އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމަށް އެމްއެންޑީއެފްއިން ހިންގަމުން އަންނަ ރެސްކިއު އޮޕަރޭޝަނެއްގެ ތެރޭގައި މިއަދު ފުރަތަމަ ފޭބީ އަށް ޑައިވަރުންގެ ތެރޭގައި ސާޖަންޓް ފަސްޓްކްލާސް މުޙައްމަދު މަހުދީ ހިމެނުނު ނަމަވެސް، އެހެން އެންމެން މައްޗަށް އެރިއިރު އޭނާ މައްޗަށް ނާރާކަން ހާމަވެއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށެވެ. ނަމަވެސް، ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
https://sun.mv/222067
މަހުދީ ފެނިފައިވަނީ، އޭނާ މައްޗަށް ނޭރުމުން އެހެން ޑައިވަރުން ވަގުތުން އަލުން މޫދަށް ފައިބައި ހޯދި ހޯދުމުގެ ތެރޭގައި ކަމަށާއި އޭނާ ފެނުނުއިރު އޮތީ ޚަބަރު ހުސްވެފައި ކަމަށް ތަރުޖަމާނު މަޢުލޫމާތު ދެއްވިއެވެ.
އެއާއެކު މެންދުރުފަހު މަހުދީ މާލެ ގެނެސް، އޭޑީކޭއަށް އަވަސް ފަރުވާއަށް ގެންދިޔައެވެ. ނަމަވެސް އިރުކޮޅެއްފަހު އޭނާ މަރުވީކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. އޭނާ ވިދާޅުވީ، އިޓަލީގެ ރައްޔިތުންގެ ހަށިގަނޑުތައް ހޯދުމަށް ކުރި މަސައްކަތުގައި ދިވެހި ސިފައިންގެ ހިތްވަރުގަދަ ސިފައިންގެ މީހަކު މަރުވުމަކީ އިޓަލީއަށް ލިބުނު އިތުރު ހިތާމައެއް ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން އިޓަލީއާއި ދިވެހިރާއްޖެ ހިތާމައިގައި ބައިވެރިވެ، ޤުރުބާންވި ފަރާތްތަކަށް އިޙްތިރާމް އަދާކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަނަކީ ކަނޑުއަޑީގައި ގެއްލިފައިވާ އިޓަލީގެ މަޝްހޫރު ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓް، މޮނިކާ މޮންޓެފަލްކޯން އާއި އިތުރު ބަޔަކު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި މޮނިކާގެ 22 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކަލް އާއި، ދިރާސާވެރިއެއް ކަމަށްވާ 31 އަހަރުގެ މުރިއަލް އޮޑެނީނޯ އާއި، 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީ ހިމެނެއެވެ. މި އެންމެން ވެސް މިހާރު ވަނީ މަރުވެފައި ކަމަށް ބެލެވެއެވެ. މި ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.