އެމްއެންޑީއެފްގެ ތަމްރީނުތަކެއް މާދަމާ ހުޅުމާލޭގައި، ހަތިޔާރު ބޭނުމެއް ނުކުރާނެ

އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން: އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މާދަމާ ހުޅުމާލޭގައި ބާއްވާނެކަން ވަނީ އިއުލާންކޮށްފައި --- ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ތަމްރީނުތަކެއް މާދަމާ ހުޅުމާލޭގައި ބާއްވާނެކަން މިއަދު އިއުލާންކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ، އެމްއެންޑީއެފްގެ ތަމްރީނުތަކެއް މާދަމާ ފަތިހު 05:00 އިން ހެނދުނު 09:00 އަށް ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ތަމްރީނުތަކުގައި ސިފައިން ޙަރަކާތްތެރިވާއިރު އެއްވެސް ބާވަތެއްގެ ހަތިޔާރެއް ބޭނުންނުކުރާނެ ކަމަށް އިއުލާނުގައިވެއެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދާނެ ތަމްރީނުތަކާ ގުޅޭ އިތުރު ތަފުސީލެއް އިއުލާނުގައި ހާމަކޮށްފައިނުވެއެވެ.

އެމްއެންޑީއެފާ އަލަށް ގުޅޭއިރު އަސާސީ ތަމްރީނު ކޯހެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ޅ. މާފިލާފުށީގައި ހުންނަ 'ދަ ބޭސިކް ސްކޫލް' އާއި ކ. ގިރިފުށީ ޓްރޭނިންގެ ސެންޓަރުގައެވެ. ނަމަވެސް، ސިފައިންގެ ގާބިލުކަން އިތުރުކުރުމާއި، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި އެ މުއައްސަސާއިން އިތުރު ތަމްރީނުތައް ދޭތެރެއަކުން ބާއްވައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ބާއްވާ ތަމްރީނުތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް