ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުالله ގެއްލުވާލި މައްސަލައިގައި ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކަމަށާއި، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޞާލިޙް ހެއްދެވީ އިތުރުފުޅެއް ކަމަށް، ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ ޞާލިޙާއި، މުޙައްމަދު ނަޝީދާއި، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ތެރެއިން ޞާލިޙް ރޭ ވިދާޅުވީ، ރިޟްވާން ގެއްލުވާލި މައްސަލަ ފުންކޮށް ތަހުގީގުކުރުމަށްފަހު، އެ މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރި ކަމަށެވެ.
"އެހެން އޮއްވައި މި ސަރުކާރު ވެރިކަމަށް އައިއްސަ އެ މީހުން ދޫކޮށްލީ، ދޫކޮށްލައިފައި ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި އެ ތިބީ،" ޞާލިޙް ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ، ރިޟްވާންގެ މައްސަލައިގައި އަދި އިންސާފު ނުލިބޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ރިޟްވާނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަންޖެހޭނެއެވެ.
އެ ވާހަކަފުޅުތަކާ ގުޅުވައި، އުޝާމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ރިޟްވާންގެ މައްސަލައިގައި ތުހުމަތުވާ ފަރާތްތައް ދޫކޮށްލީ މި ސަރުކާރުން ކަމަށް ޞާލިޙް ވިދާޅުވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށެވެ.
"އެ ފަރާތްތައް ބަންދުން ދޫކޮށްލައިފައިވަނީ 2023 ވަނަ އަހަރު އިންތިޚާބުގެ ދުވަސްވަރު، އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލައިފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު. މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވައިލުމަށް ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް،" އުޝާމް ލިޔުއްވައިފައިވެއެވެ.
ރިޟްވާން ގެއްލުވައިލި މައްސަލައިގެ ތުހުމަތުގައި ބެލުމުގެ ދަށަށް ޖޫން 26، 2022ގައި ގެންދިޔައީ އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ)އާއި، އަޙްމަދު އިސްމާޢީލް (އަހަނދު)ގެ އިތުރުން، އަޙްމަދު މުޢާޒް (ގަޓު މުއާ)އެވެ.
އެ ތިން މީހުން ހައްޔަރުކުރީ ރިޟްވާން ވަގަށް ނަގައި މަރާލައިފައިވާ މައްސަލައިގެ އިތުރުން، ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
ނަމަވެސް ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ ތިން މީހުންވެސް ދޫކޮށްލައިފައެވެ. އޭގެ ތެރެއިން ޖޫން 22، 2023ގައި އަހަނދު ދޫކޮށްލިއިރު، އިސޫ ދޫކޮށްލީ ޖެހިގެން އައި ޖުލައި މަހުގެ 12ވަނަ ދުވަހެވެ. އަދި ގަޓު މުއާ ދޫކޮށްލީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ސެޕްޓެންބަރު މަހުގެ 19ވަނަ ދުވަހެވެ.
ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ރިޟްވާން ދިރިއުޅެމުން އައި އެޕާޓްމަންޓް ކައިރިން އޭނާ ރަހީނުކޮށް ކާރަކަށް އަރުވައި ޑިންގީއަކަށް އަރުވައިގެން ގެންގޮސް އޭނާ އެރުވީ ކަނޑު އުޅަނދަކަށެވެ. އަދި އެ އުޅަނދުގައި އޭނާގެ ކަރު ބުރިކޮށް ހަށިގަނޑު ކަނޑުފެއްތީއެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ.