އެމްއެންޑީއެފް ރެސްކިއު ޑައިވްގައި މަރުވި މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައި ވަޅުލައިފި

އެމްއެންޑީއެފް ރެސްކިއު ޑައިވްގައި މަރުވި މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައި ވަޅުލުން -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ގެއްލުނު ފަތުރުވެރިންތަކެއް ހޯދުމަށް ހިންގި ރެސްކިއު އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފްގެ ޑައިވަރު މުޙައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ. އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށުނަމާދަށްފަހު އޭނާ ވަޅުލާފައިވަނީ މައްޗަންގޮޅި އާސަހަރާގައެވެ. މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އާންމު ރައްޔިތުން ބައިވެރިވިއެވެ.

  • ގެއްލުނު ފަތުރުވެރިންތަކެއް ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވީ އެމްއެންޑީއެފްގެ ޑައިވަރު މުޙައްމަދު މަހުދީއެވެ.
  • މަހުދީގެ ކަށުނަމާދު ބާއްވާފައިވަނީ ރޭގަނޑު ދިހައެއް ޖެހިއިރު އިސްލާމީ މަރުކަޒުގައެވެ.
  • ޖަނާޒާގެ ކުރިން އޭނާ ވަނީ ސާޖަންޓް ފަސްޓް ކުލާސްގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.
  • ރަސްމީ އިއްޒަތުގައި އޭނާ ވަޅުލާފައިވަނީ މައްޗަންގޮޅި އާސަހަރާގައެވެ.
  • މި ޖަނާޒާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ނުފެނި ތިބި ހަތަރު މީހުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނެއްގައި އުޅެނިކޮށް މިއަދު މެންދުރުފަހު މަރުވި ސިފައިންގެ ޑައިވަރެއް ކަމަށްވާ މުޙައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިރޭ ބާއްވައި ވަޅުލައިފިއެވެ.

މަހުދީގެ ކަށުނަމާދު އޮތީ މިރޭ 22:00 ޖެހިއިރު އިސްލާމީ މަރުކަޒުގައެވެ. މި ޖަނާޒާގައި ސިފައިންގެ އިސްވެރިންނާއި، ސިފައިންގެ ގިނަ އަދަދެއްގެ ބޭކަލުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އެމްއެންޑީއެފް ރެސްކިއު ޑައިވްގައި މަރުވި މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައި ވަޅުލުން -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރޭކޮވިޣް ހިމެނިވަޑައިގަންނަވައެވެ.

އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށުނަމާދަށްފަހު، މަހުދީގެ ހަށިގަނޑު ވަޅުލުމަށް ގެންދިޔައީ މައްޗަންގޮޅި އާސަހަރާއަށެވެ. ރަސްމީ އިއްޒަތުގައި ވަޅުލުމުގެ ކަންކަން ކުރިއަށްދިޔައިރު، އޭނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި އާސަހަރާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ މީހުން އެއްވެފައިވެއެވެ.

މަހުދީގެ ވަކިވެދިއުމާ އެކު، ޖަނާޒާގެ ކުރިން އޭނާ ވަނީ "ސާޖަންޓް ފަސްޓް ކުލާސް" ގެ މަގާމަށް ޕްރޮމޯޓް ކޮށްފައެވެ.

އެމްއެންޑީއެފް ރެސްކިއު ޑައިވްގައި މަރުވި މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައި ވަޅުލުން -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

މި ހާދިސާއާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށެވެ.

ނަމަވެސް، ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/222076

މަހުދީ ފެނިފައިވަނީ، އޭނާ މައްޗަށް ނޭރުމުން އެހެން ޑައިވަރުން ވަގުތުން އަލުން މޫދަށް ފައިބައި ހޯދި ހޯދުމުގެ ތެރޭގައެވެ. އޭނާ ފެނުނުއިރު އޮތީ ޚަބަރު ހުސްވެފައި ކަމަށް ތަރުޖަމާނު މަޢުލޫމާތު ދެއްވިއެވެ.

https://sun.mv/222077

އެއާއެކު މެންދުރުފަހުގެ ވަގުތެއްގައި މަހުދީ މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް ގެންދެވުނެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއްގެ ތެރޭގައި އޭނާ ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް