ސުވާލު އުފެދޭ ހާދިސާއެއް ހިނގައިގެން އުޅެނިކޮށް، ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން މިއަދު ކެންސަލް

2 މާރިޗު 2026: ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ހޯމަ ދުވަހަކު ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދަށް ތާވަލުކުރި ބައްދަލުވުން، އެ މަނިކުފާނަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަން ޖެހުނީ ޑިޕްލޮމެޓިކް ބައެއް މަސައްކަތްތަކާއި، އިޓަލީގެ ފަތުރުވެރިންތަކަކަށް ދިމާވި ހާދިސާއަކާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ހުރުމުންނެވެ. މި ބައްދަލުވުން ކެންސަލްކޮށްފައި މިވަނީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފުތާގައި 'އަދަދު' ނޫހުގެ ނޫސްވެރިންނަށް ފިޔަވަޅު އަޅައި، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެންނާއި، އެ ނޫހަށް ރައީސް އޮފީހަށް ވަނުން މަނާކުރުމާ ގުޅިގެން، ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ކުރީގެ ތިން ރައީސުން ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރައްވަން ނިންމަވާފައެވެ.

  • މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން، ޑިޕްލޮމެޓިކް ބައެއް މަސައްކަތްތަކާ ހުރެ ވަނީ ކެންސަލްކޮށްފައެވެ.
  • މިދިޔަ ހަފުތާގައި 'އަދަދު' ނޫހުގެ ނޫސްވެރިއަކު ބައްދަލުވުމުން ނެރެ، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އެ ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށްލާފައެވެ.
  • 'އަދަދު' ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވެވޭނެކަން ސަރުކާރުން ވަނީ އަންގާފައެވެ.
  • ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭތީ، ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، ޢަބްދުﷲ ޔާމީން އަދި އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އެކުގައި މަސައްކަތްކުރެއްވުމަށް ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ހޯމަ ދުވަހަކު ބޭއްވުމަށް ނިންމަވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް މީޑިއާތަކަށް ރޭ ދައުވަތު ފޮނުވި ނަމަވެސް، ބައްދަލުވުން ކެންސަލްކުރިކަން ނޫސްވެރިންނަށް އަންގާފައިވަނީ މިއަދު ހެނދުނު 08:35 ހާއިރުއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރި ސަބަބާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) "ސަން" އަށް ވިދާޅުވީ، ބައްދަލުވުން ކެންސަލްކުރީ ރައީސަށް ވަގުތު ދެވެން ނެތުމުން ކަމަށެވެ. އެގޮތުން ޑިޕްލޮމެޓިކް ބައެއް މަސައްކަތްތަކާއި، އިޓަލީގެ ފަސް ފަތުރުވެރިންނަށް ދިމާވި ހާދިސާއާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ހުރުމުން ރައީސަށް މިއަދު ވަގުތު ދެވެން ނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރަން ޖެހުނީ ރައީސަށް ޓައިމް ދެވެން ނެތުމުން. އެއީ މިއަދު ކަންކަން ރޭވިފައިހުރި ގޮތުން. އެބަހުރި ޑިޕްލޮމެޓިކް ބައެއް މަސައްކަތް ތަކާއި މިހާރު ދިމާވެގެން މިއުޅޭ ކަންތަކާ ގުޅުންހުރި މަސައްކަތްތައް،" ތަރުޖަމާން ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިނގާދިޔަ ހާދިސާތަކާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

https://sun.mv/221831

އެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅިގެން އޭނާ ވަނީ ބައްދަލުވުމުން ބޭރުކޮށްފައެވެ. އަދި އޭގެ ފަހުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ޝަހުޒާން 15 ދުވަހަށް އަދި އެ ނޫހުގެ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދި 'އަދަދު' ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ އަންގާފައެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ، ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، ޢަބްދުﷲ ޔާމީން އަދި އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މިކަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވާފައެވެ.

comment ކޮމެންޓް