މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲގެ މަރަކީ ފުލުހުންނަށް އެނގި ތިބެ, އެކަން ހުއްޓުވެން އޮތް ކަމެއް ކަމުގައި މަރު ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވެއްޖެއެވެ.
މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ 2011 ވަނަ އަހަރު ތަފާތު ޚިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު ކުރިމަތިލުންތަކެއް ފެށުނު ކަމަށެވެ.
ހަމަ އެ އަހަރު، އެމްޑީޕީއަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށް ތުހުމަތުކޮށް، އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ފެށި ކަމަށާއި އެއަށް ފަހު ސޯޝަލް މީޑިއާގައި ތަފާތު ޚިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު ހިނގަމުންދިޔަ ބަހުސްތައް ހޫނުވާން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށް ފަހު، އެ ބަހުސްތަކުގައި ގޭންގުތަކުން ވެސް ބައިވެރިވާން ފެށި ކަމަށާއި ދީނަށް ފުރައްސާރަކުރާ ކަމަށް އެމީހުން ގަބޫލުކުރާ މީހުންނަށް ބިރުދެއްކުމާއި އަނިޔާކުރުމުގެ އަމަލުތައް ހިންގަން ފެށި ކަމަށް ފަރީޝާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އަމަލުތައް ހިންގުމުގައި އެންމެ އިސްކޮށް ތިބީ މއ. ފާގަފިލާގެ، އަޙްމަދު އިސްމާޢީލް (އަހަނދު) އާއި ދަފްތަރު ނަންބަރު ރސ 8499، އަޙްމަދު މުއާޒު (ގަޓުމުއާ) ކަން ތަހުގީގަށް އެނގިފައިވެއެވެ.
އޭގެ ތެރެއިން މުއާޒު އިސްވެ ހުރެ ޖޫން 2014ގައި، އޭރުގެ ދައުލަތުގެ ދެ ވަޒީރަކާއެކު ބައްދަލުވުން ބޭއްވި ކަމަށާއި އެ ދެ ބައްދަލުވުން ހަމަޖައްސައިދިނުމުގައި ހޯމް މިނިސްޓަރުގެ ނައިބު މ. ފުސްތުޅާގެ، މުޙައްމަދު ހާނިމް ދައުރެއް އަދާކޮށްފައިވާކަން ތަހުގީގަށް ހޯދުނު ކަމަށް ފަރީޝާ ވިދާޅުވިއެވެ.
އެ ވަޒީރުންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ކުރިން މުއާޒު، އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ޙުސަން ވަހީދުއާ ވެސް ބައްދަލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮމިޝަނަށް ފާހަގަކުރެވުނު އެއް ކަމަކީ އަހުމަދު މުއާޒު އަކީ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއާ ގާތް ގުޅުމެއް އޮތް ފަރާތެއްކަން،" ފަރީޝާ ވިދާޅުވިއެވެ.
ގޭންގުތަކުގެ ހަރަކާތްތައް ފުޅާވި ނަމަވެސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ފަރާތްތަކުން ރާއްޖޭގައި ގޭންގުތަކެއް ނެތްކަމަށް ބުނަމުން ދިޔަ ކަމަށާއި އޭގެ ސަބަބުން ގޭންގުތަކަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، ކުށްކުރާ ގޭންގުތަކާއި ހަރުކަށި ފިކުރުގެ މީހުން ދިޔައީ އެމީހުންގެ ބާރުވެރިކަން އިތުރުކުރަމުން ކަމަށާއި 2014 ވަނަ އަހަރު އައިއެސްގެ ދިދައާއި ލިޔުންތައް ހާމަކަން ބޮޑުގޮތެއްގައި ބޭނުންކޮށްގެން މާލޭގައި މުޒާހަރާކޮށްފައިވާކަން ފަރީޝާ ފާހަގަކުރެއްވިއެވެ.
އެއަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އައިއިރު ރާއްޖެ އޮތީ ސިޔާސީ، އިޖްތިމާއީ އަދި ދީނީ ހަމަނުޖެހުންތަކެއްގެ ތެރޭގައި ކަމަށާއި ހަރުކަށި ފިކުރުގެ ފަރާތްތަކާއި ކުށްކުރާ ގޭންގުތަކުގެ ބާރާއި ނުފޫޒު ދިޔައީ އިތުރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ގޭންގުތަކާއި ހަރުކަށި މީހުންގެ ފަރާތުން ރިލްވާނަށް ވެސް އިންޒާރު ދެމުން ދިޔަ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅުވައި މިސްބާހް ވިދާޅުވީ، 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި ހިނގި ކަންތައްތަކުގެ ސަބަބުންނާއި އެކަމާ ގުޅިގެން މާލޭގައި ހިނގަމުން ދިޔަ ކަންކަމާ ގުޅިގެން އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓަށް އެ މައްސަލަ ފޮނުއްވި ކަމަށެވެ.
"އަދި އޭގެ އިތުރުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން ދިޔަ ފަރާތްތަކަށް އޭރު ކުރިމަތި ކުރުވަމުން ދިޔަ ކަންތައްތަކުގެ މައްޗަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަލިޖެންސުން ތައްޔާރުކޮށްފައި ހުރި ރިޕޯޓްތަކެއް ހުރި،" މިސްބާހު ވިދާޅުވިއެވެ.
މިސްބާހު އިތުރަށް ވިދާޅުވީ އަހަނދާއި މުއާޒުގެ ފަރާތުން ރިލްވާނަށް ނުރައްކާ އޮތް ކަން ފުލުހުންނަށް އިނގޭ ކަމަށާއި، އެކަމުގެ ސަބަބުން ރިލްވާނުގެ ފޯނު ވެސް ފުލުހުން އަޑު އަހަމުން ދިޔަ ކަމަށެވެ.
"އެގޮތުން އަހްމަދު ރިލްވާން އަބްދުﷲ މަރާލުމުގެ ކުރިން، އޭނާއަށް ތްރެޓް އޮތް ކަން ގަބޫލުކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން އަޑު އަހަމުން ގެންދިޔަ ކަމުގައި ފާހަގަ ކުރަން،" މިސްބާހު ވިދާޅުވިއެވެ.
މިސްބާހް އިތުރަށް ވިދާޅުވީ ސޯޝަލް މީޑީއާގެ ސަބަބުން، 2011 ވަނަ އަހަރުން ފެށިގެން ރިލްވާން މަރާލުމާ ހަމައަށް ބައިވަރު ކަންކަން ހިނގަމުން އައި ކަމަށެވެ. އަދި އެކަންތައްތައް ނުހުއްޓުވި ދިޔުމުން އިތުރު ކަންކަން ހިނގާފައިވާ ކަމަށާއި ރިލްވާން މަރާލުމުގެ އިތުރުން ވެސް ބައިވަރު ކަންތައްތައް ކޮމިޝަނުގެ ރިޕޯޓަށް ފާހަގަ ވެފައިވާ ކަމަށެވެ.
"[އޭރު މާލޭގައި ހިނގި ކަންތައްތަކުގެ] އެންމެ އިސްދައުރެއް އަދާކުރީ އަހްމަދު އިސްމައިލް އަދި އަހްމަދު މުއާޒް. އެމީހުންގެ ޓާގެޓަކަށް ރިލްވާން ވެފަ އޮތްކަން ތަހުގީގަށް ފާހަގަ ކުރެވޭ، އަދި މިކަންކަން ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައި އޮތްކަންވެސް ފާހަގަ ކުރެވޭ،" މިސްބާހު ވިދާޅުވިއެވެ.
ރިލްވާންގެ ފޯނު ތިން މަސް ވަންދެން އިންޓަސެޕްޓް ކުރިކަން ފަރީޝާ ވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ އިންޓަސެޕްޝަން ފުލުހުން ނިންމާލީ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުން ކަމަށެވެ. އެއީ ރިލްވާން މެރުމުގެ 17 ދުވަސް ކުރިން ކަމަށް ވެސް ފަރީޝާ ވިދާޅުވިއެވެ.
ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެކަން ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ދާދިފަހުން ވަނީ ރިލްވާނުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ.
އެއީ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު)ގެ އިތުރުން މާލޭ ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ)އެވެ.
ރިލްވާންގެ އިތުރުން، 2017 ވަނަ އަހަރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން އިސޫއަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ.
އަހަނދުއަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާއެވެ.
ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި މުއާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.