ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާކުރި އިސޫ ވެސް ބަންދުން ދޫކޮށްލައިފި

ރިލްވާން ގެއްލުވާލި މައްސަލާގައި ތުހުމަތު ކުރެވޭ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ): އޭނަ ވަނީ ބަންދުން ދޫކޮށްލާފައި --- ފައިލް ފޮޓޯ/ މިދުއަމް ސައުދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ)ބަންދުން ދޫކޮށްލައިފިއެވެ.

ހަރުކަށި ޝަރުތަތަކެއް ކުރުމަށްފަހު އެ މައްސަލައިގައި ހިމެނޭ މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު) ވެސް ވަނީ ދާދި ފަހުން ބަންދުން ދޫކޮށްލައިފައެވެ.

ދެ މީހުންގެ މަރުގެ މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އިސޫ މިއަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާއިރު އޭނާގެ މައްޗަށް ވެސް ވަނީ އަހްމަދު އިސްމާއީލްއަށް ކުރި ޝަރުތުތައް ކޮށްފައެވެ.

އެގޮތުން ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައިވާއިރު އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓައި ފައިގައި ޓެގް އެޅުވުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އަދި އޭނާ ދޫކޮށްލުމުން އެ މައްސަލައިގައި ހިމެނޭ ހެކިންނަށް ޖިސްމާނީ ރައްކާތެރިކަން ދިނުމުގެ އަމުރެއް ވެސް ވަނީ ނެރެފައެވެ.

ރިލްވާނާއި ޔާމީންގެ މަރުގައި މައްސަލައިގައި އިސޫއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

އެގޮތުން ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރު އިސޫ އޭނާއަށް ފާރަލައި، މަރާލުމުގައި އެހީތެރިވެދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޔާމީންގެ ބްލޮގާއި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ވަނަ އަހަރު އޭނާއަށް ފާރަލައި އެހީތެރިވެދީފައިވާކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

comment ކޮމެންޓް