ހަތިޔާރާއި ގޮވާތަކެއްޗާއެކު، ކަޅުތުއްކަލާކޮށްޓާއި ޖުމްހޫރީ މައިދާނުގައި ސިފައިންގެ ފަރިތަކުރުންތައް ހަފުތާއަކަށް ވުރެ ގިނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މި ފަރިތަކުރުންތަކަކީ ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފުން ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކާއި ރިހާސަލްތަކެވެ.
މިގޮތުން، އެ ފަރިތަކުރުންތައް މިއަދު ފެށިގެން އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ އެކި ވަގުތުތަކުގައި ސިފައިންގެ މަރުކަޒު ކަމަށްވާ ކަޅުތުއްކަލާކޮއްޓާއި ޖުމްހޫރީ މައިދާނުގައި ކުރިއަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ހަރަކާތުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެއެވެ.
އެމްއެންޑީއެފުން ބޭއްވި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސްމި އަހަރުގެ ނަސްރުގެ ދުވަހާ ދިމާކޮށް އެމްއެންޑީއެފުން ވަނީ ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައެވެ. އޭގެތެރޭގައި، ސިފައިންގެ ފޮޓޯ މައުރަޒަކާއި ސިފައިންގެ އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރެއް ހިމެނެއެވެ.
އެ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ، ހއ. ދިއްދޫއާއި އެ އަތޮޅު ބާރަށުގައެވެ. އެއީ، ދިއްދޫއަކީ، ނޮވެންބަރު ތިނެއް، 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ޢުމަރު އަޙްމަދު ނިސްބަތްވާ ރަށަށްވާތީއެވެ.
މީގެ އިތުރުން، ބާރަށަކީ ނޮވެންބަރު ތިނެއްގެ ހަމަލާގައި ޝަހީދުވި އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށްކަން ފާހަގަކުރެވެއެވެ.