ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯޓު އަމުރަކާ ޚިލާފަށް ސުވާލުކުރި ކަމަށް ބުނެ ނޫސްވެރިއަކު ބައްދަލުވުމުން ނެރެފިއެވެ.
ކްރިމިނަލް ކޯޓުން ވަނީ އަދަދު ނޫހުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ރޭ އަމުރެއް ނެރެފައެވެ.
މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.
"ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު"ގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
އެއާއެކު މިއަދު ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް" އޯޑަރަށް ނުވަތަ މައުލޫމާތު ހާމަކުރުން މަނާކޮށް ނެރެފައިވާ އަމުރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
"ސަރުކާރުން ކުރާ ކަމެއް ނޫން. ޝަރުއީ ދާއިރާއިން ކުރާ މަސައްކަތް ޝަރުއީ ދާއިރާއިން ކުރާނެ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ފުރުސަތު ތަންމިންނަށް އޮތް ގައުމެއް ނަމަވެސް، އެކަން ކުރަންޖެހޭނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރެއިން ކަމަށެވެ.
އަދި މިއީ އިސްލާމީ ގައުމެއްކަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ހިލާފު ނުވަތަ ގާނޫނުއަސާސީއާ ތައާރުޒުވާ އެއްވެސް ކަމެއް ނުކުރެވޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ ފަހުން މި ބައްދަލުވުމުގެ ތެރެއިން "އަދަދު" ނޫހުގެ ނޫސްވެރިއަކު އެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން، ރައީސް ވިދާޅުވީ އެ ނޫސްވެރިޔާ އެ ސުވާލު ކުރީ ކޯޓު އަމުރާ ޚިލާފަށް ކަމަށެވެ.
އަދި ރައީސް އޮފީހުގެ ތެރޭގައި "ރޫލް އޮފް ލޯ" ނުވަތަ ގާނޫނީ ސިޔާދަތު ނަގަހައްޓަވާނެ ކަމަށް ވިދާޅުވެ، އެ ނޫސްވެރިޔާ ބައްދަލުވުމުން ނިކުތުމަށް ރައީސް އަމުރުކުރެއްވިއެވެ.
މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ކުރި ސުވާލަކާ ގުޅިގެން ނޫސްވެރިއަކު ބައްދަލުވުމުން ބޭރުކުރި ފުރަތަމަ ފަހަރެވެ.