ރިލްވާން ގެއްލުވާލި މައްސަލަ: އިސޫ އާއި ބުރު އަހަނދު ހައްޔަރުކޮށްފި

ފުލުހުން މިއަދު ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހައްޔަރުކުރި އިސްމާއިލް އަބްދުއްރަހީމް (އިސޫ) (ކ) އާއި އަޙްމަދު އިސްމާއިލް (އަހަނދު) -- ފޮޓޯ/ ފުލުހުން

ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲގެ ތަހުގީގާ ގުޅިގެން ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަޙްމަދު އިސްމާއިލް (އަހަނދު) އާއި އަހްމަދު މުއާޒް (ގަޓު މުއާ)އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ރިލްވާން ވަގަށް ނަގައި މަރާލާފައިވާ މައްސަލައިގެ އިތުރުން، ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.

ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައިވާ ގޮތުން، ރިލްވާން ދިރިއުޅެމުން އައި އެޕާޓްމަންޓް ކައިރިން އޭނާ ރަހީނުކޮށް ކާރަކަށް އަރުވައި ޑިންގީއަކަށް އަރުވައިގެން ގެންގޮސް އޭނާ އެރުވީ ކަނޑު އުޅަނދަކަށެވެ. އަދި އެ އުޅަނދުގައި އޭނާގެ ކަރު ބުރިކޮށް ހަށިގަނޑު ކަނޑުފެއްތީއެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހުގެ ރެއެވެ.

ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ, ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ނަމަވެސް އެ ދެ މީހުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ހުކުމް ކޮށްފައެވެ.

comment ކޮމެންޓް