވާ ފޮނުވުމެވެ. ސީދާ ދިވެހި ކުންފުނިތަކުގެ ކޮންޓްރޯލް އޮވެގެން، ހިންގާނަމަ، އެ ފައިސާ ޑައިރެކްޓްކޮށް އެއާލައިންތަކަށް ފޮނުވެން ޖެހޭނެ ކަމަށް، އިއްމަ ވިދާޅުވިއެވެ:

"މިކަންކަން ބޮއްސުންލާފައި މިވަނީ މޮނީޓާ ނުކުރެވޭތީ"

އިއްމަ ގަބޫލު ކުރައްވާގޮތުގައި އެއާލައިން ހޭންޑްލިންއާއި ޓިކެޓް ވިއްކުންފަދަ މި ދާއިރާގެ ވިޔަފާރިތަކަކީ ހަމައެކަނި ދިވެހިންނަށް ނޫނީ ނުކުރެވޭނެ ވިޔަފާރިކަމަށް ކަނޑައަޅައި އެކަން ތަންފީޒު ކުރަން ޖެހެއެވެ. އެކަން ކުރުމަށް ރާއްޖޭން އެއާލައިންތަކަށް ފޮނުވަން ޖެހޭ ފައިސާ ޑައިރެކްޓްކޮށް ފޮނުވާތޯ ބަލައި ޔަގީންކުރަން ޖެހޭ ކަމަށް އިއްމަ ވިދާޅުވިއެވެ. ބިދޭސީން ކުރަން ވާނީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އަދަދުތަކުން، ފައިސާ ވައްދާ ވަރުގެ ވިޔަފާރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ބިދޭސީން ވެސް ވިޔަފާރި ކުރަން ވާނެ. ބިދޭސީ މުވައްޒަފުން އުޅެން ވެސް ވާނެ. އަދި ބިދޭސީ ޕާޓްނާޝިޕް ވެސް ހެދެން ވާނެ. އެކަމަކު ބިދޭސީން ކުރަން ވާނީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އަދަދުތަކުން ފައިސާ ވައްދާ ވަރުގެ ވިޔަފާރި. އާއްމު ރައްޔިތުންނަށް ކުރެވޭ ވިޔަފާރި ބިދޭސީންނަށް ކުރެވޭތީ ރާއްޖޭގައި ޑޮލަރު ވެސް ނުހުންނަނީ," އިއްމަ ވިދާޅުވިއެވެ.

ބޭރުގެ މީހުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް އޮންނަ ނުފޫޒު ކުޑަކުރުމަށްޓަކައި ދިވެހިރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް، މިހާރުން މިހާރަށް އަޅަންޖެހެއެވެ. އެގޮތުން ކުންފުނިތަކުގެ އަސްލު މިލްކުވެރިންނަކީ ކޮބައިކަން ސާފުކޮށް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމާއި، ބޭރު ފައިސާ ވަންނަ ގޮތާއި ބޭރުވާ ގޮތް ގާތުން ބެލެހެއްޓުމުގެ އިތުރުން، ބޭރުގެ ކުންފުނިތަކާއި ދިވެހި ކުންފުނިތަކާ ދެމެދު، ހެދޭ އެއްބަސްވުންތަކަކީ ދެފުށް ފެންނަ ހާމަކަން ބޮޑު އެއްބަސްވުންތަކެއްކަން ކަށަވަރުކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވެވިއެވެ. އެކަން ކުރުމަށް ޓަކައި މިފަދަ ވިޔަފާރިތަކުގެ ބޭންކު އެކައުންޓުތަކުން މުއާމަލާތް ކުރުމުގެ އިޚްތިޔާރު އޮންނަ، ފަރާތްތަކަކީ ސައްތައިން ސައްތަ ދިވެހިންނަށް ހަދަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.

"ކޮމިޝަނަށް ހންގާ ވިޔަފާރިތަކަކީ، ހަމައެކަނި ދިވެހިންގެ މިލްކުވެރިކަން އޮންނަ، ވިޔަފާރިތަކަށް ހަދަން ޖެހޭ ނަމަވެސް، ބޭރުގެ މާހިރުންނާއެކު ހަމަހަމަ އަދި ދެފުށް، ފެންނަ ގޮތެއްގައި ކުރިއަށްގެންދާ ބާވަތުގެ ޕާޓްނަޝިޕްތައް މީގެން އިސްތިސްނާ ކުރެވިދާނެއެވެ. އަދި އިންސާފުވެރި އުސޫލުތަކެއްގެ ދަށުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދީ އެއްބާރުލުންދޭ ކުންފުނިތަކަށް ޓެކުހާއި ގަވާއިދުތަކުގެ ތެރެއިން އިނާޔަތްތަކެއް، ދޭން ވާނެ," އިއްމަ ވިދާޅުވިއެވެ.

"އޮންލައިން ގޭޓްވޭ ހަދައިގެން ޓިކެޓް ވިއްކާ ކުންފުނިތަކުން ޓެކްސް ދައްކާތޯ ވެސް ކަށަވަރު ކުރަން ޖެހޭ."

އިއްމަ ވިދާޅުވިގޮތުގައި ދިވެހިންނަކީ ގާބިލު، މަސައްކަތްތެރި، ބައެއް ނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ނާއިންސާފު ވާދަވެރިކަމުގެ ސަބަބުން، ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ރަނގަޅު އިގްތިސާދެއް ބިނާ ކުރެވިދާނެ ކަމަށް އިއްމަ ގަބޫލު ކުރައްވައެވެ.

އިއްމަ މިއަދު ނުކުމެ އެ ހުރީ ލައްކަ ތަޖުރިބާއާއެކު އޭނާ އެންމެ ލޯބިވާ ދާއިރާގައެވެ. ފައިލެޓެއްގެ ގޮތުގައި ނޫދުހުނަސް އޭނާ މިއަދު އެބަ އުދުހެއެވެ. އެކަމަކު އޭނާގެ ކަންބޮޑުވުމަކީ މި ވިޔަފާރިއަށް މި އޮތް ބޭރު މީހުންގެ ނުފޫޒެވެ. އެކަން ހުއްޓުވެން ޖެހެއެވެ. އޭރަށް އިއްމަ ފަދަ އެތައް ދިވެހީންނަކަށް މި ކަމުގައި، އުދުހެވޭނެއެވެ. ނަމަވެސް މިހާރު މިއޮތް ގޮތަށް ދޫކޮށްލާފައި އޮވެއްޖެނަމަ ލަސްތަކެއް ނުވެ ދިވެހި ވިޔަފާރިތަކުން ދިވެހީން ޖެހޭނީ ދުރަށް ދާށެވެ. ދެން ޖެހޭނީ ބޭރު މީހުންގެ މުވައްޒަފުންނަށް ވެގެން އަމިއްލަ ގައުމުގައި މަސައްކަތް ކުރާށެވެ. ސަރުކާރުން ވަރަށް ރަނގަޅު މޮނީޓަރިން ސިސްޓަމެއް ގާއިމުނުކޮށްފި ނަމަ އަމިއްލަ ގައުމުގައި ދިވެހި ވިޔަފާރިވެރިން ބިކަ ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިއްމަ ވިދާޅުވިއެވެ.

ކޮންސިއާޖް ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އިމްރާން ރުޝްދީ އަކީ ބަޓިކް އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ފަށައި، އޭވިއޭޝަން ދާއިރާގައި ކާމިޔާބު ވިޔަފާރިއެއް ބިނާކުރައްވާފައިވާ ފަރާތެކެވެ. އާއިލީ ޝިޕިންގ ވިޔަފާރީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު، އަމިއްލަ ޝައުގުވެރިކަން ހުރި ދާއިރާއިން ކުރިއަށް ވަޑައިގެން އޭނާ ވަނީ ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާފައެވެ. މި ދާއިރާގައި ދިވެހި ކުންފުނިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަވައްޓެރި ގައުމުތަކުގެ ވިޔަފާރިވެރިންގެ ނުފޫޒާއި ކޮންޓްރޯލް ރާއްޖޭގައި އޮތުމެވެ. ބޭރު ފަރާތްތަކުން ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށް، މާލީ މަންފާތައް ގައުމުން ބޭރުކުރަމުންދާކަން އޭނާ ފާހަގަކުރައްވައެވެ. މިކަން ހައްލުކުރުމަށްޓަކައި، ކޮމިޝަނަށް ހިންގާ ވިޔަފާރިތަކަކީ ސައްތައިން ސައްތަ ދިވެހިންގެ ކޮންޓްރޯލް އޮންނަ ތަންތަނަށް ހަދައި، މާލީ މުއާމަލާތްތައް ހަރުދަނާ ގޮތެއްގައި މޮނިޓަރކުރުމަށް ސަރުކާރަށް ގޮވާލައްވައެވެ.

  • ކޮންސިއާޖް ގުރޫޕުން ވަނީ ބަޓިކް އެއާލައިންސް އަދި އެއާއަރަބިއްޔާ ކާގޯ ފަދަ އެއާލައިންތަކުގެ މަސައްކަތް ރާއްޖޭގައި ކާމިޔާބުކަމާއެކު ފަށާފައި.
  • އޭވިއޭޝަން އަދި ޓޫރިޒަމް ވިޔަފާރިތަކުގައި ބޭރު މީހުންގެ ކޮންޓްރޯލް އޮތުމަކީ ދިވެހި ކުންފުނިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުން.
  • ބޭރު ކުންފުނިތަކުން ދިވެހިންގެ ނަމުގައި ވިޔަފާރިކޮށް، ގައުމުން ބޭރަށް ފައިސާ ފޮނުވާ ނިޒާމުތައް ހަރުދަނާކޮށް މޮނިޓަރ ކުރަންޖެހޭ.
  • ކޮމިޝަން ބޭސްކޮށް ހިންގާ ވިޔަފާރިތަކުގެ ބޭންކު އެކައުންޓުތަކާއި ކޮންޓްރޯލް ސައްތައިން ސައްތަ ދިވެހިންނަށް އޮންނަ ގޮތަށް ގާނޫނުތައް ތަންފީޒުކުރުން މުހިންމު.
  • އޮންލައިން ގޭޓްވޭތައް މެދުވެރިކޮށް ޓިކެޓު ވިއްކާ ކުންފުނިތަކުން ޓެކްސް ދައްކާކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އެޅުން.
comment ކޮމެންޓް