ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ އަހަނދު ދޫކޮށްލައިފި

އަޙްމަދު އިސްމާއީލް، އަޙްމަދު މުއާޒް އަދި އިސްމާއީލް އަބްދުއްރަހީމް އާދަމް: ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ތިން މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފަ ---

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު) ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން 26ގައި ހައްޔަރުކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުކުރި އަހަނދުގެ އަޑުއެހުންތައް ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ. އިއްޔެ އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކުގައެވެ.

އަހަނދަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވި ކަމުގެ ދައުވާއެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާގޮތުގެ މަތިން އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ ކަމަށެވެ.

އޭނާ ވަނީ ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް އެކަން ކުރުމަށް އެހީތެރިވެދީފައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ ދެ މައްސަލައިގައި ދެން ދައުވާކޮށްފައި ވަނީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)އަށާއި އަހްމަދު މުއާޒް (ގަޓު މުއާ)އަށެވެ.

އޭގެ ތެރެއިން އިސޫއަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެގޮތުން ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރު އޭނާއަށް ފާރަލައި ރަހީނުކޮށް މަރާލުމުގައި އެހީތެރިވެދީފައިވާތީ ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުރި ދެވަނަ ދައުވާއަކީ ޔާމީންގެ ބްލޮގާއި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާއަށް ފާރަލައި މަރާލުމަށްޓަކައި 2017 ވަނަ އަހަރު ފާރަލައި އެހީތެރިވެދީފައިވާކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާކޮށްފައިވެއެވެ.

ގަޓު މުއާގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ރިލްވާން ރަހީނުކުރި ކަމުގެ ތުހުމަތުގައި މީގެކުރިން ދައުވާ އުފުލި ހ. ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލާގައި ސ. ހުޅުދޫ، އަތިރީއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް އޭނާ ވަނީ ސީރިއާ ހަނގުރާމައިގައި މަރުވެވެފައި ކަމަށް މަރު ކޮމިޝަނުން ވަނީ ކުރިން ބުނެފައެވެ.

ޔާމީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މ. އިރާސްމިކްގޭ އަހްމަދު ޒިހާން އިސްމާއީލާއި ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، އުމުރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި ގޮތުގައި 1.3 މިލިއަން ރުފިޔާ ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް